ޚަބަރު

ދެވަނަ ކުއާޓަރުގައި ސަރުކާރުގެ ހަތް ކުންފުންޏަކަށް ވި ފައިދާ އިތުރުވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ނިމިދިޔަ 2019 ވަނަ އަހަރުގެ ދެވަނަ ކުއާޓަރާއި އަޅާބަލާއިރު، މިއަހަރުގެ ދެވަނަ ކުއާޓަރުގައި ސަރުކާރުގެ ހަތް ކުންފުންޏަކަށް ލިބުނު ފައިދާ އިތުރު ވެއްޖެއެވެ.

Ads by STELCO

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މޯލްޑިވްސް ސެންޓާ ފޯ އިސްލާމިކް ފިނޭންސް އަށް މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި 1.60 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބިފައިވާ އިރު، މިއަހަރުގެ ދެވަނަ ކުއާޓަރުގައި އެ ކޯޕަރޭޝަނަށް 1.36 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބިފައިވެއެވެ. އެހެންކަމުން އެ ކޯޕަރޭޝަނަށް 15 އިންސައްތައިގެ ފައިދާ އެއް ވެފައިވެއެވެ.

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އަށް ވެސް މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި 14.3 މިލިއަން ރުފިޔާގެ ގެއްލުންވެފައި ވާއިރު، މިއަހަރުގެ ދެވަނަ ކުއާޓަރުގައި އެ ކޯޕަރޭޝަނަށް ލިބުނު ގެއްލުން 12.7 މިލިއަން ރުފިޔާ އަށް ދަށްކުރެވި، 12 އިންސައްތަ އަށް ނެޓް ޕްރޮފިޓް ވަނީ އުފުލިފައެވެ.

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އަށް ބަލައިލާ އިރު، މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި އެ ކުންފުންޏަށް 30.6 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބިފައިވެއެވެ. ނަމަވެސް މިއަހަރުގެ ދެވަނަ ކުއާޓަރުގައި އެ ކުންފުންޏަށް ލިބުނު ގެއްލުން ވަނީ 3.11 މިލިއަނަށް ދަށް ކުރެވިފައި ވާތީ، އެ ކުންފުންޏަށް 90 އިންސައްތަ ނެޓް ޕްރޮފިޓް ވަނީ އުފުލިފައެވެ.

އެޗްޑީސީ އަށް ބަލާއިރު މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި 48.4 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބިފައިވެއެވެ. ނަމަވެސް މިއަހަރުގެ ދެވަނަ ކުއާޓަރުގައި 3.63 މިލިއަން ރުފިޔާ އަށް އެ ކުންފުނީގެ ގެއްލުން ދަށްވުމާ ގުޅިގެން އެޗްޑީސީއަށް ވަނީ 92 އިންސައްތަ ފައިދާ ވެފައެވެ.

ހައްޖު ކޯޕަރޭޝަނަށް 976،814 ރުފިޔާގެ ގެއްލުމެއް ލިބިފައިވާ އިރު، މި އަހަރުގެ ދެވަނަ ކުއާޓަރުގައި އެ ކޯޕަރޭޝަނަށް ލިބުނު ގެއްލުންތައް ބޮޑުތަނުން ވަނީ ދަށް ކުރެވިފައެވެ. އެގޮތުން 764،658 ރުފިޔާގެ ގެއްލުން ދަށް ކުރެވި،ޙައްޖު ކޯޕަރޭޝަނަށް 78 އިންސައްތައިގެ ފައިދާއެއް ވަނީ ލިބިފައެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އަށް މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރާއި އަޅާ ބަލާއިރު، މިއަހަރުގެ ދެވަނަ ކުއާޓަރުގައި 5 އިންސައްތައިގެ ފައިދާ އެއް ވަނީ ލިބިފައެވެ. އެގޮތުން މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި އެމްޓީސީސީއަށް 14.1 މިލިއަން ރުފިޔާ ލިބިފައިވާ އިރު، މިއަހަރުގެ ދެވަނަ ކުއާޓަރުގައި 15.1 މިލިއަން ރުފިޔާ ސާފު ފައިދާގެ ގޮތުގައި ލިބިފައިވެއެވެ.

އެސްޓީއޯއަށް މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 76.6 މިލިއަން ރުފިޔާ ލިބިފައިވާ އިރު، މިއަހަރުގެ ދެވަނަ ކުއާޓަރުގައި އެކުންފުންޏަށް 104.9 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އެއާއެކު އެސްޓީއޯ އަށް މި އަހަރުގެ ދެވަނަ ކުއާޓަރުގައި 37 އިންސައްތަ ކުރިއެރުން ލިބިފައިވެއެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!