ޚަބަރު

ޖޫރިމަނާ އުސޫލު އާއްމުކުރީ އިދިކޮޅު ޖަލްސާއަށް އަމާޒުކޮށް: ޝުޖާޢު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކޮވިޑް-19އާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަޅާފައިވާ ފިޔަވަޅުތަކާ ހިލާފުވާ ފަރާތްތައް ޖޫރިމަނާ ކުރާ އަދަދު ބޮޑުކޮށް އުސޫލެއް މިއަދު އާންމުކުރީ އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާ އަށް އަމާޒުކޮށްގެން ކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާޢު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

އަންނަ ހޮނިހިރު ދުވަހުގެރޭ އިދިކޮޅުން "ވިސްނާ" ގެ ނަމުގައި ކާނިވާ ސަރަހައްދުގައި ޖަލްސާ އެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.

އެޗްޕީއޭގެ އެއުސޫލާ ގުޅިގެން ޝުޖާޢު ވިދާޅުވީ ކުއްލިއަކަށް އުސޫލެއް ހަދާފައި ވަނީ އިދިކޮޅުގެ ޖަލްސާ އަށް އަމާޒުކޮށްގެން ކަމަށާއި އެއްލަކިން ޖޫރިމަނާ ކުރަމުންދާ ކަމަށެވެ.

"ރައްޔިތުން ފެލުން ހުއްޓުވަން ސަރުކާރުން ވިސްނުން ނުގެންގުޅޭ. މިކަމާ ރައްޔިތުން ވިސްނުމަށްފަހު ޖަލްސާ އަށް ވަޑައިގަތުމަށް ވެސް އެދެން" ޝުޖާޢު ވިދާޅުވިއެވެ.

އެޗްޕީއޭ އިން މިއަދު ނެރުނު އުސޫލެއްގައި ބުނީ އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ބަލިފެތުރުން ކޮންޓްރޯލް ކުރުމަށް އަންގާ އެންގުމަކަށް މީހަކު ހުރަސްއަޅައިފި ނަމަ ނުވަތަ ޢަމަލު ނުކޮށްފި ނަމަ، އެ ފަރާތަކުން އެ ކުރަނީ ކުށެއް ކަމަށެވެ.

އެގޮތުން އާއްމު ފަރުދެއް ނަމަ، ފުރަތަމަ 1،000 ރުފިޔާއިން ދެވަނަ ފަހަރު 3،500 ފަހަރު އަދި ތިންވަނަ ފަހަރު 7،500 ރުފިޔާއިން ޖޫރިމަނާ ކުރާނެ އެވެ. ހަތަރުވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކު 10،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަަށް އުސޫލުގައި ބުނެފައިވެއެވެ.

ގާނޫނީ ޝަހުސެއްނަމަ ފުރަތަމަ ފަހަރު 5،000 ރުފިޔާއިން ދެވަނަ ފަހަރު 25،000 ފަހަރު އަދި ތިންވަނަ ފަހަރު 50،000 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށް ވެސް އުސޫލުގައިވެއެވެ. އަދި އެންގުމާ ހިލާފުވާ ހަތަރުވަނަ ފަހަރު 75،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި އެންގުމާ ހިލާފުވާ ފަސްވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކު 100،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަަށް އުސޫލުގައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!