ޖެނުއަރީ އެކަކުން ފެށިގެން ސާވިސްޗާޖު ދިނުން މަޖުބޫރުވާނެ

އަންނަ އަހަރުގެ ޖެނެއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން، ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ދޭ ހިދުމަތުން ނަގާ ސާވިސްޗާޖު، ހިދުމަތް ފޯރުކޮށްދޭ މުވައްޒަފުންނަށް ހަމަހަމަ އަށް ބަހަންޖެހޭ ގޮތަށް ފަތުރުވެރިންގެ ގާނޫނަށް ގެނައި އިސްލާހަށް އަމަލު ކުރަން ފަށާނެއެވެ.
މި ގާނޫނަށް ގެނައި އިސްލާހާއެކު ފަތުރުވެރިކަމުގެ ސިނާއަތުގައި ހިންގާ ވިޔަފާރިތަކުން ފޯރުކޮށްދޭ ހުރިހާ ހިދުމަތްތަކުން 10 އިންސައްތަ އަށް ވުރެ މަދު ނޫން އަދަދަކުން ސާވިސް ޗާޖު ނަގަން ޖެހޭނެއެވެ.
ސާވިސްޗާޖުގެ ގޮތުގައި ނަގާ ފައިސާ، ވަޒީފާ ދޭ ފަރާތުގެ ހުރިހާ މުވައްޒަފުންގެ މެދުގައި ހަމަހަމަކަމާއެކު ބަހަން ޖެހެއެވެ.
ސާވިސްޗާޖުގެ ގޮތުގައި ލިބޭ ފައިސާ، ޖެހިގެން އަންނަ މަސް ނިމުމުގެ ކުރިން މުވައްޒަފުންނަށް ދޭން ޖެހޭއިރު، ސާވިސްޗާޖް ބެހުމުގައި އެތަނެއްގައި މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި ތަފާތުކުރުން ގެންގުޅެގެން ނުވާނެ ކަމަށް ގާނޫނު ބުނެއެވެ.
އަދި މި ގާނޫނުގެ ދަށުން އެހެނިހެން ވިޔަފާރި ތަކަށް ވެސް އެ ވިޔަފާރިތަކުން ފޯރުކޮށްދޭ ކޮންމެ ހިދުމަތަކުން ސާވިސްޗާޖް ނެގުމުގެ އިހުތިޔާރު އެފަރާތްތަކަށް ލިބިގެން ދާނެއެވެ.