މިމަހު ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ
ކޮވިޑް-19 ވެކްސިން މި މަހު ފަހުކޮޅު ރާއްޖެއަށް ލިބޭނެ ކަން ޔަގީން ވެއްޖެއެވެ.
އޮންލައިން ނޫސް ރާއްޖެ އެމްވީގައި ބުނެފައިވަނީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ހާއްސަ އިސްކަމެއް ދީގެން ކުރެވޭ މަސައްކަތަކީ ވެކްސިން ގެނައުމުގެ މަސައްކަތް ކަމުގައި އިތުބާރު ހުރި ފަރާތަކުން މައުލޫމާތު ލިބިފައިވާ ކަމަށެެވެ. އަދި މި މަހުގެ ފަހުކޮޅު ވެކްސިން ލިބޭނެ ކަމުގެ ޔަަގީން ކަން އެފަރާތުން ދީފައިވާ ކަމަށް ވެސް އެނޫހުގައި ބުނެފައިވެއެވެ. އަދި ވެކްސިން ދިނުމުގައި އެންމެ ފުރަތަމަ އިސްކަމެއް ދެވޭނީ ފްރޮންޓް ލައިންގައި މަސައްކަތް ކުރާ މީހުންނަށް ކަމަށް ވެސް ބުނެފައިވެއެވެ.
ވޯލްޑް ހެލްތު އޯރގަނައިޒޭޝަނުން ވަނީ ގަވީ ވެކްސިން އެލަޔަންސްއާ ގުޅިގެން ކޮވެކްސް ފެސިލިޓީއެއް އުފައްދާފައެވެ. މިކަމާ ގުޅިގެން މީގެ ކުރިން މީޑީއާ ތަކަށް މައުލޫމާތު ދެއްވަމުން ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑރ.ނަޒްލާ ވިދާޅުވީ މި ފެސިލިޓީ އިން ރާއްޖޭގެ އާބާދީގެ ވިހި އިންސައްތަ މީހުންނަށް ހިލޭ ވެކްސިން ލިބިގެންދާނެ ކަމަށެވެ. އޭގެ ތެރެއިން އެންމެ ފުރަތަމަ ވެކްސިން ދެވިގެން ދާނީ ރާއްޖޭގެ 3 އިންސައްތަ އަށް ކަމުގައި ވެސް ނަޒްލާ ވިދާޅުވިއެވެ. ބާކީ ސަތާރަ އިންސައްތަ މީހުންނަށް ވެކްސިން ދެވިގެންދާނީ އޭގެ ފަހުން ކަމުގައި ވެސް ނަޒްލާ ވިދާޅުވެފައިވެއެވެ.
ރާއްޖޭގެ އެންމެ ފުރަތަމަ ވެކްސިން ދެވޭ ތިން އިންސައްތަ މީހުންގެ ތެރޭގައި ހިމެނެނީ ފްރޮންޓްލައިންގައި މަސައްކަތްކުރާ މުވައްޒަފުން ކަމަށް ވެސް ނަޒްލާ ވިދާޅުވިއެވެ. ނަޒްލާ މިހެން ވިދާޅުވެފައިވާއިރު ލ އަތޮޅަށް ކުރެއްވި ޒިޔާރަތެއްގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވަނީ ކޮވިޑް-19ގެ ވެކްސިން ރާއްޖޭގައި ދިރިއުޅޭ ހުރިހާ އެންމެންނަށް ލިބޭނެ ކަމަށް ވިދާޅުވެފައެވެ.
ރާއްޖެއަށް ވެކްސިން ހޯދުމާއި ގުޅޭ ގޮތުން ހެލްތު މިނިސްޓަރ އަހްމަދު ނަސީމް، ވޯލްޑް ހެލްތު ހެލްތު އޯރގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ)ގެ ޑިރެކްޓަރ ޖެނެރަލް އަދި ސައުތު އީސްޓް އޭޝިއާގެ ޑިރެކްޓަރ ޖެނެރަލްއާ މިދިޔަ މަހުގެ 25 ވަނަ ދުވަހު ވަނީ ބައްދަލު ކުރައްވާ މަޝްވަރާ ކުރައްވާފައެވެ.