ރިޔާސީ އިންތިޚާބުގެ ތެރެއިން ރައީސް ޔާމީން އަވަހާރަކޮށްލަން ރޭވިކަމުގެ ތުހުމަތު

2018 ވަނަ ރިޔާސީ އިންތިހާބުގެ ތެރެއިން އެއިރު ރައީސް ކަމުގައި ހުންނެވި ޔާމީން އަބްދުލްގައްޔޫމް އަވަހާރަ ކޮށްލައްވަން ބަޔަކު ރޭވި ކަމުގެ ޚަބަރު ލިބިފައިވާ ކަމަށް ރައްޔިތުން މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
އިދިކޮޅުން ކޯލިޝަނުން "ވިސްނާ" ނަމުގައި ރޭ ކާނިވާ ސަރަޙައްދުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ، ރައީސް ޔާމީނުގެ ވެރިކަން ނިމުމަކަށް ގެނައުމަށް ބޭރުގެ ފަރާތްތަކަކާއި ގުޅިގެން އެމްޑީޕީން އިން މަސައްކަތް ކުރި ކަމަށް ރައީސް ޔާމީނަށް އިންޓެލިޖެންސް މައުލޫމާތު ލިބިވަޑައިގެންނެވި ކަމަށް އެމަނިކުފާނު ވިދާޅުވި ކަމަށެވެ.
“އެ އިންޓެލިޖެންސް ތިމަން މަނިކުފާނަށް ލިބިވަޑައިގަންފައި އެބަ ހުއްޓޭ. ތިމަން މަނިކުފާނުގެ ފުރާނަ ދުއްވާލުމަށްޓަކައި މި ރާއްޖެއިން މަސައްކަތް ކުރެއޭ، ބޭރުގެ އަދުއްވުންނާ އެކު." ފުރާނަ އަށް ގެއްލުން ނުކުރާނެ ކަމުގެ ޔަގީން ކަން ނެތް ކަމަށް ވިދާޅުވެ އޭރު ރައީސް ޔާމީން މިފަދައިން ވިދާޅުވި ކަމަށް ސައީދު ވިދާޅުވިއެވެ.
ސައީދު ވަނީ ދިވެހީންތަކެއް އިސްވެ، ރައީސް ޔާމީންގެ ފުރާނަ ދުއްވާލަން މަސައްކަތްތަކެއް ކޮށްފާވައިކަމީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމުގައި ވިދާޅުވެފައެވެ.