ރިޕޯޓް

މުޅި މީސްމީޑިއާގައި ރެދަން: ބަލަން ނުދެވިފައި ތިބި އެތައް ބަޔަކު ރުޅި ގަދަވެފައި

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

މި ދުވަސްވަރު މީސްމީޑިއާގެ އެކި މަންސަތަކުގައި ފަތުއަޑު ކިޔާފައި ދެކެވޭ ވާހަކަ އަކީ ރެދަން ބަލަން ދާ ވާހަކައެވެ. ހުޅުމާލޭގައި ރެދަން ލައިފައި އޮންނަ ހިތްގައިމު މަންޒަރު ބެލުމަށް ގިނަ ބަޔަކު ގޮސް ފޮޓޯ ނަގައި މީސްމީޑިއާ އަށް އަޕްލޯޑް ކުރަމުން ދެއެވެ.

Ads by STELCO

ރެދަން ލައިފައި ވަނީ ހުޅުމާލޭގައި އެކަންޏެއް ނޫނެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރެދަން ލައިފައިވާ މަންޒަރުތައް މީސްމީޑިއާގައި ދައުރުވަމުން އެބަ ދެއެވެ. އެގޮތުން ރ.ވާދޫ، އއ.ތޮއްޑޫ އަދި ހދ.ހަނިމާދޫ ފާހަގަ ކޮށްލެވެއެވެ.

މީސްމީޑިއާގައި ރެދަނުގެ ފޮޓޯތައް ގިނަ ބަޔަކު ހިއްސާ ކުރަމުންދާއިރު ރެދަނުގެ ވާހަކަ މާ ގިނައިން ދެކެވޭތީ އެކަމާ މަލާމާތްކޮށް މީމްސް ހަދާފައިވާ ތަން ވެސް ފެނެއެވެ. އެގޮތުން މާލޭގެ މަގުތައް މަތީގައި ރެދަން ލައިފައިވާ ތަން ދައްކުވައިދޭ ގޮތަށް އެޑިޓް ކޮށްފައިވާ ފޮޓޯތަކާއި ގޭގެ ފާހާނާއިން ރެދަން ލައިފައިވާ މަންޒަރު ދައްކުވައިދޭ ގޮތަށް އެޑިޓް ކޮށްފައިވާ ފޮޓޯތަައް ހިމެނެއެވެ.

ރެދަން ލައިފައިވާ މަންޒަރު ބަލަން ނުދެވިފައި ތިބި މީހުން އެކަމާ ރުޅިގަދަވެ އަދި ހިތާމަ ފާޅުކޮށް ވެސް މީސްމީޑިއާގައި ފާޑުފާޑުގެ ސްޓޭޓަސް ޖަހާފައިވާ ތަން ފެނެއެވެ. އަދި މާ ގިނައިން ރެދަނުގެ ވާހަކަ މީސްމީޑިއާގައި ދެކެވޭތީ އެކަމާ ބޮލަށް އުނދަގޫ ވާ މީހުން ވެސް އުޅެއެވެ.

ރެދަން ފެނިގެން ތިޔަ އުޅެނީ އަލަށްތޯ ވެސް ބައެއް މީހުން ސުވާލު އުފައްދާފައިވާއިރު، ރެދަން ބަލަން ނުދެވިގެން އެކަމާ ވަރަށް ދެރަވާކަމަށް ވެސް ބަޔަކު މީހުން ލިޔެފައިވެއެވެ.

މީސްމީޑިއާގައި ދެން ދެކެވޭ ވާހަކަ އަކީ ރެދަނަކީ ނާމާން އެއްޗެއް ކަމަށް ބުނެ ދެކެވޭ ވާހަކައެވެ. އެވާހަކަ އަކީ ފްލޯކު ވާހަކަތަކެއް ކަމަށް ބައެއް މީހުން ބުނި ނަމަވެސް އަނެއް ބަޔަކު ގަބޫލު ކުރަނީ ރެދަން ލުމަކީ ނާމާންވުމުގެ އަލާމާތެއްގެ ގޮތުގައެވެ.

ކޮންމެއަކަސް މީސްމީޑިއާއަށް މިއޮތީ ރެދަން މޫސުން އަައިސްފައެވެ. ރެދަނުގެ ހިތްގައިމު މަންޒަރު ބަލާލަން ދިއުމަށް ގިނަ ބަޔަކު މިހާރު ވެސް ޕްލޭންތައް ހަދަމުން އެބަދެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!