ދީން

އިންސާނާގެ ހުރިހާ ގުނަވަނަކުން ކުރާ ޢަމަލުތައް ދަނީ ލިޔުއްވަމުން، ނުބެހޭ ކަންތަކާ ދުރުހެލިވެ ތިބޭ!

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

މާތް ﷲ އިންސާނާ އަށް ދެއްވާފައިވާ ނިޢުމަތް ވަރަށް ވެސް ގިނަގުނައެވެ. އިންސާނާއަށް ނިޢުމަތްތައް ދެއްވުމަށްފަހު އެ ނިޢުމަތްތަކަށް ޝުކުރުވެރިވެ ރައްކާތެރިވުމަށް އެންގެވިއެވެ. އެހެންކަމަށްވުމާ އެކު އެނިޢުމަތްތަކާ ބެހޭގޮތުން ޤިޔާމަތް ދުވަހުގައި ސުވާލު ކުރެއްވޭނެއެވެ.

Ads by STELCO

މާތް ﷲ ވަޙީ ކުރައްވާފައި ވަނީ މި ފަދައިންނެވެ.

"ފަހެ ތިޔަބައިމީހުން ތިމަންރަސްކަލާނގެ ހަނދުމަކުރާށެވެ! އޭރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހަނދުމަކުރައްވާ ހުށީމެވެ. އަދި ތިމަންރަސްކަލާނގެއަށް ތިޔަބައިމީހުން ޝުކުރު ކުރާށެވެ! އަދި ތިމަންރަސްކަލާނގެއަށް ތިޔަބައިމީހުން ކާފިރު ނުވާށެވެ!"

ދުލަކީ އިންސާނާގެ ހަށިގަނޑުގައިވާ އެންމެ ނާޒުކު ގުނަވަނެވެ. ނަމަވެސް އެ ގުނަވަނެއްގެ ސަބަބުން އިންސާނާއަށް އެންމެ ބޮޑު މުޞީބާތެއް ޖެހޭ އެއް ގުނަވަނެވެ. ކީރިތިރަސޫލާގެ އަރިހުން ރިވާ ވެގެންވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.

"އިންސާނާގެ ހަށިގަނޑުގައި ގުނަވަނެއްވެއެވެ. އެގުނަވަން ސީދާވެއްޖެނަމަ، މީހާ ސީދާ ވާނެއެވެ. އެ ގުނަވަން ފާސިދުވެއްޖެ ނަމަ، މީހާ ފާސިދުވެގެން ދާނެއެވެ. ދަންނާށެވެ. އެއީ ހިތެވެ."

ދުލުން ދައްކާ ވާހަކައިގެ ސަބަބުން އިންސާނާ ބޯކޮޅު ވަތަށް ނަރަކައަށް އެއްލާލެވެއެވެ. އެހެންކަމުން ދުލުން ދައްކާ ވާހަކަތަކާ މެދު ވަރަށް ފަރުވާތެރިވާން ޖެހެއެވެ.

އަދިވެސް ކީރިތިރަސޫލާގެ އަރިހުން ވާރިދުވެފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.

"ދުނިޔެމަތީގައި ދެމޫނު ލިބިގެންވާ މީހުންނަށް ޤިޔާމަތް ދުވަހުގައި އަލިފާނުން ވާ ދެ ދޫ ދެއްވާ ހުއްޓެވެ." މިބަސްފުޅުގައި ބަޔާން ކުރައްވާފައި މިވަނީ، ދުނިޔެމަތީގައި ދެފަހަރު ދެ ގޮތަށް ވާހަކަ ދައްކާ މީހުންގެ ޙާލު ހުރި ގޮތުގެ ވާހަކައެވެ.

އިންސާނާގެ ހުރިހާ ގުނަވަނަކުން ކުރާ ޢަމަލުތައް ދަނީ ލިޔުއްވަމުންނެވެ. ޤިޔާމަތް ދުވަހުގައި އޭނާގެ ކުރިމަތީގައި އެ ފަތް ހުށަހަޅުއްވާނެއެވެ.

މާތް ﷲ ވަޙީ ކުރައްވާފައި ވަނީ މި ފަދައިންނެވެ. "އަދި ކޮންމެ އިންސާނަކުމެ، އޭނާ ކުޅަ ޢަމަލެއް އޭނާގެ ކަރުގައި ތިމަންރަސްކަލާނގެ އެޅުއްވީމެވެ. އަދި ޤިޔާމަތް ދުވަހުން، ތިމަންރަސްކަލާނގެ އެމީހަކަށް ފޮތެއް ނެރުއްވާ ހުށީމެވެ. އެ ފޮތް ނިއުޅާލެވިފައިވާ ޙާލުގައި އޭނާ ދެކޭނެތެވެ. އަދި ވެސް އަންގަވާނެތެވެ. ތިބާގެ ފޮތް ތިބާ ކިޔާށެވެ! މިއަދު ތިބާގެ މައްޗަށް ޙިސާބު ކުރާ މީހަކަށް، ތިބާގެ އަމިއްލަ ނަފްސު ފުދެއެވެ." (އިސްރާ 13-14)

ޚާއްޞަ ގޮތެއްގައި ރޯދައަށް ހުންނައިރު ތިމާގެ ދުލުން ދައްކާ ވާހަކައާ މެދު ސަމާލުކަން ދޭން ޖެހެއެވެ. ރޯދައަށް ހުންނައިރު އަބަދުވެސް މާތް ﷲއަށް ޛިކުރު ކޮށް ތެތްކޮށް ބާއްވާން ޖެހެއެވެ. މާތް ﷲ އަށް ޛިކުރުކުރުން މަތީ ދެމިހުންނަ މީހަކަށް އެކަލާނގެ ރަޙުމަތް ބާވައިލައްވައެވެ. މިފަދައިން ޢަމަލު ނުކުރާ މީހުން ހިފާ ރޯދައިން ކަރުހިއްކުމާއި، ބަނޑުހައިހޫނުކަން ފިޔަވާ އެހެންކަމެއް ނުވެއެވެ."

އެހެންކަމުން ފުރިހަމަ މުސްލިމަކީ، ތިމާއާ ނުބެހޭ ކަންތައްތަކާ ދުރުހެލިވެގެން ހުންނަ މީހާއެވެ

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!