ދިރޭ ރަހައިގެ ސަބަބުން އިބިސްދޫނިތައް އެއްޖިންސުން ޖޯޑުތައް ހެދުމަށް މަގުފަހިކުރުވާ!
ދިރޭ ރަހައިގެ ސަބަބުން ، "އިބިސް" ނަމަކަށް ކިޔާ ދޫނިތައް އެއްޖިންސުން ޖޯޑުތައް ހެދުމަށް މަގުފަހި ކުރުވާ ކަމަށް ، މަޝްހޫރު "ނޭޗަރ" މެޑިކަލް ޖަރނަލްގައި ޝާޢިއުކޮށްފައިވާ ދިރާސާއެއްގައި ބުނެފިއެވެ.
އެ ދިރާސާގައި ބުނެފައިވާ ގޮތުގައި ތިމާވެށި ތަޣައްޔަރުކުރާ މާއްދާއެއް ކަމަށްވާ ދިރޭރަހަ(މަރކަރީ)ގެ ސަބަބުން ދޫނިތައް ޖިންސީ ގުޅުން ހިންގާ ގޮތް ބަދަލުކޮށްލައެވެ. މި ގޮތުން ފިރިހެން ދޫނިތައް އެހެން ފިރިހެން ދޫނިތަކާ އެކު ޖޯޑު ހަދާ ގޮތް މެދުވެރިވެ އެ ފަދަ ދޫނިތައް އާލާވުމަށް އޮތް ބޮޑު ހުރަހަކަށް މި މާއްދާވެގެންދާ ކަމަށް އެ ދިރާސާގައި ވެއެވެ.
މި ދިރާސާގައި ބުނެފައި ވަނީ ، ވިހަ ގަދަ އަދި ފަސޭހައިން ހަށިގަނޑަށް ވަދެގެންދާ ދިރޭރަހައިގެ ބާވަތް "މީތައިލް މަރކަރީ"ކެއުމުގެ ސަބަބުން ދެކުނު ފްލޮރިޑާގައި އުޅޭ އެފްރިކަން ވައިޓް އިބިސް އެއްޖިންސުގެ ދޫނިތަކާ އެކު ޖޯޑު ހެދުން އިތުރުވެގެން ދިޔައެވެ. މިއީ ދިރޭރަހަ ބޭނުންނުކޮށް ނުވަތަ އޭގެ އަސަރެއް ނެތް މިފަދަ ދޫނިތަކުން ފެނިފައި ނުވާ ކަމެކެވެ.
ފްލޮރިޑާގެ ކޯލް ބޭނުންކޮށްގެން ކަރަންޓު އުފައްދާ ތަންތަނުންނާއި ބިމުން ރަން ހޯދުމުގެ މަސައްކަތް ކުރާ ތަންތަނުން އަދި ބޭސްފަރުވާއާ ބެހޭ ތަކެތި އެންދުމުން ތިމާވެއްޓަށް ނުކުމެގެންދާ ދިރޭރަހައަކީ މި މާއްދާ ތިމާވެށި ތަޣައްޔަރު ކުރުމުގެ މައިގަނޑު ސަބަބެވެ.
ޔުނިވަރސިޓީ އޮފް ފްލޮރިޑާގެ ތިމާވެއްޓާ ބެހޭ ސައިންޓިސްޓު ޕީޓަރ ފްރެޑްރިކް އަދި އޭނާއާ އެކު ބައިވެރިވި އެހެން ސައިންޓިސްޓުން ކުރި 3 އަހަރު ދުވަހުގެ މި ދިރާސާގައި 160 އިބިސް ދޫނި ނަގައިގެން ކުރި ތަހުލީލުން ދެއްކި ގޮތުގައި ދިރޭރަހަ ކާންދިން ދޫނިތަކުގެ އުޅުން ބަދަލުވެފައިވެއެވެ. އަދި ދިރޭރަހައަށް ކުރިމަތި ނުވާ ދޫނިތަކުގެ އުޅުމަށް އެއްވެސް ބަދަލެއް ނާދެއެވެ.
ދިރޭރަހަ ކާންދިން ދޫނިތަކުގެ %15-13 ދޫނި ހާލިތައް އާލާވެފައެއް ނުވެއެވެ. މިފަދަ ހާލިތަކުގައި އުޅުނު ދޫނިތައް ތިބީ އެހެން ފިރިހެން ދޫނިތަކާ އެކު ޖޯޑު ހަދައިގެންނެވެ.
ދިރޭރަހަ ކާންދިން ދޫނިތައް އެހެން އަންހެން ދޫނިތަކާ އެކު އުޅޭ މިންވަރު މަދުވެއެވެ. އަދި އަންހެން ދޫނިތައް ވެސް މިފަދަ ފިރިހެން ދޫނިތަކާ ގާތްވާ މިންވަރު މަދެވެ. ދިރޭރަހައިގެ މިންވަރު އިތުރުވި ވަރަކަށް މިކަންކަން އިތުރު ވެފައިވެއެވެ.
ދިރޭރަހައިގެ ސަބަބުން ހަށިގަނޑުގެ ބައޯކެމިސްޓްރީ ނިޒާމަށް ބަދަލު އައިސް ނަސްލު އާލާވުމަށް ބޮޑު ނޭދެވޭ އަސަރެއް ކުރިމަތިވާ ކަމަށް މި ދިރާސާއިން ސާބިތުކޮށްދީފައިވާ ކަމަށް ޖަނަވާރުންގެ ކަންތައްތައް ދިރާސާކުރާ ސައިންޓިސްޓު ޔުނިވަރސިޓީ އޮފް ޓަރބިންގަން ގެ ޕްރޮފެސަރ ހައިންޒް ކޯލަރ ބުނެފައިވެއެވެ.
ދިރޭރަހައިގެ ސަބަބުން މިކަން ކުރިމަތި ވަނީ ހަށިގަނޑުގެ ހޯމޯންތައް ކޮންޓްރޯލްކުރާ "އެންޑޮކްރައިން" ނިޒާމަށް އަންނަ ބަދަލުތަކުން ކަމަށް ފާހަގަކޮށްފައިވެއެވެ. މިގޮތުން ފިރިހެން އިބިސް ދޫނިތަކުގެ ފިރިހެން ހޯމޯން "ޓެސްޓޮސްޓަރޯން" އަދި "އޮސްޓްރަޑިއޯލް" ހުންނަ މިންވަރަށް ބަދަލުތައް އާދެއެވެ. ދިރޭރަހައިގެ ސަބަބުން އޮންޑޮކްރައިން ނިޒާމަށް ނޭދެވޭ އަސަރުތައް ކުރާ ކަން އެއީ ކުރިން ވެސް އެނގޭ ކަމެކެވެ. ނަމަވެސް މި ދިރާސާއަކީ މިފަދަ ބަދަލުތައް ދޫނިތަކަށް ކުރިމަތިވާ ކަން ހާމަކުރި ފުރަތަމަ ދިރާސާއެވެ.