ހުޅުމާލެ ގޮނޑުދޮށުގައި ރެދަން ލާ، ނޫކުލައިން ދިއްލާލައިފި

ހުޅުމާލެ ގޮނޑުދޮށުގައި ވެސް ރެދަން ލާ، ގޮނޑުދޮށް ދިއްލާލައިފިއެވެ.
ކޮންމެ އަހަރެއްގެ ވެސް މި ދުވަސްވަރަކީ ރާއްޖޭގެ ބައެއް ރަށްރަށުގެ ގޮނޑުދޮށްތަކުގައި ރެދަން ލާ، ދިއްލާ ދުވަސްވަރެކެވެ. އާންމުކޮށް ރެދަން ލަނީ މަދު ރަށެއްގައި ނަމަވެސް ރޭ ހުޅުމާލޭ ގޮނޑުދޮށްތައް ވެސް ވަނީ ނޫ ކުލައިން ދިއްލާލާފައެވެ.
ހުޅުމާލޭ ގޮނޑުދޮށްތަކުގައި ރެދަން ލާފައިވާ މަންޒަރު ބަލަން ގިނަ ބަޔަކު ޖަމާވިއިރު، މީސްމީޑިއާގައި މިހާރު ފުރިފައިވަނީ ރެދަނުގެ ފޮޓޯ އާއި ވީޑިއޯ އިންނެވެ.
ރެދަނުން ހުޅުމާލެ ގޮނޑުދޮށް ރޭ ދިއްލާލާފައިވާއިރު، ބީއްސާލާ ކޮންމެ ރާޅަކާއެކު އެ އަލި ގަދަވެގެންދިޔައެވެ.
ރެދަން އަކީ ލޮލަށް ނުފެންނަ ވަރުގެ ކުދިކުދި ސޫފިތަކެކެވެ. ރެދަން ލަނީ ބަޔޮލުމިނެސެންސް ފައިޓޮޕްލެންކްޓަންސްގެ ސަބަބުންނެވެ.