ދީން

ޒިނޭކުރާ ފިރިހެނުންނަށާއި އަންހެނުންނަށް ކަށްވަޅުގައި ވޭންދެނިވި ޢަޒާބު ހުއްޓެވެ.

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

އިސްލާމީ ޝަރީޢަތުގެ މަޤްޞަދުތަކުގެ ތެރޭގައި މީހާގެ އަބުރާއި ނަސްލު ރައްކާތެރިކުރުން ހިމެނިފައި ވެއެވެ. އެހެންކަމުން އިސްލާމް ދީނުގައި ޒިނޭ ޙަރާމްކުރައްވާފައި ވެއެވެ. ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.

Ads by STELCO

(وَلَا تَقْرَبُوا الزِّنَىٰ ۖ إِنَّهُ كَانَ فَاحِشَةً وَسَاءَ سَبِيلًا) الإسراء 32

މާނާ: ” އަދި ތިޔަބައިމީހުން ޒިނޭއާ ގާތްނުވާށެވެ! ހަމަކަށަވަރުން، އެއީ ހުތުރުކަން ބޮޑުވެގެންވާ ފާފައެއް ކަމުގައިވެއެވެ. އަދި މަގެއްގެ ގޮތުން އެކަންތައް ހާދަހާ ނުބައިވެގެންވެއެވެ. “ އެހެންކަމުން ޝަރީޢަތް ވަނީ ޒިނޭއަށް މަގުފަހިވާ ހުރިހާ ޒަރީޢާތަކާއި މަގުތަކާއި އެއަށް ވާޞިލުވާން އޮތް ގޮތްތައް މަނާ ކޮށްފައެވެ.

އެގޮތުން އަންހެނުންނަށް ފުރިހަމަ ހިޖާބުން ހިޖާބު އެޅުމަށް އަމުރު ކުރައްވައި އަންހެނުންނާއި ފިރިހެނުން އެބައިމީހުންގެ ބެލުން ތިރިކުރުމަށް އަންގަވައި ހިލޭ ފިރިހެނުންނާއި ހިލޭ އަންހެނުން އެކީ އެކަހެރިވެ ނުއުޅުމަށް ވަނީ އަމުރު ކުރައްވާފައެވެ.

އަދި ކުރީގައި ކައިވެންޏެއް ކޮށްފައިވާ މީހަކު ޒިނޭކޮށްފި ނަމަ އޭނާގެ މައްޗަށް ކަނޑައަޅުއްވާފައި ވަނީ އެންމެ ބޮޑު ޢުޤޫބާތެވެ. އެއީ އޮށްގަލުން ތަޅާ ރަޖަމްކޮށް މަރާލުމެވެ. އޭނާގެ ހަށިގަނޑުގެ ހުރިހާ ތަނަކަށް އޭގެ ވޭން އެޅުމަށްޓަކައެވެ. ޙަރާމް ގޮތުގައި މުޅި ހަށިގަނޑުން އަރާމް ލިބިގަތްކަމަށް ޓަކައެވެ. އަދި ކުރީގައި ކައިވެންޏެއް ނުކޮށް ހުރެ ޒިނޭކުރާ މީހާއަށް ވަނީ ދުއްރާއިން ތެޅުމެވެ. މިކަމުގައި ވެސް ޝަރީޢަތުގައި ކަނޑައަޅުއްވައިފައއިވާ އެންމެ މަތީ ޢަދަދެވެ. އެއީ ދުއްރާއިން 100 އެތިފަހަރުން ތެޅުމެވެ. އަދި އެކަންކުރާ މީހާ ފަޟީޙަތްވުމަށް ޓަކައި މުއުމިނުންގެ ޖަމާޢަތަކަށް މިމަންޒަރު ފެންނަގޮތަށް މިކަން ކުރިޔަށް ގެންދަން ޖެހެއެވެ. އަދި އެރަށެއްގައި އޭނާ ޒިނޭ ކުރިރަށް ނޫން އެހެން ރަށަކަށް އެއް އަހަރު ވަންދެން އަރުވާލަން ޖެހެއެވެ.

ޒިނޭކުރާ ފިރިހެނުންނަށާއި އަންހެނުންނަށް ކަށްވަޅުގައި ވޭންދެނިވި ޢަޒާބު ހުއްޓެވެ. އެގޮތުން އެމީހުން ވާހުށީ އޭގެ މަތި ، ހަނި ކުރެވިގެންވާ އޭގެ ތިރީ ބައި ތަނަވަސް ކުރެވިގެންވާ އުނދުނެއް ފަދަ ތަނެއްގައެވެ. އޭގެ ދަށުން އަލިފާންގަނޑެއް ވެއެވެ. އެމީހުން އޭގެ ތެރޭގައި ބަރަހަނާ ޙާލުގައި ތިބޭނެއެވެ. އަދި އެ އަލިފާންގަނޑު ގަދަޔަށް ރޯވެ މައްޗަށް އެރުމުން އެމީހުންގެ ހަށިތަކަށް ކެތްނުކުރެވިގެން ރޮއެ ހަޅޭއްލަވައިގަނެ އެތަނުގެ މަތީ ބަޔަށް އަންނާނެއެވެ. އެތަނުން ބޭރަށް ނުކުތުމަށް އެމީހުން އެދިއެދި ތިބޭނެއެވެ. ދެން އެ އަލިފާންގަނޑު ތިރިވެ މަޑުވުމުން އަނެއްކާ ވެސް އެމީހުން އެތަނުގެ ތިރިޔަށް ރުޖޫޢަ ވާނެއެވެ. ދެން މި ގޮތުގައި ތަކުރާރުވެ ޤިޔާމަތް ޤާއިމް ކުރެވެންދެން އެމީހުން ދެމިތިބޭނެއެވެ.

މީހަކު ޒިނޭ ކުރުމުގައި ދެމިހުންނަކަމުގައި ވަނީ ނަމަ އެ ޢަމަލުގެ ނުބައިކަން ބޮޑުވެގެންވެއެވެ. އަދި އުމުރުން ދުވަސްވެފައިވާ ޙާލު އޭނާ ކުރާ ޒިނޭގެ ނުބައިކަން ބޮޑުވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހުން އިބްނު ޢައްބާސް ރިވާކުރެއްވި ޙަދީޘްފުޅެއްގައި ވެއެވެ.

( ثَلَاثَةٌ لَا يُكَلِّمُهُمُ اللهُ يَوْمَ القِيَامَةِ وَ لَا يُزَكِّيْهِمْ وَلَا يَنْظُرُ إِلَيْهِمْ وَ لَهُمْ عَذَابٌ أَلِيْمٌ: شَيْخٌ زَانٍ وَ مَلِكٌ كَذِابٌ وَ عَائِلٌ مُسْتَكْبِرٌ)) رواهمسلم

މާނައީ: ” ޤިޔާމަތްދުވަހުން ތިން މީހަކާ ﷲ ތަޢާލާ ބަސް ވަޙީއެއް ނުކުރައްވާނެއެވެ. އަދި އެބައިމީހުންގެ ފާފަތަކުން ޠާހިރު ނުކުރައްވާނެއެވެ. އަދި އެބަމީހުންނަށް އެއިލާހު ބައްލަވައި ވޮޑިނުގަންނަވާނެއެވެ. އެއީ: ޒިނޭ ކުރާ މުސްކުޅިޔާ އާއި ދޮގުވެރި ވެރިޔާއާއި ކިބުރުވެރި ފަޤީރުމީހާއެވެ.”

މާތްﷲ އަޅުގަނޑުމެން އެންމެންނަށް ވެސް ހެޔޮ ވިސްނުން ދެއްވައި ތައުބާވެ ހެޔޮމަގަށް ރުޖޫޢަވުމުގެ ތައުފީޤު ދެއްވާށިއެވެ. އާމީން!

މި ލިޔުމަށް މަޢުލޫމާތު ނަގާފައިވަނީ ދިސަލަފިއްޔާސައިޓުން

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!