ދުވާލު މާގިނައިރު ނިދާ މީހުންނަށް އިންޒާރެއް
![](https://dhen.mv/wp-content/uploads/2020/03/Five_Tips_for_Women_Who_Have_Trouble_Sleeping-850x548.jpeg)
މެންދުރު ފަހުގެ ވަގުތުކޮޅެއްގައި ނިދައިލުމުގެ ފައިދާ ބޮޑުކަމަށް ސައިންސްވެރިން ބުނެއެވެ. އެކަމަކު މިކަމުގައި ވެސް ހައްދެއް އޮންނަން ޖެހޭނެ ކަމަށާއި ދުވާލު މާގިނައިރު ނިދާ ނަމަ ޓައިޕް 2 ޑައެބެޓީސްގެ ނުރައްކަލަށް ހުށަހެޅިދާނެ ކަމަށް ސައިންސްވެރިން އިންޒާރު ދީފިއެވެ.
އެމެރިކާގެ ނިއު ޔޯކްގެ މޮންޓެފިއޯގެ މެޑިކަލް ސެންޓަރުގެ ކްލިނިކަލް ޑައެބެޓީސް ސެންޓަރުގެ ޑިރެކްޓަރު ޑރ. ޖޯލް ޒޮންސްޒެއިން ދިރާސާއަކަށް ފަހު ވިދާޅުވެފައި ވަނީ ދުވާލު ގަޑިއެއްހާއިރަށް ވުރެ ގިނައިރު ނިދާ ނަމަ ލޭގައި ހަކުރުގެ މިންވަރު މާބޮޑަށް މައްޗަށް ދިއުމުގެ ފުރުސަތު 45 ޕަސެންޓް މަތިވެދާނެ ކަމަށެވެ.
ދިރާސާއިން މިކަން ކަށަވަރެއް ނުވެއެވެ. ނަމަވެސް ދިރާސާގައި ބެލެވިފައިވާ ގޮތަށް ވެދާނެކަމުގެ އިންޒާރު ސައިންސްވެރިން ދެއްވައެވެ.
ގަޑިއެއްގެ އިރަށް ނުވަތަ އެއަށް ވުރެ މަދުން ދުވާލު ނިދާ ނަމަ ހަކުރު ބަލީގެ މި ނުރައްކާ މިގޮތަށް ނޯންނަކަން ވެސް ދިރާސާއިން ފާހަގަވެފައިވެއެވެ.
ޑރ. ޒޮންސްޒެއިން ވިދާޅުވެފައި ވަނީ މިއީ ވަރަށް ޝައުގުވެރި ދިރާސާއެއް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ދުވާލު މާގިނައިން ނިދުމާ ޓައިޕް 2 ޑައެބެޓީސްއާ ގުޅުން ހުރިކަން ދިރާސާއިން ދައްކައެވެ. އެކަމަކު ހަކުރު ބައްޔާ އެންމެ ބޮޑަށް ގުޅުން ހުންނަނީ ދިރިއުޅުމުގެ އާދަތަކާ ކަމަށާއި ދުވާލު ނިދުމާ ހަކުރު ބައްޔާ ގުޅުމެއް ހުރި ކަމަށް ވެސް ދައްކަނީ މިގޮތުންކަން ހަނދާންކުރަން ޖެހޭނެ ކަމަށް ތަޖުރިބާކާރުން ވިދާޅުވެފައިވެއެވެ.
މި ދިރާސާއަށް މައުލޫމާތު ނަގައިފައި ވަނީ 21 ދިރާސާއެއްގައި ބައިވެރިކޮށްފައިވާ 300،000 މީހެއްގެ ފަރާތުންނެވެ. އެ މީހުންގެ މައުލޫމާތަށް ބަލާއިރު ދުވާލު އެއްގަޑިއިރަށް ވުރެ ގިނައިން ނިދާ މީހުންނަކީ ޓައިޕް 2 ޑައެބެޓީސް ހުރި މީހުންނަށް ވުމުގެ ފުރުސަތު، އެއަށް ވުރެ މަދުން ދުވާލު ނިދާ މީހުންނާ އަޅާބަލާއިރު 45 ޕަސެންޓް އިތުރުވެ.
ދިރާސާ ޓީމުން ވަނީ މިއީ ހަމައެކަނި އަޅާކިޔުމެއް ކަމާއި ހަކުރު ބައްޔަށް މަގު ފަހިކުރުވާ ވަރަށް ގިނަ ސަބަބުތައް ވެސް ހުންނާނެކަން ފާހަގަ ކުރައްވައިފައެވެ. އެހެންވެ، ދުވާލު ގިނައިން ނިދުމަކީ ހަކުރު ބަލި ޖެހުމުގެ ފުރުސަތު އެތައް ގުނައެއް ބޮޑުވާ ކަމެއްގެ ގޮތުގައި އަދި ކަށަވަރު ނުވާ ކަމަށް ބުނެފައިވެއެވެ.