އިޤްތިޞާދަށް ވާނުވާ ނޭނގޭ ބަޔަކަށް މަސްވެރިންގެ މައްސަލަތައް ހައްލުނުކުރެވޭނެ - ޖަމީލު

އިޤްތިޞާދަށް ވާނުވާ ނޭނގޭ ބަޔަކަށް މަސްވެރިންގެ މައްސަލަތައް ހައްލު ނުކުރެވޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ނައިބު ރައީސް ކަން ކުރެއްވި ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
މަސްވެރިންނަށް ދިމާވާ ދަތިތަކަށް ޙައްލު ހޯދައި ދިނުމަށް ގޮވާލާ މަސްވެރިންތަކެއް ފެލިވަރުގައި މިއަދު ކުރަމުން އަންނަ އިހުތިޖާޖުގެ ފޮޓޯއެއް ހިއްސާކުރައްވައި ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަސްވެެރިން ނިކަމެތިވީ ޕީޕީއެމްގެ ސިޔާސީ ބާރު ގެއްލުމުން ކަމަށެވެ.
“މަސްވެރިން ހާލުގައި ޖެހުމަކީ ޤައުމަށް ލިބޭ އެންމެ ބޮޑު ގެއްލުން. ހުރިހާ ބާރެއް ލިބުމުން ހަމަ އަގު ނުދިން. ހައްލަކީ ވޯޓުން ސަރުކާރު ބަލިކުރުން” ރައީސް ޔާމީނުގެ ވަކީލުކަން ވެސް ކުރައްވަމުން އަންނަ ޖަމީލު ވިދާޅުވިއެވެ.
މަސްވެރިންނަށް ދިމާވާ ދަތިތައް ހައްލު ކޮށްދިނުމަށް ގޮވާލަމުން އިހުތިޖާޖު ކުރި މަސްވެރިން ބުނަމުން ދިޔައީ އެމީހުން އެދެނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި ބައްދަލު ކުރެއްވުމަށް ކަމަށެވެ.
ފެލިވަރު ބަނދަރުގައި ކުރި އެ އިހުތިޖާޖުގައި މަސްވެރިން ބުނަމުން ދިޔައީ މަސްވެރިން އުޅެނީ ވަރަށް ދަތި ހާލުގައި ކަމަށާއި އެދަތިތައް ޙައްލު ކޮށްދިނުމަށް އެދި ރައީސް ޞާލިޙާ ބައްދަލު ކުރައްވަން ބޭނުންވާ ކަމަށެވެ.