ޚަބަރު

ޖަލަށް ދާން ޖެހިވަޑައިގެންނެވީ އަދީބުގެ ސަބަބުން: ރައީސް ޔާމީން

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަން ޖެހިވަޑައިގެންނެވީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ޝާމިލް ވެފައިވާ ކަމަށް އިއުތިރާފްވެ، 20 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ސަބަބުން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

Ads by STELCO

އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލައިފައިވާ އިތުރު ދެ ދައުވާއެއްގެ އިބްތިދާއީ އަޑުއެހުމަށްފަހު ވަކީލުންނާ ބައްދަލުކުރައްވާ ދެކެވުނު ވާހަކައިގެ ތެރެއިން ކަމަށް ކުރީގެ ނައިބު ރައީސް އަދި ރައީސް ޔާމީންގެ އިސް ވަކީލު ޑރ.މުހައްމަދު ޖަމީލް އަހްމަދު ވަނީ ވިދާޅުވެފައެވެ.

މިއަދު ކުރިއަށް ގެންދެވުނު އިބްތިދާއީ އަޑުއެހުމަކީ ރ.ފުއްގިރި ދޫކުރުމުގައި ކުރެވުނު މުއާމަލާތުގައި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އާއި މަނީ ލޯންޑާ ކުރި ދައުވާއަކާ ގުޅިގެން ކުރިއަށް ގެންދެވުނު އަޑުއެހުމެކެވެ. މި އަޑުއެހުމަށްފަހު ރައީސް ޔާމީންއާ ވަކީލުންނާ ދެމެދު ދެކެވުނު ބައެއް ވާހަކަތައް ޖަމީލް ވަނީ މިއަދު އިރުއޮއްސުނު ވަގުތު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހިއްސާ ކުރައްވާފައެވެ.

"ހަގީގަތުގައި ކީއްވެތޯއޭ ތިމަންނާއަށް މިހާ އަނިޔާވެރިވީ، މިކަން ތިމަންނާއަށް ކުރިމަތިވީ މި އަދީބުގެ ސަބަބުން" ރައީސް ޔާމީން ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ.ޖަމީލް ވިދާޅުވީ ރައީސް ޔާމީނުގެ ޒައާމަތުގައި ގިނަ ކަންކަން ރައްޔިތުންނަށް ކޮށްދެއްވި އިރު، މިއަދު އެމަނކުފާނަށް ޖެހިވަޑައިގެންފައި މިވަނީ ހިތްދަތިކަން ކަމަށެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ އެމަނިކުފާނުގެ ޒައާމަތުގައި ތިއްބެވި ބައެއް ވަޒީރުން އަދީބުގެ ވަސްވާހަށް ހެއްލުނީ ކަމަށެވެ. އަދި މިއަދު އެމަނިކުފާނަށް ލިބެމުންދާ އަނިޔާތަކަކީ އެކަމުގެ ސަބަބުން ވާ ކަންކަންކަމުގައި ޑރ. ޖަމީލް ވިދާޅުވިއެވެ.

މީގެ އިތުރުން. ޕީޕީއެމް އާއި ޕީއެންސީ ހަލާކު ކުރީ ވެސް އަދީބު ކަމަށާއި އެ ދެޕާޓީގެ ތެރޭގައި ބައިބައިވުން އުފައްދާ އެކި ވަހުމުތައް އުފެއްދީ ވެސް އަދީބު ކަމަށް ރައީސް ޔާމީން މިއަދު ވިދާޅުވި ކަމުގައި ޖަމީލް ފާހަގަ ކުރެއްވިއެވެ. އަދި އެއީ ރައީސް ޔާމީނަށް ވަރަށް އަސަރު ކުރާ ކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވި ކަމަށް ވެސް ޖަމީލު ފާހަގަ ކުރެއްވިއެވެ.

ރައީސް ޔާމީންގެ އިބްތިދާއީ އަޑުއެހުން ކުރިއަށް ދިޔަ ވަގުތު ކްރިމިނަލް ކޯޓުގެ ކުރިމަތީގައި އެމަނިކުފާނުގެ ސަޕޯޓަރުން ވަނީ އެމަނިކުފާނު ދޫކޮށްލުމަށް ގޮވާލާ މުޒާހަރާ ކޮށްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!