ކޮވިޑް-19: ޔޫކޭ ވޭރިއަންޓަށް ވުރެ ނުރައްކާތެރި އައު ވޭރިއަންޓެއް ޖަޕާނުން ފެނިއްޖެ

ޔޫކޭއިން ފެނުނު ކޮވިޑް-19 ގެ އައު ވޭރިއަންޓަށް ވުރެ ނުރައްކާތެރި އައު ވައްތަރެއް ޖަޕާނުން ފެނިއްޖެއެވެ.
ސިއްހީ މާހިރުން ރިޕޯޓުކޮށްފައިވާ ގޮތުގައި ޖަޕާނުން ފެނުނު ވޭރިއަންޓު ޔޫކޭ އަދި އެފްރިކާއިން ފެނުނު ވޭރިއަންޓާ އެއްގޮތް ނަމަވެސް، ފެތުރޭލެއް އަވަސް ވެފައި އިތުރަށް ނުރައްކާތެރިއެވެ.
ކޮވިޑް-19ގެ ޖަޕާނުން ފެނުނު މިއުޓޭޝަން މީގެ ކުރިން އެއްވެސް ގައުމަކުން ފެނިފައެއްނުވެއެވެ.
މި އައު ވޭރިއަންޓް ފެނިފައިވަނީ ބްރެޒިލްއިން ޖަޕާނަށް އައި 4 މީހެއްގެ ގައިންނެވެ. މި މީހުން ޖަޕާނަށް އެތެރެވެފައި ވަނީ ޖެނުއަރީ މަހުގެ 2 ވަނަ ދުވަހު ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޖަޕާނުގެ ސިއްހަތާ ބެހޭ އިދާރާއިން ވަނީ މިހާރު އައު ސްޓްރެއިން ޑަބްލިޔުއެޗްއޯގެ ސަމާލުކަމަށް ގެނެސްފައެވެ.
ފަހަކަށް އައިސް ޖަޕާނުގައި ވަނީ ކޮވިޑް-19 ފެތުރޭ މިންވަރު އިތުރުވެފައެވެ. އެގޮތުން މިހާރު އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް 7000 ވަރަކަށް މީހުން އެގައުމުން މިބައްޔަށް ފައްސިވެއެވެ.