އަނބިމީހާ ހިލޭ ފިރިހެނުންނާ ވާހަކަ ދެއްކުން މަނާކުރަން ފިރިމީހާއަށް ވާޖިބު!
ހިތް ފަސޭހަ އަދި ހިތްހަމަ ޖެހޭ އުފާވެރި ޙަޔާތެއްގެ ބިންގަލަކީ ހެޔޮ ލަފާ ޞާލިޙް އަނތްބެކެވެ. އެފަދަ އަނތްބަކީ އެމީހެއްގެ ހަމަ ކޮންމެ ޢަމަލެއް އަދި ބަހެއްގެ ސަބަބުން ފިރިމީހާގެ ހިތަށް ފިނިކަން ގެނުވައިދޭ މީހެކެވެ.
ހެޔޮލަފާ އަނބިންގެ މާތްކަމާ މަތިވެރިކަން ބަޔާން ކުރައްވާފައިވާ ބަސްފުޅެއްގައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައި ވެއެވެ.
" މިދުނިޔޭގައިވާ ހުރިހާ ތަކެއްޗަކީ އިންސާނުންގެ ބޭނުމަށްޓަކައި ﷲ ތަޢާލާ ލައްވާފައިވާ ތަކެއްޗެވެ. އަދި އެހުރިހާ ތަކެތީގެ ތެރެއިން އެންމެ ހެޔޮ އެއްޗަކީ ޞާލިޙް އަނތްބެކެވެ." ތިރުމިޛީ
ތިރުމިޛީ ރިވާކުރެއްވި އެހެން ޙަދީޘް ބަސްފުޅެއްގައި ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައި ވެއެވެ.
" ތިޔަބައި މީހުން ޝުކުރުވެރި ހިތެއް ހޯދާށެވެ. ﷲގެ އިސްމުފުޅުން ޛިކުރުކުރާ ދުލެއް ހޯދާށެވެ. އަދި މުއުމިނު އަނތްބެއް ހޯދާށެވެ. އެ އަނތްބަކީ ތިޔަބައިމީހުންނަށް އާޚިރަތް ކާމިޔާބު ކުރުމުގައި އެހީތެރިވެދެވޭ ފަދަ މީހެކެވެ."
ހެޔޮލަފާ ޞާލިޙް އަނބީންގެ މަތިވެރިކަމާ މާތްކަން ތަކުރާރުކޮށް ބަޔާންވެފައިވާއިރު ހަމަ އެހެންމެ ، އެކި މަޖިލިސްތަކުގައި އެކަންކަމުގެ މައްޗަށް އަލިއަޅުވާލެމުން ދާއިރުވެސް ، ހިތި ހަގީގަތަކީ އެ މަގުން އެއްކިބާވާ މީހުން މުޖުތަމަޢުގައި ގިނަ ކަމެވެ. ގިނަވަމުން ދާ ކަމެވެ. ހިލޭ ފިރިހެނުންނާއެކީ މައްލަވަކޮށް އެތައް ވަގުތެއް އެމީހުންނާއެކީ ހޭދަ ކުރާއިރު އޭނާގެ މައްޗަށް އޮތް ފިރިމީހާގެ ޙައްޤުތަކެއް ނުވެސް ވާފަދައެވެ.
މިފަދަ ކަންކަމާ ގުޅިގެން ދީނީ ޢިލްމުވެރީންނާއި ކައުންސިލަރުންނާ ހަމައަށް އަންނަ އާއިލީ މައްސަލަތަކާ ގުޅޭ ޝަކުވާތަކާއި ކަންކުރަންވީ ގޮތުގެ އިރުޝާދަށް އެދޭ އެދުން ، މިއަދު އަންނަނީ އިތުރުވަމުންނެވެ. އެގޮތުން އަނބިމީހާ ، ހިލޭ ފިރިހެނުންނާ ވާހަކަ ދެއްކުމާ ގުޅޭގޮތުން ޝައިޚް މުޙައްމަދު ޝާފިޢުއަށް ހުށަހަޅާލާފައިވާ ސުވާލަކާއި އޭގެ ޖަވާބު ހިމަނާލާނަމެވެ.
އަނބިމީހާ ހިލޭ ފިރިހެނުންނާ ވާހަކަ ދެއްކުން، ފިރިމީހާއަށް މަނާ ކުރެވިދާނެތަ؟ އަދި މަނާކޮށްފައި އޮއްވާ އަނބިމީހާއަށް ހިލޭ ފިރިހެނަކާ ވާހަކަ ދެއްކިދާނެތަ؟
ޝައިޚް ވިދާޅުވެފައި ވެއެވެ.
"އަނބިމީހާ ހިލޭ ފިރިހެނުންނާ ވާހަކަ ދެއްކުން މަނާކުރަން ފިރިމީހާއަށް ވާޖިބުވާނެއެވެ. ފިރިމީހާ އެކަން މަނާ ކުރިޔަސް ނުކުރިޔަސް އަންހެނުން ހިލޭ ފިރިހެނުންނާ ވާހަކަ ދެއްކުމަކީ ޙަރާމް ކަމެކެވެ. ވަރިވުމާއި، ކައިވެނި ރޫޅުމާއި، ޒިނޭކުރުން ފަދަ ކަންކަން ފެށެނީ އެފަދަ ގުޅުންތަކުންނެވެ. އެކަން ޙަރާމްވުމުގެ ދަލީލަކީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މި ޙަދީޘްފުޅެވެ.
لَا يَخْلُوَنَّ رَجُلٌ بِامْرَأَةٍ ، فَإِنَّ ثَالِثَهُمَا الشَّيْطَانُ-رواه أحمد (178) وصححه الألباني في “إرواء الغليل” (1813)
"ހަމަކަށަވަރުން ފިރިހެނަކު އަންހެނަކާ އެކަހެރި ނުވާށެވެ. އެދެމީހުންގެ ތިންވަނަ ފަރާތަކީ ޝައިޠާނާއެވެ."
އެކި އެކި ވަސީލަތްތައް ބޭނުންކޮށްގެން ވާހަކަ ދެއްކޭ ވާހަކަ ދެއްކުމަކީ ވެސް އެކަހެރިވުމެކެވެ.
ހަމަ މި ބީދައިން ފިރިމީހާ ހިލޭ އަންހެނުންނާ ވާހަކަ ދެއްކުން ވެސް ޙަރާމް ވެގެންވެއެވެ.
ޟަރޫރަތެއް ޖެހިގެން އަނގައިން ބުނަން ޖެހޭ މީހަކާ އަނގައިން ބުނުން މި ވާހަކަ ދެއްކުމުން އިސްތިސްނާ ވެގެން ވެއެވެ."
ވުމާއެކު ޒަވާޖީ ޙަޔާތުގެ ފޮނިމީރުކަން ހޯދުމަށާއިި ދެދުނިޔޭގެ ކާމިޔާބާ ފަލާޙްގެ ބިންގަލަކީ އިތުބާރާއި ލޯތްބާއި ދީނީ ވާޖިބުތަކަށް އިސްކަންދޭ ޒަވާޖީ ގުޅުމެއްކަން ދަނެ ، އެ ގުޅުން އެފަދަ ގުޅުމަކަށް ހެދޭތޯ މަސައްކަތް ކުރުމަކީ ދެމަފިރީންގެ މައްޗަށް އޮތް ވާޖިބެކެވެ.