ފޮނަދޫ ގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ލ. ފޮނަދޫގައި މިރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފޮނަދޫ ގައި އެކްސިޑެންޓެއް ހިނގައިގެން އުޅޭކަން އެރަށު ކައުންސިލުގެ ނައިބު ރައީސް މޫސާ ޢަބްދުﷲ ވަނީ "ދެން" އަށް ކަށަވަރު ކޮށްދެއްވާފައެވެ.
އެރަށުން މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި އެކްސިޑެންޓުވީ ލިންކް ރޯޑުން އެއް ކޮޅުން ދުއްވާފައިދިޔަ ދެ ސައިކަލު، އެއް ސައިކަލު ސިގްނަލް ނާޅާ އަޅަން އުޅުމުގެ ތެރޭގައި ކަމަށެވެ. މި އެކްސިޑެންޓުގެ ސަބަބުން އެކަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ލ. ފޮނަދޫ އިން ގަމަށް ދިޔަ ދެ ސައިކަލު ޖެހި އެކްސިޑެންޓު ވެފައިވާ ކަމުގެ މައުލޫމާތު މިރޭ 21:30 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
މިއެކްސިޑެންޓުގައި ދެ ސައިކަލު ދުއްވި ދެމީހުންނަށް އަނިޔާވެފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ. އެ ދެ މީހުންނަށް ވެސް ލ. ގަމު ހޮސްޕިޓަލުން ދަނީ ފަރުވާ ދެމުންނެވެ. އެތަނުން އެކަކު އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.
މިއެކްސިޑެންޓުގެ ތަހުގީގު ފުލުހުން ދަނީ ކުރަމުންނެވެ.