ދުނިޔެ

253 ދުވަހަށް ފަހު ޓައިވާންގެ ފުރަތަމަ ކޮވިޑް ކޭސް؛ ކޮވިޑް ޖެހުނު ޕައިލެޓް ވަޒީފާއިން ވަކިކޮށްފި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

253 ދުވަހަށްފަހު ޓައިވާނުން ފުރަތަމަ ފަހަރަށް ކޮވިޑް-19 ފެނިއްޖެއެވެ.

Ads by Sosun Fihaara

ޓައިވާންއަކީ ކޮވިޑް-19 ފެތުރުން ދުނިޔޭގައި އެންމެ އަވަހަށް ކޮންޓްރޯލް ކުރި ޤައުމުތަކުގެ ތެރޭގައި ހިމެނޭ އެއް ޤައުމެވެ.

މިފަހަރު ، ޓައިވާންގައި ކޮވިޑް-19 ފެތުރެން ފަށާފައިވަނީ އެމެރިކާއިން ދަތުުރު ކުރުމަށްފަހު ކަރަންޓީންގެ އުސޫލާ ޚިލާފުވި ޕައިލެޓެއްގެ ސަބަބުންނެވެ. އެ ޕައިލެޓް މިހާރުވަނީ ވަޒީފާއިން ވެސް ވަކިކޮށްފައެވެ.

ޓައިވާންގެ ކުންފުންޏެއް ކަމަށްވާ އީވް އެއާރ އިން ބުނެފައިވަނީ، މީހުންގެ ރައްކާތެރިކަމަށް ނުބަލާ، ކޮވިޑް-19 އެޤައުމަށް ގެނައި، އެކުންފުނީގެ ޕައިލެޓް ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ. ޕައިލެޓް ވަނީ ކަރަންޓީންގެ އުސޫލާ ޚިލާފްވެ ކަރަންޓީންގެ މުއްދަތުގައި ބޭރަށް ނުކުމެ، ގިނަ ބަޔަކާ ބައްދަލުކޮށްފައި ކަމަށާއި އަދި ތަހްޤީޤްތަކުން، ކޮކްޕިޓްގައި މާސްކް ނާޅާ އުޅުނުކަން ވެސް ފާހަގަވާ ކަމަށް ބުނެފައި ވެއެވެ.

ޓައިވާންގެ ސިއްޙީ އިދާރާއިން ނެރެފައިވާ ގައިޑްލައިންވާ ގޮތުން، އެޤައުމަށް ދަތުރު ކުރާ އެންމެން 3 ދުވަހަށް ކަރަންޓީންވާން ޖެހެއެވެ. އަދި 3 ދުވަހަށްފަހު ކޮވިޑް-19 ގެ އަލާމާތް ފެންނަ ނަމަ ކޮވިޑަށް ޓެސްޓް ކުރަން ޖެހެއެވެ.

ކޮވިޑް-19އަށް މި ޕައިލެޓް ފައްސިވެފައި ވަނީ މިއަދުއެވެ. ޕައިލެޓް ކޮވިޑަށް ފައްސިވެފައި ވަނީ ޓައިވާންގައި ތަރުތީބެއް ނެތި ނެގި ސުންކުތަކުން މީހެއް ފައްސިވުމާ ގުޅިގެން އެމީހާގެ ކޮންޓެކްޓް ލިސްޓްގައި ޕައިލެޓް ހިމެނުމުން ޕައިލެޓް ޓެސްޓް ކުރުމުންނެވެ.

ޕައިލެޓް ކޮވިޑަށް ފައްސިވުމުން، އޭނާ ވަނީ ކޮންޓެކްޓް ޓްރޭސިންގް ހެދުމަށް ދެކޮޅު ހަދާފައެވެ. ކޮންޓެކްޓް ޓްރޭސިންއަށް ދެކޮޅު ހެދުމުގެ ސަބަބުން އޭނާ ވަނީ 10،000 ޑޮލަރުން ޖޫރިމަނާ ވެސް ކޮށްފައެވެ.

ޓައިވާންގައި މިހާތަނަށް ފެނިފައި ވަނީ ކޮވިޑް-19ގެ 777 ކޭސްކަން ފާހަގަކޮށްލެއެވެ. އަދި ކޮވިޑް-19 ޖެހިގެން އެޤައުމުން މަރުވެފައި ވަނީ އެންމެ 7 މީހުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!