މަޖިލިސް 2020؛ އެންމެ ގިނަ ޖަލްސާ ބާއްވާ، ތާރީހުގެ ތެރެއަށް ދިޔަ އަހަރެއް!
2020 ވަނަ އަހަރު ފާހަގަ ކުރެވިގެން ދިޔައީ، ކޮވިޑް-19 ގެ ބަލިމަޑުކަމާއެކުގައި ވެސް ރައްޔިތުންގެ މަޖިލީހަށް ވަރަށް ކާމިޔާބު އަހަރެއްްގެ ގޮތުގައެވެ. މުހިންމު ގިނަ ބިލްތަކެއްގެ މަސައްކަތް ނިމި، މުހިންމު ގައުމީ މައްސަލަތަކެއް ވެސް މަޖިލީހުން ބަލާފައިވެއެވެ. މަޖިލީހުގެ ފުރަތަމަ އަހަރުގެ މަސައްކަތަށް ބަލާއިރު، ޖުމްލަ 117 ޖަލްސާ ބޭއްވި އެވެ. ފުރަތަމަ ދައުރުގެ ތެރޭގައި 42 ޖަލްސާ އެވެ. ވިދިގެން އައި ދެވަނަ ދައުރުގައި 47 ޖަލްސާއާއެކު، މިހާރު އަމަލުކުރާ ގާނޫނު އަސާސީއަށް އަމަލު ކުރަން ފެށި ފަހުން މަޖިލިސް ރިސެސްއަށް ނުގޮސް އެންމެ ގިނަ ޖަލްސާ ބޭއްވުމުގެ ރެކޯޑު ގާއިމު ކުރިއެވެ.
ކޮވިޑް-19 ގެ ސަބަބުން ޖަލްސާތައް މެދުކަނޑާލަން ޖެހުމުން ވެސް މަޖިލިސް މެންބަރުން ވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޖަލްސާތައް ބާއްވާފައެވެ. އަދި 42 މެންބަރުންނާއެކު ގައިދުރުކަމާއެކު މަޖިލީހުގެ ތަޅުމުގައި އަލުން ޖަލްސާތައް ބާއްވައި، ރައްޔިތުންގެ މަޖިލީސް 2020 ވަނަ އަހަރު ފުރަތަަމަ ފަހަރަށް ޗުއްޓީއަށް ވަޑައިގަތީ، ދެވަނަ ދައުރަށް ހުށަހެޅުނު ކަންކަމުގެ ތެރެއިން 68 އިންސައްތަ މަސައްކަތް ނިންމުމަށްފަހުގައެވެ.
ދެވަނަ ދައުރެއް ނިންމައި މަޖިލީސް ޗުއްޓީއަށް ދިޔައިރު، އެ ދައުރުގެ ތެރޭގައި 21 ޤާނޫނުގެ މަސައްކަތާއި، 9 ޤަރާރާއި، ސަރުކާރުން ހުށަހަޅުއްވާފައިވާ 18 މައްސަލައާއި ރިޔާސަތުން ހުށަހަޅުއްވާފައިވާ 11 މައްސަލަ އަދި 16 ކުއްލި މައްސަލަ ނިންމާފައިވެއެވެ. އަދި ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް މުހިންމު އިސްލާހުތަކެއް ގެނެވުމާއި، ފެނާއި ނަރުދަމާގެ ބިލް ފާސްކުރެވުމާއި، ދިވެހިރާއްޖޭގެ ޤާނޫނުގެ ފަންނުގެ ބިލް ފާސްކުރެއްވުމާއި، އެއްގަމު ދަތުރުފަތުރުގެ ބިލަށް އިސްލާހް ގެނައުމާއި، އަދި ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދާ ދެމެހެއްޓުމުގެ ބިލް ފަދަ މުހިންމު ބިލްތަކެއްގެ މަސައްކަތް ދެވަނަ ދައުރުގައި މަޖިލީހުން ކޮށްފައިވެއެވެ.
2020 ވަނަ އަހަރު މަޖިލީހުގެ ފަހު ދައުރަށްފަހު މެންބަރު ޗުއްޓީއަށް ވަޑައިގަތީ ޑިސެންބަރު މަހުގެ 7 ވަނަ ދުވަހުއެވެ. އަހަރު ފަހު ދައުރަކީ މަޖިލީހުން މުހިންމު ބިލްތަކެއް ފާސްކުރެވި، ގިނަ އިސްލާހުތަކެއް ގެނެވުނު ދައުރެކެވެ. އެގޮތުން ފަހު ދައުރުގައި، މަޖިލިސް ޖަލްސާތަކުގައި ޖުމްލަ 89 ގަޑިއިރު، އަދި ކޮމިޓީގައި 330 ގަޑިއިރު މެންބަރުން މަސައްކަތް ކޮށް، ޖުމްލަ 15 ބިލެއްގެ މަސައްކަތް ނިންމައި ފާސްކުރެވިފައިވެއެވެ. އެގޮތުން ތައުލީމުގެ ބިލާއި، ފުލުހުންގެ ހިދުމަތުގެ ބިލާއި، އިންތިގާލީ އިންސާފުގެ ބިލުގެ އިތުރުން ކުޑަކުދިންނަށް މަރުގެ އަދަބު ނުދެވޭ ގޮތަށް ކުޑަކުދިންގެ އަދުލުގެ ގާނޫނަށް ގެނެވެނު އިސްލާހު ފާހަގަކުރެވެއެވެ. މީގެއިތުރުން ރިޔާސަތުން ހުށަހެޅުނު 8 މައްސަލައަކާ ސަރުކާރުން ހުށަހެޅުނު 8 މައްސަލައެއްގެ އިތުރުން އެހެނިހެން މައްސަލަތަކުގެ ގޮތުގައި އިތުރު 14 މައްސަލައެއް ވެސް ފަހު ދައުރުގައި މަޖިލީހުން ކޮށްފައިވެއެވެ.
އިންތިގާލީ އިންސާފުގެ ގާނޫނު
އިންތިގާލީ އިންސާފުގެ ބިލު އެންމެ ފުރަތަމަ ރައްޔިތުންގެ މަޖިލިހަށް ހުށައެޅުނުއިރު، ބިލު ފަރުމާކުރެވިފައި އޮތީ 2012 ވަނަ އަހަރާ 2018 ވަނަ އަހަަރާ ދޭތެރޭ ހިނގާފައިވާ މައްސަލަތައް ބަލާ ގޮތަށެވެ. އެހެންނަމަވެސް، ރައްޔިތުންގެ މަޖިލިހުން މި ބިލަށް ހިޔާލު ހޯދަން ހުޅުވާލުމުން ލިބުނު ހުށައެޅުންތަކުގެ މައްޗަށް ބިނާކޮށް، 1 ޖަނަވަރީ 1953 އިން ފެށިގެން 17 ނޮވެމްބަރު 2018 ނިޔަލަށް ހިނގާފައިވާ މައްސަލަތައް ބެލޭނެ ގޮތަށް ވަނީ އިސްލާހުކޮށްފައެވެ.
އިންތިގާލީ އިންސާފުގެ ގާނޫނުގައިވާ ގޮތުން، އިންތިގާލީ އަދާލަތު ގާއިމްކުރުމުގެ ޒިންމާ މަތިކުރެވިފައި ވަނީ އޮމްބަޑްސްމަން އޮފީހާއެވެ. އަދި މި އޮފީހުގައި ތިއްބަވާނެ ތިން އޮމްބަޑްސްމަނުން ކަނޑައަޅުއްވާނީ ރައީސުލްޖުމްހޫރިއްޔާއެވެ. އަދި އެ ތިން އޮމްބަޑްސްމަނުންގެ ތެރެއިން އެކަކު، ޗީފް އޮމްބަޑްސްމަންގެ ގޮތުގައި ކަނޑައެޅޭނެއެވެ.
އިންތިގާލީ އިންސާފުގެ ގާނޫނުގައި އޮމްބަޑްސްމަންގެ އޮފީހާ މަތިކުރެވިފައިވާ ޒިންމާތަކުގެ ތެރޭގައި، ރާއްޖޭގައި އަނިޔާ ލިބިފައިވާ މީހުންގެ ދަފްތަރެއް އެކުލަވާލުން ހިމެނެއެވެ. އޭގެ އިތުރުން އިންތިގާލީ އިންސާފަށް ރައްޔިތުން އަހުލުވެރިކުރުމުގެ ގޮތުން، ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކެއް ރާވާ ހިންގަން ޖެހެއެވެ.
އިންތިގާލީ އިންސާފުގެ ގާނޫނުގައިވާ ގޮތުން، މައާފަށް ނޭދިއްޖެ ހާލަތެއްގައި ޖިނާއީ ދައުވާއެއް ކުރަން އެކަށީގެންވާ ވަރަށް ހެކި ހުރެއްޖެނަމަ، އެ މައްސަލަތައް ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހަށް ހުށައެޅޭނެއެވެ. ނަމަވެސް، ޖިނާއީ ދައުވާއެއް ކުރުމަށް ހުށައެޅޭނީ، އޮމްބަޑްސްމަންގެ އޮފީހުން އެ މައްސަލައެއް ބެލުމަށްފަހު، ހައްލު ނުލިބޭ ހާލަތެއްގައެވެ.
ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލް
ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލް ގާނޫނަކަށްވެ އަމަލު ކުރަން ފެށުމާއެކު، ފުލުހުންގެ ގާނޫނުގެ ދަށުން ގާއިމް ކުރެވިފައިވާ "މޯލްޑިވްސް ޕޮލިސް ސަރވިސް"، މި ޤާނޫނުގެ ދަށުން އުފައްދާ "ދިވެހި ފުލުހުންގެ ޚިދުމަތް" އަށް ބަދަލު ވާނެއެވެ. ނަމަވެސް "ދިވެހި ފުލުހުންގެ ޚިދުމަތް" އަށް އިނގިރޭސި ބަހުން ބޭނުންކުރާނެ ނަމަކީ "މޯލްޑިވްސް ޕޮލިސް ސަރވިސް" ކަމުގައި މި ބިލުގައި ބަޔާންކޮށްފައިވެއެވެ.
ފުލުހުންގެ ޚިދުމަތުގެ ޚާއްޞަ ސިފަތަކުގެ ތެރޭގައި ފުލުހުންނަކީ ދިވެހި ސިވިލް ސަރވިސްގައި ނުހިމެނޭ، މަދަނީ އަދި ސަލާމަތީ ޚިދުމަތެއްގެ ގޮތުގައި ހިމެނުމާއި، މުޅި ރާއްޖެއަށް އިންތިޒާމުކުރެވިގެންވާ އެއް ޚިދުމަތެއްގެ ގޮތުގައި ހިމެނުމާއި، އިދާރީ ގޮތުން ހިންގުން ލާމަރުކަޒީކޮށް އިންތިޒާމުކުރެވިފައިވާ، އަދި ވަޒީފާއާބެހޭ ޤާނޫނުން އިސްތިސްނާ ލިބިގެންވާ ޚިދުމަތެއްގެ ގޮތުގައި ވަނީ ކަނޑައެޅިފައެވެ.
ފުލުހުންގެ ބޯޑު އެކުލަވާލަން ޖެހެނީ އާއްމު ހަތް މެމްބަރުންގެ މައްޗަށެވެ. ފުލުހުންގެ ކަންތައްތަކުގައި ގޮތް ކަނޑައަޅަން ބިލުގައި ބުނެފައިވާ ބޯޑު، ގާނޫނަށް އަމަލުކުރަން ފަށާތާ 14 ދުވަހުގެ ތެރޭގައި އެކުލަވާލަން ޖެހެއެވެ. ފުލުހުންގެ ސިޔާސަތުތައް ކަނޑައެޅުމުގައި ވަޒީރަށް ލަފާ ދޭ އެންމެ އިސް ފަރާތަކީ ވެސް އެ ބޯޑެވެ. އެ ބޯޑުގައި މަޖިލީހުގެ މެންބަރަކާއި ރައީސް ކަނޑައަޅާ ފަރާތަކައި މިނިސްޓަރު ކަނޑައަޅާ ފަރާތެއްވެސް ހިމެނެއެވެ.
އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް ގެނެވުނު އިސްލާހު
މި ބިލާއެކު އިޞްލާޙު ކުރައްވާފައި ވަނީ އެ ޤާނޫނުގެ 7 ވަނަ މާއްދާއަށެވެ. މި ގޮތުން، 7 ވަނަ މާއްދާގައި ހިމެނޭ ޕްލާސްޓިކާއި ޕްލާސްޓިކުން ތައްޔާރުކޮށްފައި ހުންނަ ތަކެތީގެ ތެރެއިން، ސިންގަލް-ޔޫޒް ޕްލާސްޓިކް ނުވަތަ ޕްލާސްޓިކުން ތައްޔާރުކޮށްފައިވާ ތަކެތީގެ ތެރެއިން އެއް ފަހަރު ބޭނުންކޮށްފައި އުކައިލެވޭ ޒާތުގެ ތަކެތީގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ތަކެތި ރާއްޖެއަށް އެތެރެކުރުން މި ބިލާއެކު މަނާ ކުރެވޭނެއެވެ.
އަދި، އެފަދަ ތަކެތީގެ ލިސްޓެއް، އެކި މަރުޙަލާ ތަކަކަށް ބައްސަވާލައްވައިގެން، ކަނޑައެޅުއްވުމުގެ އިޚްތިޔާރު މި ބިލުގައި ރައީސުލްޖުމްހޫރިއްޔާއަށް ދެއްވާފައިވެއެވެ. ހަމަ އެއާއެކު، އެފަދަ ލިސްޓެއް ކަނޑައަޅުއްވައި، 2021 ޖަނަވަރީ 1 ވަނަ ދުވަހުގެ ކުރީން ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރުމާއި، ލިސްޓު ޝާއިޢުކުރާއިރު، ލިސްޓުގައި ރައީސުލްޖުމްހޫރިއްޔާ ހިމަނުއްވާ ތަކެތި ބޭނުންކުރުން މަނާކުރާނެ ތާރީޚެއް ކަނޑައަޅާފައި އޮންނަންވާނެ ކަމަށް ވެސް މި ބިލުގައި ބަޔާންކޮށްފައިވެއެވެ.
މި ބިލުގައިވާ ފަދައިން ރާއްޖެ އެތެރެ ކުރުން މަނާ ކުރާ 12 ބާވަތެއްގެ ޕްލާސްޓިކްގެ ލިސްޓެއް ރައީސް ވަނީ ޑިސެންބަރު މަހުގެ 31 ވަނަ ދުވަހު އާންމުކުރައްވައި ގެޒެޓުކުރައްވާފައެވެ.
ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ ބިލު
ބިލުން ކުޑަކުދިންގެ ޢަދުލުގެ ޤާނޫނަށް ވަނީ ވަރަށް ގިނަ އިޞްލާޙުތަކެއް ގެނެސްފައެވެ. އެ ގޮތުން މި ބިލު ރައީސުލްޖުމްހުރިއްޔާ ތަޞްދިޤު ކުރެއްވުމާ ގުޅިގެން މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށްފަހު، ކުޑަކުދިން ކުރާ ޖިނާޢީ ކުށުގެ މައްސަލަތައް ފުރަތަމަ މަރުޙަލާގައި ބެލުމުގެ އިޚްތިޞާޞް ލިބިދީފައި ވަނީ ޖުވެނައިލް ކޯޓަށެވެ. ހަމަ އެއާއެކު، މި އިޞްލާޙުގެ ދަށުން ޝަރީޢަތުން މައްސަލަ ބަލައި ފިޔަވަޅު އަޅާ ޙާލަތުގައި ޕްރޮބޭޝަންގައި ދޫކުރެވޭ ކުދިން މޮނިޓަރކުރުމާއި އެ ކުދިން ޕްރޮބޭޝަންގެ ޝަރުޠުތަކާ އެއްގޮތަށް ޢަމަލުކުރޭތޯ ބަލައި، އެކަންކަމުގެ މަޢުލޫމާތުތައް އެއްކޮށް އެ މަޢުލޫމާތުތައް ޝަރީޢަތަށް ފޯރުކޮށްދޭނީ ޖުވެނައިލް ކޯޓުގެ ޕްރޮބޭޝަން އޮފިސަރުންނެވެ.
މީގެ އިތުރުން، ޕްރޮބޭޝަންގައި ތިބޭ ކުދިން މޮނިޓަރކުރުމުގައި ދައުލަތުގެ ކަމާބެހޭ ތަންފީޛީ އިދާރާތަކުގެ އެހީތެރިކަން ޖުވެނައިލް ކޯޓުގެ ޕްރޮބޭޝަން އޮފިސަރުންނަށް ލިބިދޭންޖެހޭނެއެވެ. އަދި، މި ޤާނޫނަށް ގެނައި އިޞްލާހުގެ ދަށުން ދަޢުވާ އުފުލުމާމެދު ގޮތެއް ނިންމުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލުތައް ބަޔާންކުރާ ޤަވާޢިދެއް، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އެކުލަވާލަންވާނެ ކަމަށް ވެސް މި ޤާނޫނަށް ގެނައި އިޞްލާޙުގައިވެއެވެ.