ހުޅުމާލޭގައި ގާއިމްކުރި ސްވިމިންގ ޕޫލް އާންމުންނަށް ހުޅުވާލަން ނިންމައިފި

ހުޅުމާލޭގައި އިމާރާތްކުރި ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސް އިމާރާތުގައި އޮންނަ ސްވިމިން ޕޫލް އާއްމުންނަށް ހުޅުވާލަން ނިންމައިފިއެވެ.
ހުޅުމާލޭ ސްވިމިންގ ޕޫލް މެންބަޝިޕް އުޞޫލުން އާންމުންނަށް ބޭނުން ކުރެވޭ ގޮތަށް ހުޅުވާލުމަށް ނިންމާފައިވާ ކަމަށް އިއުލާން ކޮށްފައި ވަނީ މިއަދު ސްވިމިން އެސޯސިއޭޝަނުންނެވެ.
ޕޫލު ބޭނުން ކުރުމުގެ އުޞޫލުތަކުގެ ތެރޭގައި ޢާންމު ފަރާތްތަކަށް ޕޫލު ބޭނުންކުރުމުގެ ފުރުޞަތު ދެވޭނީ، ފެތުމުގެ ޤައުމީ ސްކޮޑްތަކުގެ ފެތުންތެރިންނާއި، ސްވިމިންގ އެސޯސިއޭޝަނުގެ މެންބަރު ކުލަބުތަކުގެ ތަމްރީނުތަކަށް ބޭނުންކުރާ ވަގުތުތައް ފިޔަވައި އިތުރު ވަގުތުތަކުގައެވެ. މަހުން މަހަށް ފީ ދައްކާ ބޭފުޅުންނަށް ސްލޮޓް އެލޮކޭޓް ކުރެވޭނެއެވެ. ސްލޮޓް އެލޮކޭޓް ކުރުމުގައި ހަފްތާ ބަންދު ނުހިމެނޭނެއެވެ. ކޮންމެ ބޭފުޅަކަށް ވެސް ޕޫލު ބޭނުން ކުރަން ލިބޭނީ ދުވާލަކު އެއްގަޑިއިރަށެވެ.
މީގެ އިތުރުން ހުކުރު އަދި ހޮނިހިރު ދުވަސް ޚާއްސަ ކޮށްފައި ވަނީ އާއިލާތަކަށާއި ގުރޫޕް ތަކަށް ކަމަށް ސްވިމިން އެސޯސިއޭޝަނުން ބުނެފައިވެއެވެ. އާއިލާ ތަކަށާއި ގްރޫޕްތަކަށް ވެސް ޕޫލު ބޭނުން ކުރެވޭނީ ކަނޑައެޅިފައިވާ ފީ ދެއްކުމަށްފަހުއެވެ.
ސްވިމިންގ ޕޫލުގެ މެންބަރޝިޕް ފީ ނެގުމަށް ހަމަޖެހިފައި ވަނީ އާންމު ދިވެހިންނަށް މަހަކު 1500.00 (ފަނަރަސަތޭކަ) ރުފިޔާ ނުވަތަ ދުވާލަކު 150.00 (އެއްސަތޭކަ ފަންސާސް) ރުފިޔާ އަދި ބިދޭސީންނަށް މަހަކު 3000.00 (ތިންހާސް) ރުފިޔާ ނުވަތަ ދުވާލަކު 300.00 (ތިންސަތޭކަ) ރުފިޔާއެވެ.