ލައިފްސްޓައިލް

ސަރވޭ: ކައިވެނި ކުރަންވީ އަވަހަށްތަ؟ ނޫނީ ރަނގަޅަށް ތައްޔާރު ވެގެން، ލަހުންތަ؟

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މިއީ ވަރަށް ގިނަ މީހުން ބަހުސް ކުރާ ހިތްވާ މަޢުލޫއެކެވެ. ޚާއްސަކޮށް އަލަތު ކައިވެންޏެއް ކުރަން އުޅޭނަމަ ނުވަތަ އިނދެ ވަރިކޮށްފައި ހުއްޓާ އަލުން ކައިވެންޏެއް ކުރަން އުޅޭނަމައެވެ.

ރާއްޖެއަކީ ވެސް ކައިވެނި ކުރުމުގެ ކުރިން އަންހެނަކާއި ފިރިހެނަކު ފުރަތަމަ ހިތާވެގެން ނުވަތަ "ރައްޓެހިވެގެން" އުޅޭ ޤަައުމަކަށްވާތީ، ލޯބީގެ ގޮތުން ގުޅިގެން އުޅޭ ދެމީހަކަށް އެމީހުންގެ މައިންބަފައިންނާއި ގާތް އެކުވެރިންނާއި އަދި އަވަށްޓެރިން ވެސް އެންމެ ގިނައިން ޚިޔާލުދޭ އެއް ކަމަކީ ކައިވެންޏާ ބެހޭގޮތުންނެވެ.

އެއްބަޔަކު ބުނާ ގޮތުގައި ގިނަ ދުވަހު ލޯބީގެ ގޮތުން އެކުގައި ގުޅިގެން އުޅޭނެ ކަމެއް ނެތެވެ. އަވަހަށް ކައިވެނި ކުރަންވީއެވެ. ނަމަވެސް އަނެއްބަޔަކު ބުނާ ގޮތުގައި ކައިވެނި ކުރަންވާނީ އެކަމަށް ރަނގަޅަށް ތައްޔާރުވެ، އެކަމަށް ބޭނުންވާ ވަގުތު ނެގުމަށްފަހުގައެވެ.

މިކަމާމެދު ބައެއް މީހުން ދެކޭ ގޮތުގެ ކުޑަ ސާރވޭއެއް މީސްމީޑިއާގައި ހަދާލީމެވެ.

ސާމިޔާ (50އ.):

"އަހަރެންގެ ދަރިފުޅުގެ އުމުރުން މިހާރު 25 އަހަރު. އޭނަ އިންނަން އުޅޭ ފިރިހެން ކުއްޖާއާއެކީގައި އުޅޭތާ އަދި ނުވޭ އަހަރެއް. އަހަރެން ބުނެގެން މިހާރު އުޅެނީ ކައިވެނި ކުރަން. އަވަހަށް ކައިވެނި ކުރަން ބުނީ މިއީ ވަރަށް ސަކަރާތް ޒަމާނަކަށްވާތީ، އެމީހުންނަށް ގޯސް ކަމެއް ކުރެވިދާނެތީ. މީހުން ކިޔާފާނެ އެއްޗަކަށް ވެސް ވިސްނާފަ"

މޫތަސިމް (22އ.):

"ނުވޭ މާ އަވަހަށް މީހަކާ އިންނަ ހިތެއް. އަދި އެންމެ 22 އަހަރު މިވީ. އަހަރެން ފުރަތަމަ ބޭނުމީ ރަނގަޅު ކެރިއަރ އެއް ބިލްޑު ކުރަން. ރަނގަޅަށް އަތްމަތި ތަނަވަސްވެގެން މެރީ ކުރީމަ ފަސޭހައިން އަރާމުގައި އުޅެވޭނީ ވެސް"

ރިފާ (20އ.):

"އަހަރެން މިއުޅެނީ ކައިވެނި ކޮށްގެން. މިހާރު ދެ އަހަރު ވެއްޖެ. މަންމަމެން ބުނެގެންނާ ވެސް އެކީ އަވަހަށް ކައިވެނި ކުރީ.އޭނައާ ރިލޭޝަން އެއްގައި އުޅެން ފެށިތާ ދެ މަސްވަރު ވާނީ ކައިވެނި ކުރިއިރު. އެކަމަކު މިހާރު މިއުޅެން ޖެހެނީ ވަރަށް ހާލުގައި. ފިރިމީހާއަކީ އެހާ ހަރުދަނާ މީހެއްނޫން. ވަޒީފާ ގެއްލުނީމަ އަމިއްލައަށް މަސައްކަތެއް ހޯދާކަށް ވެސް ނޫޅޭ. އެގޭގައި މިހެން އުޅެން ވެސް ލަދުގަނޭ. ފިރިމީހާގެ ކަމަކީ އަބަދު ޕަބްޖީ ކުޅުން"

އާޝާ (34އ.):

"އަހަރެން ދެކޭ ގޮތުގައި މެރީ ކުރަން ވާނީ އެކަމަށް ރަނގަޅަށް ޓައިމް ނަގައިގެން، ރަނގަޅަށް ރެޑީ ވެގެން. ވަރަށް ގިނަ މީހުން، ޚާއްސަކޮށް އުމުރުން ދުވަސްވީ މީހުން ކިޔާ އެއްޗެއް، އަވަހަށް މެރީ ކުރާށޭ، ރައްޓެހި ވެގެން ގިނަ ދުވަހު އުޅޭކަށް ނުވާނޭ. އަސްލުގައި އިނގޭ އެހެން އެބުނަނީ ވެސް ރަނގަޅަކަށްކަން. އެކަމަކު އެކަންކަމަކީ ކޮންޓްރޯލް ކުރެވޭނެ ކަންކަންދޯ. ރަނގަޅަށް މާލީ ގޮތުން ވެސް ތައްޔާރު ނުވެ ކައިވެނި ކުރީމަ ފަހުން އުޅެން ޖެހޭނީ ވަރަށް ދަތި ހާލުގައި. ދެމީހުން ހަގީގަތުގައި އެނގެން ވެސް ވަގުތު ބޭނުން ވާނެ"

އިބްރާހިމް (30އ.):

"އަވަހަށް ކައިވެނި ކުރަން އަހަންނަށް ފެންނަނީ. އެއީ އެއްވެސް މައްސަލައެއް ނޫން. އަހަރެން ވެސް ކައިވެނި ކުރީ މީގެ 10 އަހަރު ކުރިން. އެތައް ކަމަކާ ހަމަ ކުރިމަތިވި. ކައިވެނި ކުރީވެސް އެކީގައި އުޅޭތާ ފަސް މަސް ވެސް ނުވަނީސް. އަހަންނާއި އަހަރެންގެ އަންހެނުން ހުރިހާ ކަމަކާ ވެސް ހަމަ އެކުއެކީގައި ކުރިމަތިލަނީ. ދެމީހުން ދޭތެރޭ މައްސަލަވެސް ނުޖެހެއެކޭ ނޫން އެކަމަކު ވާހަކަ ދައްކައިގެން ހައްލުވެސް ކުރެވޭ. އަހަރުމެންގެ މިޒާޖުވެސް ވަރަށް ތަފާތުކަން އެނގުނު ކައިވެނި ކުރި ފަހުން. އެހެންވެ ދެމީހުން ކައިވެނި ކޮށްގެން މިޒާޖު ދަސްކުރީ. ފައިނޭންޝަލީ ވަރަށް ދަތިވި. އެކަމަކު ޚަރަދުތައް ލިބޭ މިންވަރާ އެއްގޮތަށް ބައްޓަން ކުރީމަ އެކަން ވެސް ހަމަޖެހުނު. އެހެންވީމަ އަވަހަށް ކައިވެނި ކުރުމަކުން ނެތް އެއްވެސް ދެރައެއް"

އައިޝަތު (40އ.)

"އަހަރެން ކައިވެނި ކޮށްގެން މިއުޅެނީ ދެ އަނތްބަށް. އަހަންނަކީ ހަގު އަނބި. ކުރިން ކުރި ކައިވެންޏަކަށް އަހަރެންގެ ހުރޭ ދެ ދަރިން. ފިރިމީހާގެ ވެސް ދެ ދަރިން ހުރޭ އޭނަގެ ދޮށި އަނތްބަށް. ކައިވެނި ކުރީ ދޮށީ އަނބީގެ ރުހުމުގައި، އޭނަ ފިރިމީހާ ކައިރީގައި ބުނީ އަވަހަށް ކައިވެނި ކުރަން އަހަންނާ، ރައްޓެހިވެގެން ގިނަ ދުވަހު ނުތިބެން. އެއީ ދެން ރީތި ކަމަކަށްވެސް ނުވާތީ އަހަރެން ވެސް އާނ ބަސް ބުނީ. އެކަމަކު މިހާރު މިއުޅެން ޖެހެނީ ވަރަށް ހާލުގައި. ފިރިމީހާ ކައިވެނި ކުރީ ދެ އަނބިންނާއި ހަތަރު ދަރިން ގެންގުޅެވޭނެހާ ފޯރުންތެރިކަމެއް އޭނާގެ އެވަގުތު އެހާ ހުރެގެން ނޫންކަން އެނގުނީ ކައިވެނި ކުރި ފަހުން. މިހާރު މިއުޅެނީ ކައިވެންޏެއް ކޮށްގެން އުޅެން އަހަރެން އުންމީދު ކުރިހާ ފަސޭހައިގައެއް ނޫން. އެންމެ ދެރަވަނީ، މިދަތި ހާލުގައި އަހަރެންގެ ދަރިންވެސް ޝާމިލު ކުރެވުނީތީ"

 

 

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!