ކައިވެނި ޕާޓީއިން ފައްސިވި މީހުންގެ އަދަދު 78 އަށް
ޝީ ބިލްޑިންގގައި ބޭއްވި ކައިވެނީގެ ހަފްލާއިން އުފެދުނު ކްލަސްޓަރއިން މިހާތަނަށް 78 މީހުން ކޯވިޑް-19އަށް ފައްސިވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނީ ކައިވެނި ކްލަސްޓާއާ ގުޅިގެން އިއްޔެ އިތުރު ހަ މީހަކު ފައްސި ކަމަށާއި އެކްލަސްޓާއިން މިހާތަނަށް ޖުމްލަ 78 މީހަކު ފައްސި ކަމަށެވެ. މި ކްލަސްޓާގެ ކޮންޓެކްޓުންގެ ގޮތުގައި 200 އަށްވުރެ ގިނަ މީހުން ހިމެނެއެވެ. އެޗްޕީއޭ އިން ވަނީ އެ ހަފްލާއަށް ދިޔަ މީހުންގެ ތެރެއިން އެ އެޖެންސީން ނުގުޅާ ފަރާތްތަކުން 1676 އަށް ގުޅައި، ވިހާވެސް ގިނަ މައުލޫމާތު ހިއްސާކުރުމަށް އެދިފައެވެ.
މިދިޔަ މަހުގެ 20 ވަނަ ދުވަހުގެ ހަވީރު ޝީ ބިލްޑިންގައި ބޭއްވި ކައިވެނި ހަފްލާއަކާ ގުޅިގެން އުފެދުނު މި ކްލަސްޓާއިން ފުރަތަމަ މީހަކު ފައްސިވީ މިމަހުގެ 24 ވަނަ ދުވަހުއެވެ. އޭގެ ޖެހިގެން އައި ދުވަހު 12 މީހުން ފައްސިވި އިރު، މިދިޔަ މަހުގެ 26 ގައި 22 މީހުން ފައްސިވިއެވެ. އަދި 27 ވަނަ ދުވަހު އަށް މީހަކު ފައްސި ވެފައިވެއެވެ.
މީގެ އިތުރުން އެ ކްލަސްޓާއާ ގުޅިގެން 28 ވަނަ ދުވަހު އިތުރު ތިން މީހަކު ފައްސިވުމުގެ އިތުރުން މިދިޔަ އަންގާރަ ދުވަހު 13 މީހުން އަދި ބުދަ ދުވަހު އަށް މީހުން ފައްސިވެފައި ވެއެވެ. ހަމަ އެހެންމެ އިއްޔެ އެ ކްލަސްޓާއިން ހަތަރު މީހަކު ފައްސިވެ ކްލަސްޓަރއިން މިހާތަނަށް ފައްސިވީ މީހުންގެ އަދަދު 78 އަށް އަރާފައިވެއެވެ.
މި ކައިވެނި ޕާޓީއަކުން ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ތެރޭގައި އެއް އަހަރުން ދަށުގެ ދެ ކުދިން ވެސް ހިމެނެއެވެ. ފައްސިވި އެއް އަހަރުން ދަށުގެ ދެ ކުދިންގެ ތެރޭގައި ހިމެނެނީ އަށް މަހުގެ އަންހެން ކުއްޖަކާއި ނުވަ މަހުގެ އަންހެން ކުއްޖެކެވެ.