ޗީފް އޮފް ޑިފެންސް ފޯސް ޝަމާލް ކޮވިޑަށް ފައްސިވެއްޖެ

ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.
އެމްއެންޑީއެފްގެ ތަރުޖަމާނު މޭޖާ އިބްރާހިމް އާޒިމް މިއަދު ވިދާޅުވީ ބަލީގެ އަލާމާތްތައް ހުރެގެން އިއްޔެ ބައްޔަށް ޓެސްޓު ކުރުމުން، ޝަމާލް ކޮވިޑަށް ފައްސިވެފައިވާ ކަމަށެވެ.
ޗީފް އޮފް ޑިފެންސް ކޮވިޑަށް ފައްސިވުމާ ގުޅިގެން މިހާރު ވަނީ އަމިއްލަފުޅު ގޭގައި އައިސޮލޭޓުވެފައެވެ. އަދި ކަރަންޓީނު ވާންޖެހޭ އިތުރު ފަރާތްތައް ވެސް ވަނީ ކަރަންޓީނުވެފައެވެ.
މީގެ އިތުރުން ޗީފް ޝަމާލް ފަހުގެ ތާރީހެއްގައި އެއްވެސް އާންމު އެއްވުމަކަށް އަދި ރާއްޖެއިން ބޭރަށް ވެސް ބައިވެރިވެވަޑައިގެންފައި ނުވާކަން ވެސް އާޒިމް ފާހަގަކުރެއްވިއެވެ.