ޚަބަރު

ފުލުހުންނަކީ މިއަދު އޯގާތެރި ބައެއް: ނައިބު ރައީސް

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ދިވެހި ފުލުހުންނަކީ މިއަދު އޯގާތެރި ބައެއް ކަމުގައި ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

Ads by STELCO

އަޕަރ ސައުތު ޕޮލިސް"ގައި އަވަށްޓެރި ފުލުހުންގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައި ދެއްވަމުން ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ދިވެހި ރައްޔިތުންނަށް އަމާން ވެއްޓެއް ޤާއިމުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވަރަށް ބޮޑު ސަމާލުކަމެއް އަދި އިސްކަމެއް ދެއްވާ ކަމެއް ކަމަށެވެ.

އަދި ފުލުހުންގެ ޚިދުމަތް ކުރިއަށްވުރެ ހަރުދަނާކޮށް، އެއީ ރައްޔިތުންނާ ވީހާ ވެސް ގާތުން ފޯރުކޮށްދޭ ޚިދުމަތަކަށް ހެދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ހެޔޮ ނަތީޖާ މިހާރު ފެންނަމުންދާ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.

އަދި ކޮންމެ ދިމާލަކުން ބަލާލި ނަމަވެސް މިއަދު ފުލުހުންގެ އޯގާތެރިކަމާއި އަޅާލުން ފެންނަމުންދާ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

“ފުލުހުންގެ ފަރާތުން މިއަދު އަޅުގަނޑުމެންނަށް ފެނޭ، އަޅާލުމާއި މަގު ދައްކައި ދިނުމާއި އޯގާތެރިކަން. މާލޭގެ މަގުތަކަށް ބަލާލި ނަމަވެސް، އެހެނިހެން ރަށްތަކަށް ބަލާލި ނަމަވެސް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލާލި ނަމަވެސް ފެނޭ ރައްޔިތުންނަށް އެހީތެރިވާ މަންޒަރު،" ނައިބު ރައީސް ވިދާޅުވިއެވެ.

އެގޮތުން ކޮވިޑް-19 ހާލަތުގައި ރައްޔިތުންގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަން ކަށަވަރު ކުރުމަށް ދިވެހި ފުލުހުން ކޮށްފައިވާ، އަދި މިހާރު ވެސް ކުރައްވަމުން ގެންދަވާ، މަސައްކަތް ފާހަގަ ކުރައްވާ، ހުރިހާ ފުލުހުންނަށް އެ މަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!