ހަގީގީ ހާދިސާ ދީން

ޙަޤީޤީ ވާހަކަ: ރާބޮއެ، ޒިނޭ ކުރާކަމަށް އާންމުންގެ ތެރޭގައި މަޝްހޫރުމީހާގެ ޙަޤީޤަތަކީ އޭނާއަކީ ތަޤްވާވެރިއަކަށްވުން

ދެން އެމްވީ ، ދެން އޮންލައިން

އަހަރެމެންގެ މުޖުތަމަޢުތަކުގައި އޮންނަ އެންމެ ބޮޑު ނުބައި އެއް އާދައަކީ މީހުންނާ ގުޅޭ ގޮތުން ޔޯލަ ވާހަކަތައް ދެއްކުމެވެ. ކަމުގެ ޙަޤީޤަތަށް ބަލައި ނުލައި ދައްކާ ވާހަކަތަކުން މީހުންގެ އަބުރު ވެއްޔާ މޮޑެވި މުޖުތަމަޢުގައި އޭނާ ބަލައިގަންނަ މީހަކު ނެތް މިންވަރަށް ހިނގައިދެއެވެ. މީހަކު ދާ ތަނަކުން ، ބައްދަލު ކުރާ މީހެއްގެ ސަބަބުން އޭނާއަކީ ރަނގަޅު މީހެއް ކަމެއް އަދި ގޯސް މީހެއް ކަމެއް ފައިސަލާ ކުރާކަށް ނޭނގޭނެއެވެ.

Ads by Sosun Fihaara

މިވާހަކައަކީ މި ދެންނެވި ވާހަކަތަކުގެ ސާބިތު ހެއްކެކެވެ. 1623އިން 1640އަށް އޮޓޮމޮން އެމްޕަޔަރުގެ ވެރިކަން ކުރެއްވި ރަސްގެފާނު މުރާދުގެ ޢަދުލުވެރިކަމާއި އިޚްލާސްތެރިކަން ވެސް ދޭހަވެގެންދާ ވާހަކައެކެވެ.

ސުލްތާން މުރާދަކީ އާންމުކޮށް ރައްޔިތުންގެ ތެރެއަށް ނުކުމެ ވަޑައިގެން ރައްޔިތުންގެ ޙާލު ބެއްލެވި ވެރިއެކެވެ. އެގޮތުން އެއް ދުވަހު ހަވީރު ދަރުބާރުގައި އިންނަވަނިކޮށް ހިތްޕުޅަށް ނުތަނަވަސްކަން ވެރިވާން ފެށިއެވެ. އެހެންކަމުން ރަށުތެރެއަށް ނިކުންނަވަން ނިންމަވައި އެކަން ހަށިފާރަވެރީންނަށް އެންގެވިއެވެ.

ސުލްތާން މުރާދު މަގުމަތިން ހިންގަވއިފައި ދަނިކޮށް ވެއްޓިފައިވާ މީހަކު ފެނުނެވެ. އެމީހާ ގާތަށް ވަޑައިގެން ބައްލަވައިލެއްވިއިރު އޭނާ އޮތީ މަރުވެފައެވެ. އެއްވެސް މީހެއްގެ އަޅައިލުމެއް ، ސަމާލުކަމެއް މަރުވެފައި އޮތް މީހާއަށް ނުލިބި ، މީހުން ހިނގާބިނގާވެ އުޅޭ ތަން އެމަނިކުފާނު ދެކެވަޑައިގަތެވެ. އެވަގުތު ވިދާޅުވިއެވެ.

އޭ މީސްތަކުންނޭވެ. މި މީހާ މިތާ މަރުވެފައި އޮތް އިރު އެކަކު ވެސް އަޅައި ނުލަނީ ހެއްޔެވެ؟ އޭނާގެ އާއިލާ ކޮބައި ހެއްޔެވެ؟

ސުލްތާންއަށް ޖަވާބުގައި ދެންނެވުނެވެ. އެއީ ރާބޮއެ ޒިނޭ ކުރާ މީހެކެވެ.

ސުލްތާން ވިދާޅުވިއެވެ. މިއީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އުއްމަތުގެ މީހެއް ނޫނީ ހެއްޔެވެ؟ މީނާގެ ހަށިގަނޑުގެ މީނާގެ ގެއަށް ގެންގޮސްދިނުމުގައި އެހީތެރިވެދޭށެވެ.

އާންމުންގެ އެހީތެރިކަމާއެކު މަރުވެފައި އޮތް މީހާގެ ހަށިގަނޑު އޭނާގެ ގެއަށް ގެންގޮސްދިނުމަށް ފަހު އާންމުން އެނބުރި ހިނގައްޖެއެވެ. އަނބިމީހާއަށް ، ފިރިމީހާގެ ފުރާނަ ނެތް މަސްގަނޑު ފެނި ރޯން ފެށިއެވެ. އަދި ބުންޏެވެ. ﷲ ތިބާއަށް ރަޙުމަތް ލައްވާނެތެވެ. ތިއީ ހެޔޮލަފާ ތަޤުވާވެރިއެއް ކަމަށް އަހަރެން ހެކިވަމެވެ.

އެހިނދު ސުލްތާން މުރާދު ހައިރާންވެވަޑައިގެން ސުވާލު ކުރެއްވިއެވެ. ތިބާގެ ފިރިމީހާއަކީ ރާބޮއެ ޒިނޭކޮށް ހަދާ މީހެއްކަމަށް އެމީހުން ބުނާ އިރު ތަޤްވާވެރިއަކަށް ވާނީ ކިހިނަކުން ހެއްޔެވެ؟ މަރުވެފައި އޮތް އިރު ވެސް މީހެއްގެ އަޅައިލުމެއް ވެސް ނުލިބުނެވެ.

ފިރިމީހާގެ ހަށިގަނޑާއެކު އެ ގެއަށް ވަޑައިގެންނެވީ ކޮން ބޭކަލެއްކަން ނޭނގޭ ހާލު އަނބިމީހާ ސުލްތާނަށް ދެންނެވިއެވެ.

"މި ފަދައިން ކަން ހިނގާފާނެ ކަމަށް އަހަންނަށް ކުރީން ވެސް ވިސްނުނެވެ. ފިރިމީހާ ކޮންމެ ރެއަކު ވެސް ރާވިއްކާ ތަންތަނަށް ގޮސް ރާ ގަނެގެން ގެއަށް ގެނެސް އެ އުކައިލައްވާ ބުނެއެވެ. ކުޑަ މިންވަރަކަށް ނަމަވެސް މުސްލިމުން މިއަދު ސަލާމަތް ކޮށްދެވިއްޖެއެވެ. އަދި އެއަށް ފަހު ހަށިވިއްކާ އަންހެނެއް ގާތަށް ގޮސް ، ފައިސާ ދެއެވެ. އަދި ކޮޓަރިއަށް މީހަކު ނުވެއްދުމަށާއި ތަޅުލައިގެން ކޮޓަރީގައި އޮތުމަށް ބުނުމަށް ފަހު އެނބުރި ގެއަށް އައިސް ބުނެއެވެ. ޒުވާން އަންހެން ކުއްޖަކާ ޒުވާން ފިރިހެން ކުދިންތަކެއް އަހަންނަށް މިއަދު ސަލާމަތް ކޮށްދެވިއްޖެއެވެ.

ރާވިއްކާ ތަންތަނަށާއި ހަށިވިއްކާ މީހުން ގާތަށް ފިރިމީހާ ދާތަން ފެނި މީހުން އަބަދު ވެސް ފިރިމީހާއާ ގުޅޭ ގޮތުން ރާބޯ ވާހަކައާއި ޒިނޭކުރާ ވާހަކަ ދައްކައެވެ. އެހެންވެ އެއް ދުވަހަކު އަހަރެން ފިރިމީހާ ގާތުގައި ބުނީމެވެ. ތިބާ މަރުވުމުން ތިބާ ހިނަވައި ކަފުންކޮށް އަދި ތިބާގެ މައްޗަށް ނަމާދުކޮށް ތިބާ ވަޅުލާނޭ މީހަކު ވެސް ނުވާނެއެވެ.

އެ ހިނދު ފިރިމީހާ ހީލުމަށް ފަހު ބުންޏެވެ. މުއުމިނުންގެ އަމީރާއި ތަގްވާވެރީން އަހަރެންގެ މައްޗަށް ކަށު ނަމާދު ކުރައްވަވާނެއެވެ.

އެ ބަސްތައް އިވިވަޑައިގަތުމުން ސުލްތާންގެ ލޯފުޅުން ހިފެހެއްޓުމެއް ނެތި ކަރުނަފޮދު އޮހޮރުނެވެ. އަދި ވިދާޅުވިއެވެ. ﷲ ގަންދީ ހުވައިކޮށްފައި ވިދާޅުވަމެވެ. އޭނާގެ ބަހަކީ ޙައްޤު ތެދެވެ. އަހަންނަކީ ސުލްތާން މުރާދެވެ. އަހަރެމެން އޭނާ ހިނަވައި ކަފުންކޮށް އޭނާގެ މައްޗަށް ނަމާދުކޮށް ވަޅުލާ ހުށީމެވެ.

ސުލްތާންގެ ބަސްފުޅާ އެއްގޮތަށް އޭނާގެ ޖަނާޒާގެ ކަންތައް ކުރިއަށް ގެންދެވިއެވެ. އަދި ބައިބޯ ޖަމާޢަތެއް އޭނާގެ މައްޗަށް ކަށު ނަމާދު ކުރިއެވެ.

الله ތަޢާލާ ވަހީ ކުރެއްވި ބަަސްފުޅެއްގެ މާނައިގައި ވެއެވެ.

އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ހީގެ ތެރެއިން ގިނަ ކަންތަކާ ''ދުރުވެގަންނާށެވެ! ހަމަކަށަވަރުން، ބައެއް ހީއަކީ ފާފައެކެވެ. އަދި ތިޔަބައިމީހުން އެކަކު އަނެކަކަށް ޖާސޫސް ނުކުރާށެވެ! އަދި އެއްބަޔަކު އަނެއްބަޔަކަށް غيبة ނުބުނާށެވެ! ތިޔަބައިމީހުން ކުރެ އެކަކު ވެސް އޭނާގެ أخ އާގެ މަސް މުޅަކޮށް ކެއުމަށް ލޯބި ކުރާނެ ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން އެކަމަކަށް ނުރުހޭނޫއެވެ. އަދި ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން توبة قبول ކުރައްވާ رحيم ވަންތަ ރަސްކަލާނގެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!