ރިޕޯޓް ވިޔަފާރި

2020: ވިޔަފާރި ކުރުން "ކޭޝްލެސް" އަދި އޮންލައިންކޮށް

ރައުފާ ރަޝީދު ، ދެން އޮންލައިން
ދެން އިމޭޖްސް: އަޙްމަދު އަނަސް

2020 ވަނަ އަހަރު ވެގެންދިޔައީ ގިނަ ގޮތްގޮތުން ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނު، މުޅި ދުނިޔެ ބޮޑު ބަލިމަޑު ކަމަކާ ކުރިމަތިލާން ޖެހުނު އަހަރަކަށެވެ. ހުރިހާ ގައުމަކަށް ވެސް އެތައްގޮތުން ދަތި ތަކާއި ކުރިމަތި ލާން ޖެހުނު ނާކާމިޔާބު އަހަރެކެވެ. މިއާއެކު ކޮވިޑް-19 ބަލިމަޑުކަން މުޅި ދުނިޔޭގައި ފެތުރެމުން ގޮސް ރާއްޖެއަށް އަރާ ހަމަކޮށް ބޮޑެތި ފިޔަވަޅުތަކެއް އަޅަން ޖެހުނެވެ.

Ads by STELCO

ކޮވިޑް-19 ފެތުރެމުން ދާ ދުވަސްވަރެއްގައި ރައްކާތެރިވުމަށް އެޅޭ އެންމެ ރައްކާތެރި އެއް ފިޔަވަޅަކީ، ސާފު ތާހިރުކަމެވެ. ގައި ދުރުކަން ބަހައްޓާ، މީހުންނާ ވީހާ ވެސް މަދުން ދިމާވެ، މުޢާމަލާތު ކުރުމެވެ. ތަންތަނަށް ގޮސް އުޅޭއިރު ގިނައިން އަތް ސާފުކޮށް މީހުން ގިނައިން ބޭނުން ކުރާ އެއްޗެހި ބޭނުން ނުކުރުމެވެ. މުޖްތަމައު ތެރޭގައި މިހާރު އެންމެ ގިނައިން އެކަކު އަތުން އަނެކެއްގެ އަތަށް އަރާ އެކައްޗަކީ ނަގުދު ފައިސާއެވެ. ގިނަ މީހުން ނަގުދު ފައިސާގެ ބަދަލުގައި މޯބައިލް އެޕްތައް ބޭނުންކޮށްގެން ވިޔަފާރީގެ މުޢާމަލާތު ކުރި ނަމަވެސް މި މުޖްތަމައުތެރޭގައި ނަގުދު ފައިސާ އަތުގައި ގެންގުޅޭ މީހުން މަދެއް ނުވާނެއެެވެ.

ނަގުދު ފައިސާގެ ބަދަލުގައި ޑިޖިޓަލްކޮށް ފައިސާގެ މުއާމަލާތްތައް އެންމެ ގިނައިން ބޭނުން ކުރެވުނު ދުވަސްވަރަކީ 2020ގައި ފެތުރެން ފެށި ކޮވިޑްގެ ދުވަސްވަރު ކަން ޔަގީނެވެ.  މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ފަސޭހަކަމާއި ރައްކާތެރިކަމާއެކު ފައިސާގެ މުއާމަލާތްތައް ކުރުމުގެ އިތުރުން ކޮވިޑާއި ގުޅިގެން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅު އެޅިގެން ދިޔައެވެ.

ޓެކްސީ ޑްރައިވަރުން، ފިހާރަތަކުގެ އިތުރުން ފައިސާގެ މުޢާމަލާތް ކުރަންޖެހޭ ގިނަ މުއައްސަސާތަކުން ވެސް ދިޔައީ ނަގުދު ފައިސާގެ ބަދަލުގައި އިންޓަނެޓް މެދުވެރިކޮށް ނުވަތަ ފޯނުން ފައިސާގެ މުޢާމަލާތު ކުރަމުންނެވެ. ޓެކްސީ ތަކުން އާންމު ގޮތެއްގައި ނޫޓް ފައިސާ ނަގަމުން އައި ނަމަވެސް ކަސްޓަމަރުންނަށް ފޯނު މެދުވެރިކޮށް ފައިސާ ދެއްކުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ރައްކާތެރިކަމާ ފަސޭހަކަމާއެކު އަވަހަށް ފައިސާ ދެއްކުމުގެ މުއާމަލާތްތައް ފުރިހަމަ ކުރުމަށް މަގު ފަހި ވެގެން ދިޔައެވެ. ނަގުދު ފައިސާ ބޭނުން ނުކޮށް ފައިސާގެ މުއާމަލާތްތައް ހިންގުން އާދައަކަށް ވެފައިވާ ދަނޑިވަޅެއްގައި، ފައިސާ ދެއްކުމުގެ ޒަމާނީ ޚިދުމަތްތައް ކަސްޓަމަރުންނާއި ވިޔަފާރިވެރިންގެ މެދުގައި މަގްބޫލު ޚިދުމަތަކަށް ވެގެން ދިޔައެވެ.

މީގެ އިތުރުން ކޮވިޑް-19 ވައިރަސްއިން ރައްކާތެރިވުމަށް ވީހާވެސް ބޮޑަކަށް އަތުން އަތަށް ދެވޭ ހިދުމަތްތައް ކުޑަކުރުމަށް ނަގުދު ފައިސާއިން ވިޔަފާރިކުރުން ހުއްޓާލާ، އޮންލައިންކޮށް ފައިސާގެ މުޢާމަލާތްތައް އާންމު ފިހާރަތަކުން ވެސް ދިޔައީ ކުރަމުންނެވެ.

ކޮވިޑް-19 ރާއްޖޭގައި ފެތުރި، ކޮމިއުނިޓީ ސްޕްރެޑްއަކަށް ދިޔަ ހިސާބުން ބޯޑަރުތައް ބަންދުކޮށް ލޮކްޑައުން ކުރަން ޖެހުނެވެ. އެ ދުވަސްވަރު ވަކި ހުއްދައެއް ނަގައިގެން ކޮންމެހެން ކުރަންޖެހޭ އަސާސީ ބޭނުންތަކަށް ބޭރަށް ނިކުމެ އުޅުމުގެ ފުރުޞަތު ދެވުނެވެ. މި ދުވަސްވަރު ދިމާވެގެން ދިޔަ އެންމެ ބޮޑު އެއް ގޮންޖެހުމަކަށް ވެގެންދިޔައީ ފިހާރަތަކުން ފިޔަފާރި ކުރުމެވެ. ޑެލިވަރީގެ ހިދުމަތް ފިހާރަތަކުން ފަށަން ޖެހުނީ އެންމެ ނުރައްކާތެރި ދުވަސްވަރުގައެވެ. އެހެން ނަމަވެސް ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް ފޯރުކޮށްދިނުމަށް ވިޔަފާރިވެރިން ދިޔައީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.

މިގޮތުން ވިޔަފާރިކުރާ ގިނަ ފިހާރަތަކުން ފައިސާގެ މުޢާމަލާތު ކުރުމަށް މޯބައިލް އެޕް ބޭނުންކުރަން އިލްތިމާސް ކޮށްފައިވެއެވެ. ސަބަބަކީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ ގޮތުން ނަގުދު ފައިސާ ނުގެންގުޅުމަށެވެ. މިއާއެކު ނަގުދު ފައިސާ ގެންގުޅުމަށް އާންމުވެފައިވާ މުޖްތަމައުއެއްގައި އޮންލައިންކޮށް “ކޭޝްލެސް”ހިދުމަތް ބޭނުން ކުރެވެން ފެށިއެވެެ.

ފިހާރަތަކުން ޑެލިވަރީގެ ހިދުމަތް ފެށުން ވެގެން ދިޔައީ އާންމު ރައްޔިތުންނަށް އެކި ގޮތްގޮތުން ލުއިތަކެއް ލިބިގެންދިޔަ ކަމަކަށެވެ. ވިޔަފާރިވެރިންނަށް މިކަމުން ގިނަ ގޮންޖެހުންތަކަކާ ކުރިމަތި ލާން ޖެހުނު ކަމުގައި ވިޔަސް އެ ދުވަސްވަރު ޑެލިވަރީގެ ހިދުމަތަށް ބަދަލެއް ނާދެއެވެ.

"ދެން"އާ ވާހަކަ ދެއްކި ވިޔަފާރިވެރިއެއް ވިދާޅުވި ގޮތުގައި އެ ދުވަސްވަރަކީ ވަރަށް ގިން ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނު ދުވަސްވަރެކެވެ. އެގޮތުން އެންމެ ބޮޑަށް ބެލެވުނު އެއް ކަމެއްގެ ގޮތުގައި ފާހަގަ ކުރެއްވީ ވީހާވެސް ބޮޑަށް ސާފުތާހިރުކަމަށް އިސްކަން ދީގެން ހިދުމަތް ފޯރުކޮށްދިނުމެވެ. އެގޮތުން ކޮވިޑް-19 ފެތުރެމުންދާ ދުވަސްވަރެއްގައި ޑެލިވަރީއަކީ އަތުން އަތަށް ފޯރުކޮށްދޭން ޖެހޭ ހިދުމަތަކަށްވެފައި ވީހާވެސް ބޮޑަށް ބަލާފައިވަނީ ފައިސާ ދެއްކުމުގައި އޮންލައިންކޮށް ދެއްކުމަށެވެ. އަދި ކޮވިޑްގެ ބަލިމަޑުކަން ފެށުނު ފަހުން ގިނަ މީހުން ކޭޝް ބޭނުން ނުކުރާ ކަމަށެވެ.

“ އަޅުގަނޑުމެން އެއްވެސް ގޮތަކަށް ކޭޝްގެ މުއާމަލާތެއް ނުހިންގަން. ހުރިހާ ކަސްޓަމަރުންނަށްވެސް މައުލޫމާތު ދީފައި ވާނެ ލާރި އޮންލައިންކޮށް ދައްކަން. އެގޮތައް މުޅިން ވެސް ހެދީ. ޑެލިވަރީ ކުރަން ފޮނުވާއިރު ވެސް ހުރިހާ އެއްޗެއް ވެސް ފޮނުވަނީ ޑިސްއިންފެކްޓް ކޮށްފަ. ގިނަ މީހުން ކޭޝް ނުވެސް ގެންގުޅޭ. ހަމަ އެކައުންޓް އިން ޓްރާންސްފާ ކުރަނީ”

މާލޭގައި ލޮކްޑައުން ދުވަސްވަރު ޑެލިވަރީ ހިދުމަތް ފޯރުކޮށްދިން ފިހާރައެއްގެ ވެރިފަރާތް މަޢުލޫމާތު ހިއްސާކުރިއެވެ.

ސަރުކާރުގެ ގިނަ މުއައްސަސާތަކުން ވެސް ވަނީ މި ދުވަސްވަރު އަތުން އަތަށް ފައިސާ ގެންގުޅުން މަދުކޮށް، ވީހާވެސް ބޮޑަށް އޮންލައިންކޮށް ލާރީގެ މުއާމަލާތު ހިންގުމަށް އާންމުންނަށް އިލްތިމާސް ކޮށްފައެވެ. ސަބަބަކީ ނަގުދު ފައިސާ އަކީ އެކި މީހުންގެ އަތުން އެތައް ފަހަރެއްގެ މަތިން ދައުރުވަމުންދާ އެއްޗަކަށް ވެފައި މުޖްތަމަޢު ތެރޭގައި ކޮވިޑް ގިނައިން ފެތުރެން މެދުވެރިވާނެ އެކައްޗަކީ އަތުގައި ގެންގުޅޭ ފައިސާއަށް ވުމެވެ. މިއާއެކު އާންމުންގެ ތެރޭގައި ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ކުރެވިގެންދިޔަ އެންމެ ބޮޑު އެއްކަމަކީ “ކޭޝްލެސް” ކޮށް ވިޔަފާރި ކުރުމެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!