ދުއްވުން މަނާ ކޮށްލުމުން އާއިލާތަކަށް އީދެއް!

އައު އަހަރާ ދިމާކޮށް މިއަދު ހަވީރު ހަތަރަކުން ރޭގަނޑު އަށަކާއި ހަމައަށް ދުއްވާ އެއްޗެހި ދުއްވުން މަނާ ކޮށްލުމުން މާލޭގެ މަގުތައް މަތިން ފެނިގެން ދިޔައީ ހިތްފަސޭހަ މަންޒަރެކެވެ.
އާއިލާތައް މަގުމައްޗަށް ނުކުމެ އެކުގައި ހަވީރުގެ ހިތްގައިމު ވަގުތު އެކުގައި ހޭދަކުރަމުން ދިޔަ މަންޒަރެވެ. ތުއްތު ދަރިފުޅު އުރާލައިގެން ހިނގާލަން ނުކުމެ އުޅޭ މައިންބަފައިންގެ މޫނުމަތިން ފެނުނީ އުޖާލާ ހިނިތުންވުމެކެވެ. އާއިލާއާ އެކު ވަގުތުކޮޅެއް ހަމަހިމޭން މަގުތަކުގައި ހޭދަކޮށްލަން ލިބުމުން ހިތްހަމަ ޖެހިފައިވާ ކަން އެނގެއެވެ.
މަގުތައް މައްޗަށް ކުދިވެރިން ނުކުމެ ކުޅެން އުޅޭ މަންޒަރު ވެސް ފެނުނެވެ. ބެޑްމިންޓަން ކުޅޭ ކުދިންނާއި ފުޓުބޯޅަ ކުޅޭ ކުދިންނެެވެ. ބައިސްކަލު ދުއްވާ ކުދިންނާއި ސްކޭޓް ބޯޑު ދުއްވާ ކުދިންނެވެ. މިނިވަންކަމާއެކު މާލޭގެ ބޮޑެތި މަގުތައް މަތީގައި މަޖާކޮށްލަން ލިބުމުން އެކުދިންގެ މޫނުމަތިން ފެނިގެން ދިޔައީ ހިނިތުންވުމެވެ.
ލޯބިވެރިން އަތުގުޅާލައިގެން މަގުތައް މަތީގައި ހިނގާލަން ނުކުމެ އުޅޭ މަންޒަރު ވެސް ފެނުނެވެ. ހަމަހިމޭންކަމާއެކު އޮތް މަގުތަކުގައި ލޯބީގެ އެތައް މަލެއް ފޮޅުވަމުންނެވެ. އެޖޯޑުތަކުގެ މޫނުމަތިން ވެސް ފެނިގެން ދިޔައީ ހިތްހަމަޖެހިފައިވާ ކަމުގެ ކުލަވަރުތަކެވެ.
އައު އަހަރާއެކު، ކޮންމެ މީހަކު ވެސް އެތައް އުއްމީދުތަކެއް ކުރާނެ ކަން ގައިމެވެ. ވިހިއެކާވީސް ވަނަ އަހަރު ފެށުމުގެ ގޮތުން މިފަދަ ގޮތަކަށް ފުރަތަމަ ހަވީރު ހޭދަކޮށްލަން ލިބުމުން، އާއިލާތަކަށް އައީ އީދެކެވެ. އުއްމީދު ކުރެވެނީ މި އަހަރަކީ ހުރިހާ ގޮތަކުން ހުރިހާ އާއިލާތަކަކަށް ވެސް، އުފާވެރި އަހަރަކަށް ވެގެންދާނެ ކަމަށެވެ.