ޚަބަރު

މާޗުމަހު އިންތިޚާބު ނުބޭއްވޭނެ ހާލަތެއް އަދި ނާދޭ: އިލެކްޝަންސް

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

އަންނަ މާރޗް މަހުގެ ފުރަތަމަ ހަފްތާގައި ބޭއްވުމަށް މަސައްކަތް ކުރަމުންދާ ލޯކަލް ކައުންސިލް އިންތިޚާބު އެތާރީޚުގައި ނުބޭއްވޭނެ ހާލަތެއް އަދި ނާންނަކަމުގައި އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

Ads by MWSC

މާރޗްމަހުގައި އިންތިޚާބު ނުބޭއްވޭނެކަމަށް ބައެއް މީޑިޔާތަކުން ދައްކާފައިވާ ވާހަކަތައް ދޮގު ކުރައްވައި، ޝަރީފް ވިދާޅުވީ އިންތިޚާބު ނުބޭއްވޭނީ މިހާރު އިއުލާނު ކޮށްފައިވާ އާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ދަމަހައްޓައިފި ކަމުގައި ވާނަމައެވެ. ނަމަވެސް މިހާތަނަށް އައިއިރު އެ މުއްދަތުގެ ފަހުން ކަންކަން ވެގެންދާނެ ގޮތެއް އަދި ސާފު ނުވާކަމަށް ޝަރީފް ވިދާޅުވިއެވެ. ޝަރީފް ވިދާޅުވީ އިންތިޚާބު ބާއްވާނެ ތާރީޚެއް ކަނޑައެޅިގެން ދާނީ އަންނަ މަހުގެ 5 ވަނަ ދުވަހުގެ ފަހުން އެކަމާމެދު ނިންމާ ގޮތެއްގެ މަތިން ކަމަށް ވިދާޅުވިއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު ބޭއްވުމަށް ފުރަތަމަ ތާވަލު ކޮށްފައި އޮތީ މިއަހަރުގެ އޭޕްރީލްމަހުގެ 4 ވަަނަ ދުވަހުއެވެ. ނަމަވެސް ރާއްޖޭގައި ކޯވިޑް ފެތުރެން ފެށުމުގެ ސަަބަބުން އިންތިޚާބު ވަނީ އަންނަ އަހަރުގެ މާރިޗް މަހުގެ 6 ވަނަ ދުވަހަށް ފަސްކޮށްފައެވެ.

އިންތިޚާބާ ބެހޭ ޤާނޫނު ބުނާގޮތުން ރާއްޖޭގައި އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި އޮތްހާ ހިނދަކު އިންތިޚާބު ބޭއްވުމުގެ ފުރުސަތު އިލެކްޝަން ކޮމިޝަނަށް ލިބިގެނެއް ނުވެއެވެ. އިންތިޚާބު ބޭއްވުމަށްޓަކައި އިލެކްޝަން ކޮމިޝަނުން ވާންޖެހޭ ތައްޔާރީތައް މިހާރު ވެސް ވަމުންދާއިރު، ކޮމިޝަންގެ ރައީސް ވިދާޅުވީ އިންތިޚާބު ބޭއްވޭނެ ފަދަ ހާލަތަކަށް އައުމާއެކު، އިންތިޚާބު ބޭއްވުމަށް ވާންޖެހޭ ހުރިހާ ތައްޔާރީއެއް ވުމަށް އެކޮމިޝަނުން ފުރިހަމައަށް ތައްޔާރަށް އޮތް ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!