އައްޑޫއިން ފެންނަން އޮތް އެމްޑީޕީގެ ހަމައެކަނި ރަމްޒަކީ ވީރާނާކުރުމާއި ފްލައިން ސްކޫލް: ޖަމީލް
އައްޑޫއިން މުޅިން ވެސް ފެންނަން އޮތީ ރައީސް ޔާމީންގެ ތަރައްގީ ކަމުގައި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީންގެ ގާނޫނީ ވަކީލުކަން ވެސް ކުރައްވަމުން ގެންދަވާ ޖަމީލު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮންމެ އިންތިޚާބަކަށް އެމްޑީޕީން ޖަހަނީ އެއް ލަވައެއް ކަމަށެވެ.
އަދި މިދިޔަ ދެ އަހަރު ގައުމުވީ ފަގީރުކަން ފާހަގަ ކުރައްވައި ޖަމީލް ވިދާޅުވީ ވެރިކަމާއި މަޖިލިސް ލިބުނަސް ރާއްޖެއަށް، ޚާއްޞަކޮށް އައްޑޫއަށް އެންމެ ލާރިއެއް ވެސް ނުލިބޭ ކަމަށެވެ.
"ވަޒީފާ/ޕާޓީ މަޤާމެއް ނުދިން، އެކަމަކު ރައީސް އިބްރާހިމް ސޯލިހުގެ އާއިލާއަށް ހުރިހާ މަޤާމެއް. ޕާޓީގެ ބޮޑުން، މަޖިލީހުގެ އެންމެ މަޤާމެއް ވެސް އައްޑޫ ރައްޔިތަކަށް ނޫނީ އާންމު މީހަކަށް ދުލެއްނުކުރި. އައްޑޫ އިން ފެންނަން އޮތީ ރައީސް ޔާމީންގެ ތަރައްޤީ. އެމްޑީޕީގެ ހަމައެކަނި ރަމްޒަކީ ވީރާނާކުރުމާއި ފްލައިން ސްކޫލް" ޖަމީލް ވިދާޅުވިއެވެ.
ޖަމީލު މިހެން ވިދާޅުވެފައިވާއިރު، އެމްޑީޕީ މޭޔަރ ކެންޑިޑޭޓާއި ކައުންސިލު ކެންޑިޑޭޓުންނާއެކު އައްޑޫސިޓީ ދާނީ މުޅި ދުނިޔެއަށް ހުޅުވިގެންކަމަށް ރައީސް ނަޝީދު ވަނީ އިއްޔެ ވިދާޅުވެފައެވެ.