ޚަބަރު

ދަރިފުޅުގެ ހިތުގައި ދިވެހި ބަހަށް ލޯބި ޖައްސަވަން ބޭނުންފުޅުތޯ؟ އަޝްރަފްގެ "ދިވެހިބަހުގެ ބަގީޗާ"ގައި ބައިވެރި ކުރައްވާ

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

މިއަދު އަޅުގަނޑުމެންގެ މުޖުތަމައުގައި ފެންނަމުންދާ އެންމެ ހިތާމަވެރި އެއް ކަމަކީ ކޮބައިން އެނގޭ ހެއްޔެެވެ؟ އެ ކަމަކީ މާ ބޮޑު ކަމެއްގެ ގޮތުގައި ގިނަ ބަޔަކަށް ނުވިސްނުނު ކަމުގައި ވިޔަސް ހަގީގަތުގައި އެއީ ވަރަށް ބޮޑު ކަމެކެވެ. އަޅުގަނޑުމެންގެ އަމިއްލަވަންތަކަން އެންމެ ބޮޑަށް ދައްކުވައިދޭ އަޅުގަނޑުމެން ދިވެހީންގެ މާދަރީ ބަސް ދިވެހި ބަހުން އަޅުގަނޑުމެންގެ ތުއްތު ކުދީންނަށް ރަނގަޅަށް ވާހަކަ ދައްކަން ނޭނގުމެވެ. ދަރިފުޅު ކިރިޔާ ވާހަކަ ދެއްކެން ފަށާއިރަށް ދަރިފުޅާ އިނގިރޭސިބަހުން ވާހަކަ ދައްކައި އެ ތުއްތު ދަރިފުޅުގެ ހިތުގައި މާދަރީ ބަހަށް ލޯބި ޖައްސަން މަސައްކަތް ނުކުރުމަކީ މިއަދު މައިންބަފައިންނަށް ހެއްދެވޭ ވަރަށް ބޮޑު ގޯހެކެވެ.

Ads by Sosun Fihaara

ދާދި އިހަކަށް ދުވަހު ފެނުނީ ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް އަލީ ފޭސްބުކްގައި ކުރައްވާފައިވާ ޕޯސްޓެކެވެ. ތުއްތު ކުދިންނަށް ހުޅުވާލައިގެން “ދިވެހިބަހުގެ ބަގީޗާ”ގެ ނަމުގައި ތުއްތު ކުދިންނަށް ދިވެހިބަސް ދަސްކޮށްދިނުމަށް ކްލާހެއް ފައްޓަވާ ކަން އިއުލާން ކުރައްވާފައެވެ.

އާދޭހެވެ.ދިވެހި ބަހަށާއި އަދަބިއްޔާތު ކުރިއެރުއްވުމަށް އަބަދުވެސް ކެނޑިނޭޅި މަަސައްކަތް ކުރައްވާ ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް އަލީ މިވަނީ ތުއްތު ކުދިންނަށް ހާއްސަކޮށް ދިވެހިބަހުގެ ކްލާސްތަކެއް ނެންގެވުމަށް ނިންމަވާފައެވެ.  މި ކްލާސް ތަކުގައި އުމުރުން 9 އަަހަރާއި 14 އަހަރާ ދެމެދުގެ ކޮންމެ ކުއްޖަކަށް ވެސް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.އޮންލައިންކޮށް ކުރިއަށް ގެންދާ މިކްލާސް ތަކުގައި އަތޮޅުތެރޭގައި ދިރިއުޅޭ ކުއްޖަކަށް ވެސް މި ކޯހުގައި ބައިވެރި ވެވިދާނެއެވެ.

"ދިވެހި ބަހުގެ ބަގީޗާ"ގެ ނަމުގައި އަޝްރަފް ކުރިއަށް ގެންދަވާ މި ކްލާސްތަކުން އަދަބީ ގިނަ ކަންތައްތަކެއް ކުރަން ކުދިންނަށް ދަސްވެގެން ދިޔަ ކަމަށް އެކްލާހުގައި ބައިވެރިވި ބައެއް ދަރިވަރުންގެ ބެލެނިވެރިން “ދެން”އާ ވާހަކަ ދައްކަމުން ބުންޏެވެ.

މި ކްލާހުން ހާސިލްވާނެ ބައިތަކުގެ ތެރޭގައި ޖަލްސާތައް ހުށަހަޅަން އެނގުން، ހުށަހެޅުންތެރިކަން، ރީތިކޮށް އިބާރާތް ކުރުން، ފޮތް ކިޔުމުގެ އާދަ އަށަގަތުން، ލިޔުންތެރިކަން ހަރުދަނާވުން، ބަސްކޮށާރު މުއްސަނދިވުން، ބަނދި ހެދުން، ރާގުގައި ކިޔުން، ޅެން ކިޔަން އެނގުން، ތަފާތު ބާވަތްތަކުގެ ލިޔުންތައް އުފައްދަން އެނގުން، ވާހަކަ ދައްކަން އެނގުން ހިމެނެއެވެ. މީގެ އިތުރުން، ދިވެހިބަހުގެ ހަމަތައް ދަސްވެ އަދަބީ އެކިއެކި ހުނަރުތައް އާލާވެ އަދަބީ ބަސްތަކުގެ މާނަ އާއި ހާދިސާ ލިޔަން ދަސްވެގެން ދާނެއެވެ.

މި ކްލާސްތަކުގައި ބައިވެރިވި ކުދިންނަށް ގިނަ އެއްޗެހިތަކެއް ދަސްވެގެން ދިޔަކަމަށް އެ ދަރިވަރުންގެ ބެލެނިވެރިންނާ އަޅުގަނޑު ވާހަކަ ދައްކާލުމުން އެނގުނެވެ. އަދި އަޝްރަފްއަށް އެ ބެލެނިވެރިން ވަނީ ތައުރީފް ކޮށް ޝުކުރު އަދާކޮށްފައެވެ.

އެއް ބެލެނިވެރިއަކު ބުނީ މުޅި އަހަރު ދުވަހު ސުކޫލަށް ފޮނުވައިގެން ނުލިބޭ ކުރިއެރުން އޭނާގެ ދަރިފުޅަށް އަޝްރަފްގެ ކްލާސްތަކުން ލިބިފައިވާ ކަމަށެވެ. އަދި ދިވެހިބަހަށް ދަރިފުޅުގެ ހިތުގައި ވަރަށް ބޮޑަށް ލޯބި އުފެދިގެން ގޮސްފި ކަމަށެވެ. އަދި ދިވެހި ވާހަކަތައް ކިޔައި ދިވެހި ފޮތްތައް ކިޔުމަށް ވެސް މިހާރު އޭނާގެ ދަރިފުޅު ވަރަށް ޝައުގުވެރިވާ ކަމުގައި އޭނާ ފާހަގަ ކުރިއެވެ.

މީގެ އިތުރުން ވެސް ގިނަ ބެލެނިވެރިންނާއި ދަރިވަރުން ވަނީ އަޝްރަފްއަށް ތައުރީފް ރައްދު ކޮށްފައެވެ. އަޝްރަފްގެ ދިވެހިބަހުގެ ބަގީޗާ 2021 ވަނަ އަހަރުގެ ޖަނަވަރީ މަހު 5ގައި ފެށެން ހަމަޖެހިފައިވާއިރު ކުދިން ބައިވެރި ކުރުމުގެ ފުރުސަތު 31 ޑިސެމްބަރާއި ހަމައަށް ވަނީ ހުޅުވާލެވިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!