"ތެޔޮ ބިޑިއެއް" ނުލިބިގެން ވާމަޖުބޫރެއްގެ ސަބަބުން އިސްތިއުފާ ދިނުމަކުން "ބަޣާވާތަކަށް" ނުވާނެ: ޑރ. އިޔާޒް

"ތެޔޮ ބިޑިއެއް" ނުލިބިގެން ވާ މަޖުބޫރެއްގެ ސަބަބުން އިސްތިއުފާ ދިނުމަކުން "ބަޣާވާތަކަށް" ނުވާނެ ކަމަށް ދީނީ ޢިލްމުވެރިވާ ޑރ. މުޙައްމަދު އިޔާޒް ޢަބްދުއްލަތީފު ވިދާޅުވެ، ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ބަހުގެ ހަމަލާތަކެއް ދެއްވައިފިއެވެ.
ޑރ. އިޔާޒް ކުރެއްވި ޓްވީޓެއްގައި މިފަދައިން ވިދާޅުވެފައި މިވަނީ، އެސިސްޓެންޓް ކަމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އަބްދުﷲ ފައިރޫޝް ފުލުހުންގެ ވަޒީފާއިން އިއްޔެ ރިޓަޔާ ކުރެއްވުމާ ގުޅިގެން އެމްޑީޕީ ސަޕޯޓަރުންގެ ބަހުގެ ހަމަލާތަކެއް އޭނާއަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.
ފައިރޫޝް ދެކެ ، ވެރިކަން ކުރާ އެމްޑީޕީ ސަޕޯޓަރުން ނުރުހުން ވަނީ 7 ފެބްރުއަރީ 2012 ވަނަ ދުވަހު ރާއްޖޭގައި ހިނގި ހަމަނުޖެހުމާ ގުޅިގެން ރައީސް ނަޝީދު އިސްތިއުފާ ދެއްވުމުން، އެދުވަހު ފުލުހުންނަށް ކޮމާންޑް ކުރެއްވުމާއި އޭނާ ވަކިހިސާބަކުން ހަވާލުވެ ލެއްވުމުންނެވެ.
އެދުވަހު ރައީސް ނަޝީދު އިސްތިއުފާ ދެއްވީ މަޖުބޫރުން ކަމަށް ބުނާތީ ޑރ. އިޔާޒް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ""ތެޔޮ ބިޑިއެއް ނުލިބިގެން ވާމަޖުބޫރުގެ ސަބަބުން އިސްތިއުފާ ދިނުމަކުން ބަޣާވާތަކަށް ނުވާނެ." ކަމަށެވެ.
ޑރ. އިޔާޒު ވިދާޅުވެފައި ވަނީ ރައީސް ނަޝީދުގެ ވެރިކަން ބަދަލުވެފައި ވަނީ ބަޣާވާތަކުން ކަމަށް ވިދާޅުވެ ދައްކަވާ ވާހަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަތަކެއް ކަމަށާއި އެދުވަހު ކަން ހިނގައިދިޔަ ގޮތާއި ގުޅޭގޮތުން ހާއްސަ ރިޕޯޓެއް އެކުލަވާލައި ވެރިކަން ބަދަލުވި ގޮތް ވަރަށް ސާފުކޮށް އެގެން އޮތް ކަމަށެވެ.