"އެލެކްސް"، ޑރ. އިޔާޒްއަށް: "އަޅުގަނޑާ ހިތާ ވަނީތަ؟ ލޯބި ވަނީތަ؟"
ކުރީގެ ރައީސް މުޙައްމަދު ނަޝީދު އާއި ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒް ޢަބްދުއްލަތީފު އާދެމެދު ފެށުނު ބަހުގެ އަރައިރުން ބޮޑުވެ ހޫނުވެ، ވާހަކަތައް ހީނުކުރާހާ މައްޗަށް ހިނގައްޖެއެވެ.
އެގޮތުން ޓްވިޓާގައި ރައީސް ނަޝީދު ނުރަސްމީ ޕޯސްޓުތައް ކުރުމަށް ބޭނުންކުރާ ކަމަށް ބެލެވޭ "އެލެކްސް އަހުމަދު" އެކައުންޓުން، ޑރ. އިޔާޒަށް ރައްދު ދެއްވަމުން އައްސަވާފައިވަނީ އެމަނިކުފާނު "އެލެކްސް އާ "ހިތާވަނީ" ނުވަތަ "ލޯބިވަނީ ތޯ" އެވެ.
ޑރ. އިޔާޒު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ "ރޫހާނީ ލީޑަރު" ގެ އަނިޔާވެރިކަން ވެއްޓުނުއިރު އޭނާއާ ދެކޮޅުވީ މީހުންދެކެ އިންތިހާއަށް ރައީސް ނަޝީދު ރުޅިއަންނަ ކަމަށެވެ.
"ނަމަވެސް ތިމާމެން ހައްދަވާ ގެންގުޅުއްވާ ރިޒްޤު ދެއްވާ އިލާހަށް ދަރިކަލަކު ވެޔޭ، ބައިވެރިއަކު ވެޔޭ، ބުނާ މީހުންގެ އީދު ތަކުގައި ބައިވެރިވެ ތަހުނިޔާ ކިޔޭ. މިއީ ކޮން ފާޑެއް؟" ޑރ. އިޔާޒް ވިދާޅުވެފައިވެއެވެ.
ޑރ. އިޔާޒު ގެ މިޓްވީޓަށް ރައްދު ދެއްވަމުން "އެލެކްސް އަހުމަދު" ވިދާޅުވީ ޑރ. އިޔާޒް ފަދައިން މީހަކު އޭނާއާ "ހިތާވެފައި" ހުއްޓާ ނުދެކޭ ކަމަށް އޭނާގެ ގާތް އަންހެން ރައްޓެއްސަކު ބުނެފި ކަމަށެވެ.
"ޑރ. އިޔާޒް ތިބޭފުޅާ އަޅުގަނޑާ ހިތާ ވަނީތަ؟ ލޯބި ވަނީތަ؟ ހާދަ އަޅައިގަނެފައޭ. އަޅުގަނޑަށް މިހާރު 53 އަހަރު. ތިވަރަށް އަދި މީހަކު އަޅުގަނޑާ ހިތާވެފައި ހުއްޓާ ނުދެކޭ ކަމަށް އަޅުގަނޑުގެ ވަރަށް ގާތް އަންހެން ރައްޓެއްސެއް ބުނެފި. އޭނަ ބުނީމަ ޤަބޫލު ކުރޭ" އެލެކްސް ވިދާޅުވެފައިވެއެވެ.
މީގެއިތުރުން ވެސް ޑރ. އިޔާޒް ކުރެއްވި ޓްވީޓަކަށް އެލެކްސް ވަނީ އެފަދަ ރައްދެއް ދެއްވާފައެވެ. އަޅުގަނޑުމެން މުސްލިމުން މީހުންނާ ގުޅުން ބަދަލު ކުރަނީ ﷲ އަށް ޓަކައި ކަމަށާއި ރުޅި އަރަނީ ވެސް ﷲ އަށް ޓަކައި ކަމަށް ވިދާޅުވެ "އެލެކްސް" ޓެގް ކުރައްވާ ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވަމުން އޭނާ ވިދާޅުވީ "ޔާރް ޔޫ އާ އިން ލަވް" ކަމަށެވެ.