ޚަބަރު

ސަމާލުވޭ! މޫސުން އިތުރަށް ގޯސްވެ ރީނދޫ ސަމާލު ނެރެފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރައި ގައި މޫސުން އިތުރަށް ގޯސްވެ ބައެއް އަތޮޅު ތަކަށް ރީނދޫ ސަމާލު ނެރެފިއެވެ.

Ads by Sosun Fihaara

މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ރީނދޫ ސަމާލު ނެރެފައި ވަނީ ޅ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމަ އަށެވެ. ރީނދޫ ސަމާލު ނެރެފައި ވަނީ މިއަދު ހަވީރު 4:00 ޖެހުމާއި ހަމައަށެވެ.

މޫސުން ގޯސްވެ މި ފަސް އަތޮޅަށް ރީނދޫ ސަމާލު ނެރެފައި ވާއިރު މިއަދު ހެނދުނު ހއ. އަތޮޅުން މ. އަތޮޅަށް ހުދު ސަމާލު ވަނީ ނެރެފައެވެ. މި އަތޮޅުތަކަށް ހުދު ސަމާލު ނެރެފައި ވަނީ މިއަދު ހެނދުނު 7:00 އިން މެންދުރު 12:00 އަށެވެ.

މެޓް އޮފީހުން ބުނެފައިވާ ގޮތުގައި މިސަރަޙައްދުތަކުގައި ހިމެނޭ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެއެވެ.

މިއަދު އިރުއޮއްސި 6:00 އާއި ހަމައަށް މޫސުން ލަފާ ކޮށްފައިވާ ގޮތުގައި އުތުރާއި މެދު ރާއްޖެތެރޭގެ އެކިހިސާބަށް ގުގުރުމާއެކު ވިއްސާރަ ކުރާނެއެވެ. އަދި ދެކުނުގެ ބައެއް ރަށްތަކަށް ގުގުރުމާއެކު ކެރީގެ އަސަރު ކުރާނެ ކަމަށް ވެސް ލަފާ ކޮށްފައިވެއެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކަށް މިދުވަސްވަރު ވިއްސާރަ ކުރަމުން އަންނައިރު މާލޭގެ ބައެއް ސަރަހައްދުތަކުގައި ވެސް ފެން ބޮޑުވެގެން އެމްއެންޑީއެފުން އަންނަނީ ހަރަކާތްތެރިވަމުންނެވެ. އެމްއެންޑީއެފުން ބުނެފައިވަނީ މާލެއަށް ބޯކޮށް ވާރޭވެހި އެސްޓީއޯ ފުށްގުދަން ހުންނަ ސަރަހައްދުގައި ފެން ބޮޑުވުމާއި ގުޅިގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސްއިން ޕަމްޕް ބޭނުން ކޮށްގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!