ދުނިޔެ

ކޮވިޑް-19: އިޒްރޭލުން އަޅުވެތިކޮށްގެން އުޅޭ ފަލަސްތީނު ރައްޔިތުންނަށް ވެކްސިނެއް ނުދޭ!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ވެކްސިން ޖެހުމުގައި އިޒްރޭލުން އެންމެ ކުރީގައި އުޅުނަސް، އެޤަައުމުން ގަދަބާރުން ހިފައިގެން އުޅޭ ފަލަސްތީނުގެ ބިމުގައި ދިރިއުޅޭ އަދި އިޒްރޭލުން އަޅުވެތި ކޮށްގެން އުޅޭ ފަލަސްތީނުގެ ރައްޔިތުންނަށް ވެކްސިން ނުދޭކަން ހާމަ ވެއްޖެއެވެ.

Ads by Sosun Fihaara

އިޒްރޭލުގެ އާބާދީގެ 10 އިންސައްތަ މީހުންނަށް މިހާރު ވެކްސިން ދީފައި ވީނަމަވެސް، އެޤައުމުން ގަދަބާރުން ހިފާފައިވާ ގާޒާ އާއި ހުޅަނގު އައްސޭރީގެ ފަލަސްތީނަށް ނިސްބަތްވާ އެންމެ މީހަކަށް ވެސް މިހާތަނަށް ވެކްސިން ދީފައި ނުވާކަން ރިޕޯޓުތަކުން ހާމަ ވެފައިވެއެވެ.

ފައިޒާ/ބަޔޯއެންޓެކް ވެކްސިން އިޒްރޭލުގައި ދެމުންދާއިރު، ހުޅަނގު އައްސޭރީގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން އިޒްރާއީލުން ވެކްސިން ދީފައި ވަނީ ހަމައެކަނި އެސަރަޙައްދުގައި އުޅޭ ޔަހޫދީންނަށް އެކަންޏެވެ. އެސަރަޙައްދުގައި ޖުމްލަ 2.7 މިލިއަން ފަލަސްތީނު ރައްޔިތުން ދިރިއުޅެއެވެ.

ފަލަސްތީނު ރައްޔިތުންނަށް ވެކްސިން ނުދޭނެ ކަމަށް އިޒްރޭލުން އަދި ބުނެފައި ނެތް ނަމަވެސް، އެމީހުންނަށް ވެކްސިން ދޭނެ ކަމުގެ ޔަގީންކަމެއް ވެސް އަދި ދީފައެއް ނުވެއެވެ.

ވެކްސިން ދިނުމުގެ ޕްރޮގްރާމް އިޒްރޭލުގައި ފެށިތާ މިހާރު ދެ ހަފްތާ ވެފައިވާއިރު، އެޤައުމުން ދުވާލެއްގެ މައްޗަށް 150،000 މީހުންނަށް ދަނީ ވެކްސިން ދެމުންނެވެ. އާބާދީ ގައި ނުވަ މިލިއަން ހިމެނޭ އިޒްރޭލުގެ އެއް މިލިއަން މީހުންނަށް މިހާރު ވެސް ވަނީ ވެކްސިން ދީ ނިމިފައެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!