ނަގުދު ފައިސާ ނެގޭ އަދަދު ބީއެމްއެލްއިން ލިމިޓްކުރަން ނިންމައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކަސްޓަމަރުންނަށް ދުވާލެއްގެ މައްޗަށް ނަގުދު ފައިސާގެ ގޮތުގައި ގިނަ ވެގެން 200،000 ރުފިޔާ ނެގޭގޮތަށް ހެދުމަށް ނިންމައިފިއެވެ.
ބީއެމްއެލްއިން މިގޮތަށް ނިންމީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މިމަހުގެ ކުރީކޮޅު އެގޮތަށް އެންގުމާ ގުޅިގެންނެވެ.
މިއަދު ބީއެމްއެލް އިން ބުނެފައި ވަނީ އެމްއެމްއޭގެ ނިންމުމާ އެއްގޮތަށް 31 ވާ ބުރާސްފަތި ދުވަހުން ފެށިގެން ކަސްޓަމަރުންނަށް ނެގޭނީ ދުވާލެއްގެ މައްޗަށް 200،000 ރުފިޔާ ކަމަށެވެ. ބީއެމްއެލް އިން ބުނެފައިވަނީ އެގޮތަށް ނިންމާފައިވަނީ އިލެކްޓްރޯނިކް ޓްރާންސެކްޝަންތަކަށް ބާރުއަޅައި ނަގުދު ފައިސާ ބޭނުންކުރުން މަދު ކުރުމަށް ކަމަށެވެ.
ބީއެމްއެލް އިން ބުނާގޮތުގައި އަލަށް ގެންނަ ބަދަލާއެކު ވިޔަފާރިތަކަށް ނަގުދު ފައިސާ ބޭނުން ކުރުމުގައި އޮންނަ ދަތިތައް ވަރަށް ބޮޑުތަނުން ކުޑަވެގެން ދާނެއެވެ.
އެމްއެމްއޭއިން ދުވާލަކަށް ނަގުދު ފައިސާ ނެގޭ މިންވަރު ހިފަހައްޓާފައި މިވަނީ ފުރަތަމަ ފަހަރަށެވެ. އެހެންނަމަވެސް ރާއްޖޭގެ ބޭންކުތަކުން ވަނީ މީގެ ކުރީން ވެސް އެގޮތަށް އަދަދުތައް ކަނޑައަޅައި ވަކި ލިމިޓެއް ހަމަޖައްސާފައި ވެއެވެ.