ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީ ވެސް މުޖުތަމައުގައި ބޭނުންތެރި ބާކީ ނުކުރެވޭ ބައެއްގެ ގޮތުގައި ހަދައިދޭނަން- ރައީސް

ރައުފާ ރަޝީދު ، ދެން އޮންލައިން

ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީ ވެސް މުޖުތަމައުގައި ބޭނުންތެރި ބާކީ ނުކުރެވޭ ބައެއްގެ ގޮތުގައި ހަދައިދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ރައީސް މިހެން ވިދާޅުވެފައި ވަނީ ދިވެހި ރާއްޖޭގެ އަޑުގެ 58ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ކުރިޔަށް ގެންދިޔަ ހާއްސަ "ބާއްޖަވެރި ހެނދުނެއް" ޕްރޮގްރާމުގައި ބައިވެރިވެ ވަޑައިގެން އާންމު މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ސުވާލު ކޮށްފައި ވަނީ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ ތެރެން ލޯފަން މީހެކެވެ.

މި ފުރުސަތުގައި އާންމު ފަރާތުން ކުރެއްވި ސުވާލަކީ ލޯފަން މީހުންނަށް ޚާއްސަކޮށްގެން ސަރުކާރުން ކަންތައްތަކެއް ކޮށްދެއްވަން އެއްވެސް މަސައްކަތެއް ރޭވިފައިތޯއެވެ. ޖަވާބުގައި ރައީސް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީ ވެސް މުޖުތަމައުގައި ބޭނުންތެރި ބާކީ ނުކުރެވޭ ބައެއްގެ ގޮތުގައި ހަދައިދޭނެ ކަމަށެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ ކޮށްގެން ގިނަ ކަންތައްތައް ރާވާފައި ވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ޞާލިހު ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެންމެ އެކަށީގެންވާ ގޮތަކަށް އަޅާލުމަކީ ރާއްޖޭގެ ޒަމާންވީ ތާރީހުގައި ވެސް ވަރަށް ބޮޑަށް އިހުމާލު ވެފައިވާ ދާއިރާއެއް ކަމަށެވެ. ރައީސް ޞާލިހު ވިދާޅުވީ އެންމެ ފަހުން ބޭއްވުނު ޤައުމީ އިނާމު ދިނުމުގެ ޖަލްސާގައި ވެސް ނުކުޅެދޭ މީހުންނަށް އިނާމު ބަލައި ސްޓޭޖަށް އެރުމުގައި ވެސް ދަތިތަކެއް ހުރި ކަމަށެވެ. މިކަންކަމަކީ އެއްވެސް ބަޔަކަށް އެހައި ބޮޑު ސަމާލުކަމެއް ދެވިފައިވާ ދާއިރާއެއް ނޫންކަމަށް ރައީސް ވިދާޅުވިއެވެ.

އެހެން ނަމަވެސް މިހެން ހުރި ކަންކަން ހައްލުކޮށް، ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީ ވެސް މުޖުތަމައުގައި ބޭނުންތެރި ބާކީ ނުކުރެވޭ ބައެއްގެ ގޮތުގައި ހަދައި ސިޔާސަތު ތަންފީޒު ކުރުމަށް ޚާއްސަ އިސްކަމެއް ދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ތަނުގައި ސަރުކާރުން މިހެން ހުރި ހުރިހާ ދިމާލަކަށް ހެޔޮ ބަދަލު ގެންނަވާނެކަމަށް ރައީސް ޞާލިހު ވަނީ ވިދާޅުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!