ކޮލަމް

ޝުކުރު އަދާކުރުމާއި އެހެންމީހުން ކޮށްދޭ ކަންކަން ބަލައިގަތުން، ދިވެހިން ދަސްކުރަންވެއްޖެ ހުނަރެއް!

ކައުޘަރު އަޙްމަދު ލަޠީފް (ދުންމާރި) ، ދެން އޮންލައިން

ކީރިތި ޤުރުއާނުގައި މުއުމިނުން ސިފަކުރައްވާފައި ވަނީ ނިޢުމަތްތަކަށް ޝުކުރުކުރާ ބައެއްގެ ގޮތުގައެވެ. އެހެނީ ލިބިފައިވާ ނިޢުމަތްތަކަށް ޝުކުރުކުރުމަކީ އިންސާނާގެ ދުނިޔަވީ ޙަޔާތުގެ ވަރަށް ގިނަ މުހުތާދުތައް ފުއްދުމުގައި ފަސޭހަތަކެއް ލިބިގެންދާ އަދި އެހެން މީހުންގެ ލޯތްބާއި ގަދަރާއި އިހުތިރާމް ލިއްބައިދޭ ކަމެކެވެ.

Ads by STELCO

ޝުކުރު އަދާ ކުރުމަކީ ނުވަތަ ކޮށްދޭ ކަންކަން ބަލައިގަތުމަކީ ޚިދުމަތްދޭ ފަރާތާއި ޚިދުމަތް ލިބިގަންނަ ފަރާތާ ދެމެދު ވަރަށް ބޮޑު އިތުބާރެއް އުފައްދާ ކަމެކެވެ. އިހުތިރާމާއި ލޯބި އުފައްދާ ކަމެކެވެ. ގާތްކަމެއް އުފެދޭ ކަމެކެވެ. ލޯބި އިތުރުކޮށްދޭ ކަމެކެވެ. ޓިޕްސް ދީގެން ނުލިބޭ ހިތްހަމަޖެހުން، ޝުކުރު އަދާ ކޮށްގެން ލިބެއެވެ. އެއީ ޚާލިޞް ހިތްހަމަޖެހުމެވެ.

އަޅުގަނޑުމެންގެ ނާޒުކު ދިވެހި މުޖުތަމަޢަށް ނަޒަރު ހިންގާލާއިރު، ޚިދުމަތްދޭ  ވަރަށް ގިނަތަންތަނުގައި ގިނައީ ބިދޭސީންނެވެ. ޑަކުޓަރުންނާއި ނަރުހުންނެވެ. މުދައްރިސުންނާއި ވެރިންނެވެ. ވެއިޓަރުންނާއި ކައްކާއިންނެވެ. ޑްރައިވަރުންނާއި އެހީތެރިންނެވެ. މިހެންގޮސް ނަން ހުސްކޮށެވެ. ކޮންމެއަކަސް އަޅުގަނޑުމެން ދިވެހިންގެ ދުވަހީ މުހުތާދުތައް ފުއްދުމުގައި ޚާއްޞަކޮށް ބިދޭސީންގެ އެހީތެރިކަމަށް އެދެން މިވަނީ މަޖުބޫރުވެފައެވެ.

ކަން މިހެން އޮތްއިރު، މިފަދަ ޚިދުމަތްތައް ދޭ ފަރާތްތަކަށް ޝުކުރު އަދާކުރުމަކީ ވަރަށް މަދުން ނޫނީ ފެންނަ މަންޒަރެއް ނޫނެވެ. ވަކިން ޚާއްޞަކޮށް ޚިދުމަތެއް ލިބިގަތުމަށް ފަހު ޝުކުރިއްޔާ އޭ ނުވަތަ އެނޫން ވެސް ބަހަކުން ޝުކުރުގެ ބަހެއް ބުނެލުމަކީ ގިނަ ދިވެހިންނާ ބީރައްޓެހި ރީތި ސިފައެކެވެ. ކަމުގެ ޙަގީގަތް އެއްގޮތަކަށް ވެސް ނޭނގެއެވެ. ތަޢުލީމީ އޮޅިތަކުން ދަސްކޮށްދެވިފައި ނުހުންނަނީ ކަން ނޭނގެއެވެ. ނޫނީ މަައިންބަފައިންގެ ފަރާތުން އެ ރީތި މަންޒަރު ނުފެންނަނީ ކަމަށް ވެސް ވެދާނެއެވެ.

ހޮޓާތަކާއި ރެސްޓޯރެންޓުތަކަށް ދާ ވަރަށް ގިނަ ދިވެހިން އެތަންތަނުގައި ޚިދުމަތްދޭން ތިބޭ ވެއިޓަރުންނަށް ގޮވާލުމަށް ނުވަތަ ކަމަކަށް ބޭނުންވީމާ ތުނބުން ފުމޭތަން ފެނެއެވެ. ނުވަތަ ކުޑައިމީސްކޮށް މުޚާޠަބުކޮށް ގޮވާ މަންޒަރު ފެނެއެވެ. އަދި ކިރިޔާ ކަމެއް ވާއިރަށް ނުވަތަ ކަމަކާ ހިތްހަމަނުޖެހޭ އިރަށް ވަރަށް ހުތުރުކޮށް އެފަދަ މީސްމީހުންނާ މުޚާޠަބު ކުރެވޭ ކަމީ އެންމެން ދަންނަ ބޮޑު ސިއްރެކެވެ. ނަމަވެސް އަހަރެމެންނަށް ނޭނގޭ ކަމަކީ އެއީ ވެސް އިންސާނުން ކަމާއި، އެފަދަ ތަންތަނުން ހޯދާ ޚިދުމަތުގެ ފެންވަރު ވަރަށް ގިނަފަހަރަށް ބިނާ ވަނީ ޚިދުމަތް ފޯރުކޮށްދޭން ތިބޭ މީހުންނާމެދު ކަންކުރެވޭ ގޮތެއްގެ މައްޗަށް ކަމެވެ. ކާއެއްޗެއްސަށް ކުޅެއް ޖަހާލިޔަސް ބަޔަކަށް ހަމަ ރޭކާ ވެސް ނުލާނެއެވެ.

ހަސްފަތާލަކަށް ވިއަސް ބޭސްފިހާރައަކަށް ވިއަސް އަދި ކޮންމެ ތަނަކުން ޚިދުމަތެއް ހޯދިކަމުގައި ވީނަމަވެސް، ޚިދުމަތް ދިން ފަރާތަށް ޝުކުރުގެ ބަހެއް ބުނެ ނުލައި އެތަނަކުން ވަކިވެގަތުމަކީ ތަހުޒީބީ މުޖުތަމަޢުތަކުގައި އޮންނަ ކަމެއް ނޫނެވެ. އެންމެ ކުޑަމިނުން ޝުކުރިއްޔާ އޭ ބުނެލަން ވާނެއެވެ. އެއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިއްބައިދޭ ކަމެކެވެ. އަމިއްލަ ނަފްސަށް ވެސް މެއެވެ. އަދި އަނެކާއަށް ވެސް މެއެވެ. މިފަދަ ރީތި އާދަތަކުގެ ސަބަބުން އިޖުތިމާޢީ ވަރަށް ގިނަ ބަލިތަކަށް ފަރުވާ ލިއްބައިދެއެވެ. ބައެއް ބަލިބައްޔަށް ޑޮކްޓަރީ ބޭހުން ނުލިބޭ ފަރުވާ، ރީތި އާދަތަކުން ލިއްބައިދެއެވެ.

ދިވެހި މުޖުތަމަޢުގެ އަދުގެ ހާލަތަށް ވިސްނާއިރު، އެކަކު އަނެކަކަށް އެހީތެރިވުމަކީ ފަސޭހަކަމެއް ނޫނެވެ. ވަކިން ޚާއްޞަކޮށް މާލީ ގޮތުން އެހީތެރިވުމަކީ ފަސޭހަކަމެއް ނޫނެވެ. އެހެން ނަމަވެސް އޯގާތެރިކަމާއެކު ބުނެލާ ބަހަކީ ފައިސާއަށްވުރެ މުހިއްމު އެއްޗެކެވެ. ކުނި މޫނު ދެއްކުމުގެ ބަދަލުގައި ހިނިތުންވެ އަނެކާގެ މަސައްކަތް ބަލައިގަތުމަކީ މުޖުތަމަޢުގައި އެކުވެރިކަމާއި ކުލުނު އިތުރުވާނޭ ކަމެކެވެ. ލޯތްބާއި އޯގާތެރިކަން އިތުރުވާނޭ ކަމެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!