ރިޕޯޓް

މާލޭގެ ނުތަނަވަސް ދިރިއުޅުމުން ހައްދުންމަތީގެ ހިތްފަސޭހަ ދިރިއުޅުމަށް އިބްރާހީމް މަނިކު ކުރި ދަތުރު، ބަނަކޮށްލީ ކުއްލި އެކްސިޑެންޓަކުން

އިބްރާހީމް ޙުސައިން ، ދެން އޮންލައިން
ލާމު ލިންކް ރޯޑްގައި ސައިކަލެއް ދުއްވާފައިދަނިކޮށް.. ފޮޓޯ: މީސްމީޑިއާ

މާލޭގެ ނުތަނަވަސް ދިރިއުޅުމުގެ ވާހަކައަކީ އެންމެންމެ އަބަދު ދައްކާ ވާހަކައެކެވެ. އެތައް އަހަރެއް ކުރީންސުރެ އުފެދި ، މޫލައި ހަރުލައިފައިވާ ތޮއްޖެއްސުމުގެ ސިޔާސަތުގެ ދަށުން ދަރީންނަށް ތައުލީމު ދިނުމާއި ޞިއްޙީ ރަނގަޅު ޚިދުމަތްތައް ހޯދުން ފަދަ ޒަރޫރީ ބޭނުންތައް ހޯދުމަށް އާންމުންނަށް ގައިދުވާން ޖެހުނީ ވެރި ރަށް ފުރަ މާލެގައެވެ. 

Ads by MWSC

ހައިރާންވެ ފިކުރު ބޮޑުވާން ޖެހެނީ މި ސިޔާސަތުގެ ގެއްލުން ބޮޑުވާ މިންވަރާ މެދުގައެވެ. އެކަމުގެ ދިލައިން ފިހެނީ ހަމައެކަނި މާލޭގައި ދިރިއުޅޭ ރަށްރަށުގެ ކުލީގެ އަހުލުވެރީންނެއް ނޫނެވެ. އުޅޭނެ ގޮތެއް ، ކުރާނެ ކަމެއް ނެތި ބިކަ ވަނީ މާލޭގެ ވެސް އެތައް ރައްޔިތުންނެކެވެ. އޭގެ ތެރެއިން އެކަކީ އުމުރުން 65 އަހަރުގެ އިބްރާހީމް މަނިކެވެ. ހިތް ފަސޭހަ ދިރިއުޅުމެއް ހޯދަން ކުރި ދަތުރު ބަނަވެ އޭނާ މިހާރު އެ ދަނީ މަރާ ހަނގުރާމަ ކުރަމުންނެވެ.

ދިރިއުޅުން ފޮނަދުއަށް ބަދަލުކުރުން

އިބްރާހީމް މަނިކަކީ އެންމެ ކުޑައިރުންސުރެ ވެސް މާލޭގައި ދިރިއުޅެމުން އައި މާލޭ ރައްޔިތެކެވެ. 15 ދަރީން ލިބި ދަރީން ވަޒީފާ އަދާކޮށް ދިރިއުޅެމުން ދަނީ ވަކީންނެވެ. އުމުރުގެ ފަހު ބަޔަށް އަޅައިލިއިރު އުޅެން ޖެހުނު ކުޑަކުޑަ ކޮޓަރި ގަނޑުގައި ދިރިއުޅުން އޭނާއަށް ވީ ބޮޑު ވޭނަކަށެވެ. އަދި ތަނެއް ކުއްޔަށް ހިފައި ކުއްޔާއި ދިރިއުޅުމުގެ އެހެނިހެން ޚަރަދުތައް އުފުލުމައިގެން ދިރިއުޅުމުގެ ވަރުގަދަ ހަނގުރާމައެއް ކުރުމަށް ވުރެ އެހެން ގޮތެއް ހޯދުން ބުއްދިވެރި ކަމަށް އިބްރާހީމް މަނިކަށް ވިސްނުނެވެ. އެހެންވެ އޭނާއަށް މާފިލާފުށީން ލިބުނު ގޯތީގެ ބަދަލުގައި ހައްދުންމަތިން ގޯއްޗެއް ލިބިދާނެ ކަމުގެ އުއްމީދު ލިބިފައިވުމާ އެކު އޭނާގެ އަނބިމީހާގެ ޞިއްޙީ ޙާލަތު ހުރި ގޮތުން އޭނާ ވެސް ހިތް ފަސޭހަ މާހައުލެއްގައި އުޅެން އެދެވިގެންވާތީ އިބްރާހީމް މަނިކު ނިންމީ އަނބިމީހާއާ އެކު ހައްދުންމައްޗަށް ދިރިއުޅުން ބަދަލު ކުރާށެވެ. 

ޢާއިލީ ބައެއް މެމްބަރުން ވެސް ކުޑަކުޑަ ކުއްޔެއްގައި ގެއެއް ނަގައިގެން ފޮނަދޫގައި ދިރިއުޅޭތީ އޭނާގެ އިޚްތިޔާރަކަށް ވެސް ވީ ހިތްފަސޭހަ އެ މަންޒިލްގައި ޙަޔާތުގެ ފަހުބައި ހޭދަ ކުރާށެވެ. 

ނަމަވެސް އިބްރާހީމް މަނިކުގެ އެ ތަދުބީރަށް ތަގުދީރުގައި ލިޔެވިފައި އޮތީ އެންމެ ފަސޭހަ ގޮތެއް ނޫނެވެ. ހިތް ފަސޭހަ ދިރިއުޅުމަކަށް އިބްރާހީމް މަނިކު ކުރި ދަތުރު ބަނަވެއްޖެއެވެ. ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އޭނާ އެ ވަނީ ނުރައްކާތެރި ޙާލަތެއްގައެވެ.

ހަޔާތަށް ބިންދާލި ރާޅު

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ 9:30 ކަންހައި އިރު އިބްރާހީމް މަނިކު، ދިރިއުޅޭ ފޮނަދޫ ، ކުރިގަމުގެ އަލަށް އާބާދުވި ސަރަހައްދުން އެ ރަށު ބަރާސިލު ކޮޅަށް ދިޔައީ އޭނާގެ ރަހުމަތްތެރިއެއް ގޮވައިގެން ގަމަށް ދިޔުމަށެވެ. ރަހުމަތްތެރިޔާ ހުރީ ބަރާސިލްގެ އަލަށް އާބާދުވި ސަރަހައްދުން ލިންކު ރޯޑަށް ނުކުންނަން އޮންނަ މަގާ ދިމާލުގައި ކަމަށް ބުނުމުން އިބްރާހީމް މަނިކު މިސްރާބު ޖެހީ އެ ސަރަހައްދަށް ދިޔުމަށެވެ. ލިންކް ރޯޑްގައި ކޮންމެ 200 ފޫޓަކުން ހޮޅި ދަނޑިއެއް ޖަހައިފައި ހުރި ނަމަވެސް ދެ ހޮޅިދަނޑި ދޭތެރެ އަނދިރިވުމުން އިބްރާހީމް މަނިކުގެ ރަޙުމަތްތެރިޔާ ފާހަގަވީ އޭނާ ފަސްދީފައި ދިޔަ ފަހުން ގޮވައިލުމުންނެވެ. އެހެންކަމުން ރަހުމަތްތެރިޔާ ގޮވައިލުމުން ވަގުތުން ސައިކަލް ހުއްޓުވައިލެވުނެވެ. އެވަގުތު ބާރު ސްޕީޑްގައި އައި ސައިކަލެއް އައިސް ޖެހުނީ އިބްރާހީމް މަނިކުގެ ފަޔާ ދިމާލުންނެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައި ވަނީ އެކްސިޑެންޓް ހިނގީ ސިގްނަލް ނުޖައްސައި ގޯޅިން އަޅަން އުޅުމުން ކަމަށެވެ. ނަމަވެސް އެއީ ރަނގަޅު މައުލޫމާތެއް ނޫން ކަމަށް "ދެން"އާ ވާހަކަ ދެއްކި އިބްރާހީމް މަނިކުގެ އާއިލީ މެމްބަރަކު ބުނެފައި ވެއެވެ.

މި އެކްސިޑެންޓްގައި އޭނާގެ ފަޔަށާއި ބޮލަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައެވެ. ފަރުވާ ދިނުމަށް އިބްރާހީމް މަނިކުގެ ފުރަތަމަ ގެންދިޔައީ ގަމު ރީޖަނަލް ހޮސްޕިޓަލަށެވެ. 10 ޖެހިކަންހައިއިރު އެ ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް ލިބިފައިވާ އަނިޔާތައް ސީރިއަސްކަމުން އިތުރު ފަރުވާއަށް މާލެ ފޮނުވުމަށް އޭގެ ގަޑިއެއްހައި އިރު ފަހުން އެ ހޮސްޕިޓަލުން އެންގިއެވެ. ނަމަވެސް އިދާރީ ކަންކަމާއި އެހެނިހެން ބައެއް ސަބަބުތަކާ ހުރެ އޭނާ މާލެ ގެންދެވުނީ ޖެހިގެން އައި ދުވަހު ހެނދުނުއެވެ.

އިބްރާހީމް މަނިކަށް މިހާރު ފަރުވާ ދެމުން ދަނީ އޭޑީކޭ ހޮސްޕިޓަލްގައެވެ. ނަމަވެސް އޭނާއަކީ ކޮލެސްޓްރޯލާއި ލޭ ދިޔާ ކުރުމަށް ބޭސް ބޭނުން ކުރާ މީހަކަށް ވާތީ އެކްސިޑެންޓުން ލިބުނު ގެއްލުންތަކަށް ފަރުވާ ދިނުމަށް އޮޕަރޭޝަނެއް އަދި ކުރެވޭކަށް ނެތެވެ. 

އިބްރާހީމް މަނިކުގެ އާއިލީ މެމްބަރަކު "ދެން"އަށް ކިޔައިދިން ގޮތުގައި ޑޮކްޓަރުން އަންގައިފައިވާ ގޮތުގައި އެންމެ އަވަހަށް ވެސް އޭނާގެ އޮޕަރޭޝަނެއް ކުރެވެން އޮތީ ފަސް ދުވަސް ފަހުން އޭނާގެ ކޮންޑިޝަން ބެލުމަށް ފަހުގައެވެ.

ދުޢާއަކީ އިބްރާހީމް މަނިކުގެ ޙާލަތު ހަމަޔަކަށް އެޅި އޭނާގެ އޮޕަރޭޝަން ކުރެވުމެވެ. އަދި ލިބުނު އަނިޔާތަކުން ސަލާމަތްވެ ހިތްހަމަޖެހޭ ހިތް ފަސޭހަ ދިރިއުޅުމެއް އޭނާއަށް ލިބުމެވެ.

  1. ޢިއްބެ

    ޝާފާކަﷲ

  2. އާޝިޠާ

    އަވަސް ފަރުވާއަކާއި އުފާވެރިކަމެއް މިންވަރުކުރައްވާށި.އާމީން️️

  3. ޝަފާކަﷲ