ތިޔަ އުޅެނީ ފައި ދާ ހިއްލުމަށް ހައްލެއް ނުލިބިގެންތަ؟ މިއޮތީ ކުރެވިދާނެ ބައެއް ކަންކަން
ފައި ދާ ހިއްލުމަކީ ގިނަ ބަޔަކަށް ކުރިމަތިވެފައިވާ ތަކުލީފެކެވެ. ހޫނު ދުވަހެއްގައި ނަމަ ފައި ދާ ހިއްލާ މިންވަރު އިތުރުވާ ކަމަށް އެފަދަ މީހުން ބުނެއެވެ. އަދި ބޫޓަށް އަރައި ހުއްޓާ ފައި ދާ ހިއްލައިފި ނަމަ ދެން ބޫޓު ބާލާއިރު ތަތްމުޑު ވަސް ދުވުމަކީ އެފަދަ މީހުން ވަރަށް ކަންބޮޑުވާ ކަމެކެވެ. އޮފީހުގައި އިންނައިރުގައި އަދި ސްކޫލްގައި އިންނައިރުގައި މިފަދަ ކަންކަން ވުމަކީ ބައެއް ފަހަރަށް ވަރަށް ލަދު ވެސް ގަންނަ ކަމެކެވެ. ކޮންމެއަކަސް މިކަމަށް ހައްލެއް ހޯދުމަށް އެކި މީހުން ކޮށް އުޅެނީ އެކި ކަހަލަ ކަންކަމެވެ. ކިޔައިދޭން މިއުޅެނީ ވެސް އެފަދަ ބައެއް ކަންކަމެވެ.
އިސްޓާކީނު
ތިބާ އަރާ އިސްޓާކީނަކީ ވެސް ތިބާގެ ފައި ދާ ހިއްލުމުގައި ބޮޑު ރޯލެއް އަދާ ކުރާ އެއްޗަކަށް ވެދާނެއެވެ. އެހެންކަމުން އިސްޓާކީނު ގަތުމުގައި ސަމާލުކަން ދޭން އެބަ ޖެހެއެވެ. ހޫނުގަދަ ދުވަސްވަރެއް ނަމަ ކޮޓަން (ކަފަ) އިސްޓާކީނަށް އެރުން އެދެވިގެންވެއެވެ. ސަބަބަކީ އޭގެ ސަބަބުން ވައި ބޭރުވުމަށް އެހީތެރިވެދޭތީއެވެ. ފިނި މޫސުމުގައި ފައި ފިނިވާ ނަމަ ވޫލް އިސްޓާކީނަށް އެރުން އެދެވިގެން ވެއެވެ. އަދި ނައިލޯން އިސްޓާކީނު ބޭނުން ނުކުރާށެވެ. ސަބަބަކީ ނައިލޯން އިސްޓާކީނުގައި އެތެރެ ވަރަށް ބޮޑަށް ބަންދުވެފައި ހުންނާނެތީއެވެ. އެހެންކަމުން ސްޕޯރޓްސް ސޮކްސް ފަދަ އެއްޗެއް ބޭނުން ކުރުން އެދެވިގެންވެއެވެ.
ހައިޑްރޭޝަން
ގިނައިން ފެން ބުއިމަކީ ވެސް ފައި ދާ ހިއްލުމުން ރައްކާތެރި ކޮށްދޭނޭ ކަމެކެވެ. ސަބަބަކީ ރަނގަޅަށް ހައިޑްރޭޓް ވެފައި ހުރުމަކީ ތިބާގެ ހަށިގަނޑުގެ ފިނި ހޫނުމިން ރަނގަޅުވަރެއްގައި ހިފެހެއްޓުމަށް އެހީތެރިވެދޭ ކަމެކެވެ. އަދި އެކަމުގެ ސަބަބުން ފައި ދާ ހިއްލުން މަދު ކޮށްދޭނެއެވެ.
ލިސްޓެރިން އިން ފައި ދޮވުން
ލިސްޓެރިން އަކީ އަނގަ ދޮވުމަށްޓަކައި ބޭނުން ކުރާ މައުތު ވޮޝްއެކެވެ. ކޮންމެއަކަސް ލިސްޓެރިން އިން ފައި ދޮވުމަކީ، ފައި ދާ ހިއްލުމަށް އޮތް ހައްލެއް ކަމުގައި ވެދާނެއެވެ. މިކަން ކުރުމަށްޓަކައި ބޭނުންވާނީ، ލިސްޓެރިން އާއި ވިނެގަރ އަދި ފެނެވެ.
އެންމެ ފުރަތަމަ ޖޯޑެއްގެ ލިސްޓެރިން އާއި ޖޯޑެއްގެ ވިނެގަރ އާއި ޖޯޑެއްގެ ތާފަނާ ފެން ތިބާގެ ފަައި ލެވޭ ފަދަ އެއްޗަކަށް އަޅާށެވެ. އަދި އެއަށްފަހު ތިބާގެ ފައި އެއަށް ލުމަށްފަހު 15 ވަރަކަށް މިނެޓު މަޑުކޮށްލާށެވެ. ލިސްޓެރިންގެ ސަބަބުން ތިބާގެ ފައިގައި ހަރުލާފައި ހުންނަ ބެކްޓީރިއާތައް މަރާލަދޭނެއެވެ. އަދި ވިނެގާރ އަކީ ވެސް ބެކްޓީރިއާއަށް އޮތް ފަރުވާ އެކެވެ. އަދި އޭގެ ސަބަބުން ތިބާގެ ފައި ދާ ހިއްލުމަށް ހައްލެއް ލިބިދާނެއެވެ.
ސައިފަތުން ފައި ދޮވުން
ސައިފަތް ޕެކެޓުން ފައި ދޮވުމަކީ ވެސް ފައި ދާ ހިއްލުމުން ރައްކާތެރިވުމަށް ކުރެވިދާނެ ވަރަށް މޮޅު ކަމެކެވެ. އެގޮތުން މިކަން ކުރުމަށްޓަކައި ބޭނުން ވާނީ 2 ސައިފަތް ޕެކެޓާއި ތެއްޔަކާއި ސައިބޯންޏާއި ތުވާއްޔެކެވެ.
އެންމެ ފުރަތަމަ ކަމަކަށް ލީޓަރެއްގެ ފެން ތެއްޔަށް އަޅާލާށެވެ. އަދި އެއަށް ސައިފަތް ޕެކެޓުތައް ލާށެވެ. އަދި އެއަށްފަހު 10 މިނެޓު ވަންދެން ފެން ހޫނު ކުރަން ކައްކާލާށެވެ. އަދި އެއަށްފަހު 15 މިނެޓު ވަންދެން ހިހޫ ކޮށްލުމަށްޓަކައި ބަހައްޓާށެވެ. އަދި އެއަށްފަހު ސައިބޯނި ލައިގެން ފައި ރަނގަޅަށް ދޮވެލާށެވެ. އަދި ތުވާލިން ރަނގަޅަށް ފައި ހިއްކާލާށެވެ. އެއަށްފަހު ތެއްޔަށް ލީ ސައިފަތް ޕެކެޓުތައް ނަގާށެވެ. އަދި ތެލީގައި ހުރި ފެން ފައި ލެވޭ ފަަދަ އެއްޗަކަށް އަލާށެވެ. އެއަށްފަހު 15-20 މިނެޓު ވަންދެން އެއަށް ފައި ލައިގެން އިންނާށެވެ. ފައި ނެގުމަށްފަހު ވެސް ތުވާއްޔަކުން ރީއްޗަށް ހިއްކާލާށެވެ. ދުވާލަކު ދެ ފަހަރު މިކަން ކުރަމުން ގެންދާށެވެ. ތިބާގެ ފައި ދާ ހިއްލުމުން ދުރުކޮށްދޭ ތަން ފެންނާނެއެވެ.