ފެންނަމުންދަނީ ސަރުކާރަށް ގޮތް ހުސްވެފައިވާ ކަމުގެ ހެކިތައް: ސެންބެ
މި ސަރުކާރުގެ އަމަލުތަކުން ހާމަވެ، ފެނިގެން ދަނީ ސަރުކާރަށް ގޮތް ހުސްވެފައިވާ ކަމުގެ ހެކިތައް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް (ސެންބެ) ވިދާޅުވެއްޖެއެވެ.
ސެންބެ މިހެން ވިދާޅުވީ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް (ރިޓަޔާޑް) އަހުމަދު ޝިޔާމާ ދެކޮޅަށް އުފުލާފައިވާ ކޮރަޕްޝަންގެ މައްސަލައާ ގުޅިގެންނެވެ.
އޭނާ ވިދާޅުވީ މިއީ ޤައުމަށް ޚިދުމަތް ކުރައްވާފައިވާ އިޚުލާސްތެރިންގެ އަގު ވައްޓާލަން މިއަދުގެ ސަރުކާރުން ކުރާ ނާތަހުޒީބީ މަސައްކަތްތަކެއް ކަމަށެވެ.
“ސަރުކާރަށް ގޮތް ހުސްވާ ކަމުގެ ހެކިތައް މިދަނީ ފެންނަމުން.” ސެންބެ ވިދާޅުވިއެވެ.
ޝިޔާމްގެ މައްޗަށް އުފުލާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ޝިޔާމް ހުންނެވި އިރު އޭނާގެ ބައްޕަ ގިނަ ދުވަސްތަކެއް ވަންދެން ވިލިމާލޭގައި ހުންނަ ކޯސްޓްގާޑްގެ އިމާރާތުގެ ވީއައިޕީ ބައިގައި ބެހެއްޓި މައްސަލައެވެ.
ވިލިމާލޭގައި ހުންނަ ކޯސްޓް ގާޑްގެ އިމާރާތުގައި ޖުލައި 18، 2017 އިން ފެށިގެން 11 ޑިސެމްބަރު 2018 އާ ހަމައަށް ޝިޔާމްގެ ބައްޕަ ދިރިއުޅުއްވި މައްސަލަ އޭސީސީއަށް ފުރަތަމަ ހުށަހެޅީ އަމިއްލަ ފަރާތަކުންނެވެ. އޭރުގައި އެ މައްސަލަ ފައިލް ކުރި އިރު އޭސީސީން ބުނީ ސިފައިންގެ ވީއައިޕީ ގޭގައި، ޑިފެންސް ޗީފާއި ވައިސް ޗީފް އަދި ކޯސްޓު ގާޑުގެ ކޮމާންޑަރު އަންގަވާ ގޮތެއްގެ މަތިން އެކި މީސްމީހުންނަށް ތިބުމުގެ އިންތިޒާމު ހަމަޖެހޭ ކަން ލިބިފައިވާ ލިޔުންތަކުން އެނގޭ ކަމަށެެވެ. އެހެންވެ، ޝިޔާމްގެ ބައްޕަ އަށް އެތަނުގައި ހުންނެވުމުގެ އިންތިޒާމު ހަމަޖައްސާފައި ވަނީ ނާޖާއިޒު ފައިދާއެއް ހޯދައިދިނުމަށް ކަމަށް ނުބެލެވޭ ކަމަށް އޭރު ތަހުގީގު ނިންމި ގޮތުގެ ރިޕޯޓުގައި ވެއެވެ.
ޝިޔާމަށް ދައުވާ ކުރަން ފޮނުވުމަށް ފަހު އޭސީސީން މިއަދު އާއްމުކުރި ބަޔާނުގައި ބުނީ ޝިޔާމްގެ ބައްޕަ ބެހެއްޓެވި ވީއައިޕީ ގެއަކީ ސިފައިންގެ މަރުކަޒެއް ކަަމަށްވާ އެމްއާރްސީސީގެ ބަޔަކަށް ވާތީ އެ މަރުކަޒަށް ހިނގާ ގަވައިދު އެ ގެއަށް ވެސް ހިނގާނެ ކަމަށެވެ. އެހެންވެ އެެ ގޭގައި އާއްމުންނަށް ދިރިނޫޅެވޭނެކަން އެނގޭ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.