ޝިޔާމަށް ދައުވާ ކުރުމަކީ ސިފައިންނަށް ދިން ސިޔާސީ ހަމަލާއެއް: ޖަމީލް
ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް (ރިޓަޔާޑް) އަހުމަދު ޝިޔާމާ ދެކޮޅަށް ދައުވާ ކުރުމަކީ ހުރިހާ ސިފައިންނަށް ދިން ސިޔާސީ ހަމަލާއެއްގެ ގޮތުގައި ކުރީގެ ރައީސް ޔާމީނުގެ ވެރިކަމުގައި ނައިބު ރައީސްކަން ކުރެއްވި ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ޝިޔާމްގެ މައްޗަށް އުފުލާފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ޝިޔާމް ހުންނެވި އިރު އޭނާގެ ބައްޕަ ގިނަ ދުވަސްތަކެއް ވަންދެން ވިލިމާލޭގައި ހުންނަ ކޯސްޓްގާޑްގެ އިމާރާތުގެ ވީއައިޕީ ބައިގައި ބެހެއްޓި މައްސަލައެވެ.
މިކަމާ ގުޅިގެން ޖަމީލް މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ޝިޔާމަށް ދައުވާކުރިއިރު ވެންޓިލޭޓަރު ހިޔާނާތުގެ މައްސަލަ ކޮބައިތޯ ސުވާލު ކުރައްވާފައެވެ.
“މަޖިލިސް ރައީސްގެ މައްޗަށް އޭސީސީން ސާބިތުކުރި ކޮރަޕްޝަން މިއުޞޫލުން ބޭރުވީ ކިހިނެއްތޯ؟ މިއީ ޤައުމީ ޚިދުމަތުގައި ޤުރުބާންވީ ސިފައިންނަށް ދިން ސިޔާސީ ހަމަލާއެއް!” ޖަމީލު ވިދާޅުވިއެވެ.
ވިލިމާލޭގައި ހުންނަ ކޯސްޓް ގާޑްގެ އިމާރާތުގައި ޖުލައި 18، 2017 އިން ފެށިގެން 11 ޑިސެމްބަރު 2018 އާ ހަމައަށް ޝިޔާމްގެ ބައްޕަ ދިރިއުޅުއްވި މައްސަލަ އޭސީސީއަށް ފުރަތަމަ ހުށަހެޅީ އަމިއްލަ ފަރާތަކުންނެވެ. އޭރުގައި އެ މައްސަލަ ފައިލް ކުރި އިރު އޭސީސީން ބުނީ ސިފައިންގެ ވީއައިޕީ ގޭގައި، ޑިފެންސް ޗީފާއި ވައިސް ޗީފް އަދި ކޯސްޓު ގާޑުގެ ކޮމާންޑަރު އަންގަވާ ގޮތެއްގެ މަތިން އެކި މީސްމީހުންނަށް ތިބުމުގެ އިންތިޒާމު ހަމަޖެހޭ ކަން ލިބިފައިވާ ލިޔުންތަކުން އެނގޭ ކަމަށެެވެ. އެހެންވެ، ޝިޔާމްގެ ބައްޕަ އަށް އެތަނުގައި ހުންނެވުމުގެ އިންތިޒާމު ހަމަޖައްސާފައި ވަނީ ނާޖާއިޒު ފައިދާއެއް ހޯދައިދިނުމަށް ކަމަށް ނުބެލެވޭ ކަމަށް އޭރު ތަހުގީގު ނިންމި ގޮތުގެ ރިޕޯޓުގައިވެ އެވެ.
ޝިޔާމަށް ދައުވާ ކުރަން ފޮނުވުމަށް ފަހު އޭސީސީން މިއަދު އާއްމުކުރި ބަޔާނުގައި ބުނީ ޝިޔާމްގެ ބައްޕަ ބެހެއްޓެވި ވީއައިޕީ ގެއަކީ ސިފައިންގެ މަރުކަޒެއް ކަަމަށްވާ އެމްއާރްސީސީގެ ބަޔަކަށް ވާތީ އެ މަރުކަޒަށް ހިނގާ ގަވައިދު އެ ގެއަށް ވެސް ހިނގާނެ ކަމަށެވެ. އެހެންވެ އެެ ގޭގައި އާއްމުންނަށް ދިރިނޫޅެވޭނެކަން އެނގޭ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.