ކުޅިވަރު

ހަވަރު ބަލިކޮށް އެފްޑީއެސް ފުޓުބޯޅަ މުބާރާތުގެ ތަށި ގާފިލާއިން އުފުލާލައިފި

މުޙައްމަދު ޝިފާއު

ފ.ފީއަލީގެ ޖަމިއްޔާއެއް ކަމަށްވާ، ފީއަލީ ޑެެވެލޮޕްމެންޓް ސޮސައިޓީއިން އިންތިޒާމު ކޮށްގެން ބޭއްވި އެފްޑީއެސް ސްޕޯޓްސް ފެސްޓިވަލްގެ ފުޓުބޯލަ މުބާރާތުގެ ޗެމްޕިއަންކަން ގާފިލާއިން ހޯދައިފިއެވެ.

ގާފިލާއިން މިމުބާރާތުގެ ޗެމްޕިއަންކަން ހޯދީ ހަވަރުއާ ބައްދަލުކޮށް 2:1 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. މިއަދުގެ މެޗުގައި ދެޓީމުގެ ފަރާތުން ވެސް މޮޅު ކުޅުމެއް ފެނިގެން ދިޔައެވެ. ގާފިލާއިން ޖެހި ދެ ގޯލުގެ ތެރެއިން އެއް ގޯލަކީ ހަވަރުގެ އާލިމް އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. އަދި ދެވަނަ ގޯލަކީ ގާފިލާގެ ނަޝްވާން ކާމިޔާބު ކޮށްދިން ގޯލެކެވެ.

ހަވަރުން އެ މެޗުގައި ޖެހި ހަމަ އެކަނި ގޯލު ކާމިޔާބު ކޮށްދިނީ އެޓީމުގެ އަހުޝާމުއެވެ. މި މުބާރާތުގެ ގުރޫޕު ސްޓޭޖުގައި މި ދެޓީމުން ބައްދަލު ކުރި މެޗު ކާމިޔާބުކުރީ ހަވަރެވެ. މި މުބާރާތުގެ އެންމެ މޮޅު 7 ކުޅުންތެރިން ހިމެނޭ ގޮތަށް ޑްރީމް ޓީމެއް ވެސް ހޮވައިފައި ވެއެވެ. އެގޮތުން ޑްރީމް ޓީމް ކުޅުންތެރިންނަކީ

  • އިބްރާހިމް / ހަވަރު
  • އަލީ ނިޔާޒު / ގާފިލާ
  • އަހުޒަމް / ހަވަރު
  • ސާއިދު / މަންތިރި
  • ޝަހީދު / އެކްސްޓްރީމް
  • ސާޖިދު / ހަވަރު
  • ނަޝްވާން / ގާފިލާ

މި މުބާރާތުގެ އެންމެ މޮޅު ކީޕަރެއްގެ ގޮތުގައި ހޮވިފައިވަނީ މި މުބާރާތުގެ ރަނާރަޕް ޓީމުގެ ކީޕަރު، އަޝްފާޤެވެ. އަދި 19 އަހަރުން ދަށުގެ އުއްމީދީ ކުޅުންތެރިއަކަށް ހޮވިފައިިވަނީ ގާފިލާ ޓީމުގެ މާކިން އެވެ. އަދި މި މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކަށް ހޮވިފައިވަނީ ހަވަރު ޓީމުގެ ސާޖިދުއެވެ. މި މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ ގާފިލާގެ އަބްދުﷲ ޖަލީލު އެވެ.

މި މުބާރާތުގައި މޮޅު ކުޅުމެއް ދައްކައި، މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހާސިލުކޮށްފައި ވަނީ ހަވަރު ޓީމުގެ ސާޖިދު އެވެ.

އެފްޑީއެސް ސްޕޯޓްސް ފެސްޓިވަލުގެ ފުޓުބޯޅަ މުބާރާތް މިއަދު ނިމިފައި ވާއިރު، އަންހެން ވޮލީ މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މާދަމާގެ ހަވީރުއެވެ. މި މެޗުގައި ބައްދަލު ކުރާނީ ގާފިލާ އަދި މަންތިރި އެވެ. އެއްވަނަ ޓީމެއްގެ ގޮތުގައި ގާފިލާ ފައިނަލަށް ދަތުރު ކޮށްފައި ވާއިރު، މަންތިރި ފައިނަލަށް ދިޔައީ ދެވަނަ ޓީމެއްގެ ގޮތުގައެވެ.

މި މުބާރާތުގެ މަޤްސަދަކީ ކުޅިވަރުން ރަނގަޅު އަދި މޮޅެތި ކުޅުންތެރިން ތަކެއް އުފެއްދުން ކަމަށާއި، އަދި ޖަމިއްޔާގެ މެދުގައި އެއްބައިވަންތަ ކަން ގާއިމު ކުރުން ކަމަށް ޖަމިއްޔާގެ މެންބަރު ޝައިޙާން "ދެން" އާ ވާހަކަ ދައްކަމުން ބުންޏެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!