އިސްލާމިކް މިނިސްޓްރީ ގެ ސަބަބުން ކޮންޓްރެކްޓަރުންނަށް މާލީ ގެއްލުންތަކެއް ލިބިއްޖެކަމުގެ ތުހުމަތު!

އިސްލާމިކް މިނިސްޓްރީން ބައެއް ކުންފުނިތަކާއެކު ހަދާފައިވާ އެއްބަސްވުންތަކެއް އުވާލުމުގެ ސަބަބުން އެ ކުންފުނިތަކަށް މާލީ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ ކަމަށް ތުހުމަތު ކޮށްފިއެވެ.
އޮންލައިން ނޫސް "ސީއެންއެމް" އަށް މައުލޫމާތު ދެމުން މާރިސް ކޮންސްޓްރަކްޝަނުގެ މެނޭޖިން ޑައިރެކްޓާ މުހައްމަދު ސައީދު ވިދާޅުވެފައިވަނީ މަސައްކަތް ފެށުން ލަސްވި ކަމަށް ބުނެ އިސްލާމިކް މިނިސްޓްރީން ޕްރޮޖެކްޓްތައް ކެންސަލް ކުރި އިރު، އެ މިނިސްޓްރީގެ ފަރާތުން ކުރަންޖެހޭ ގިނަ ކަންކަން ވެސް ހުރީ ނުނިންމާ ކަމަށާއި އެއްބަސްވުމުގައި ބުނާ ގޮތަށް ޕްރޮޖެކްޓްގެ އެޑްވާންސް ޕޭމަންޓް ވެސް ނުދޭ ކަމަށެވެ.
ސައީދު ވިދާޅުވި ގޮތުގައި އެ ކުންފުންޏަށް ދިނުމަށް ފަހު އެއްބަސްވުން އުވާލާފައި ވަނީ ލަންދޫ މިސްކިތާއި، ބޮޑުފޮޅަދޫ މިސްކިތުގެ އިތުރުން ފުވައްމުލަކު ގުރުއާން ސެންޓަރު އެޅުމުގެ ޕްރޮޖެކްޓެވެ. އޭގެ ތެރެއިން ފުވައްމުލަކު ގުރުއާން ސެންޓަރުގެ އެއްބަސްވުން އުވާލި މައްސަލަ މިހާރު ވަނީ ކޯޓަށް ހުށަހަޅާފައި ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.
މީގެއިތުރުން ސައީދު ވިދާޅުވީ ލަންދޫ އަދި ބޮޑުފުޅަދޫ މިސްކިތުގެ ޕްރޮޖެކްޓް ކެންސަލް ކުރި މައްސަލަ މަޝްވަރާ ކޮށްގެން ހައްލު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.