ރިޕޯޓް މުނިފޫހިފިލުވުން

2020 : މުނިފޫހިފިލުވުމުގެ ދާއިރާ "ކަޅުކޮށްލި" އަަހަރެއް!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާއަށް ބަލާލާއިރު. އެތައް ބަޔަކު ވަރަށް ފޮނި އުންމީދުތަކަކާއި ކުލަވަރުތަކަކާއެކު ފެށި 2020 އަހަރު ވެގެން ދިޔައީ، މިދާއިރާއަށް މިފަހުގެ ތާރީޚެއްގައި ކުރިމަތިވި ވަރަށް ބަނަ ދުވަސްތަކެއްގެ ގޮތުގައެވެ.

Ads by STELCO

އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން ނިމިދިޔަ އަހަރުގައި ވެސް ފިލްމު ޕްރޮޑިއުސަރުންނާއި ދާއިރާގައި ހަރަކާތްތެރިވާ ފަންނާނުން އެތައް ހުވަފެންތަކެއް ދެކި، ވިހިވިއްސަކީ ފިލްމީ ދާއިރާއަށް ތަފާތު އަދި ކާމިޔާބު އަހަރެއް ގޮތުގައި ހެދޭތޯ އަތުކުރި އޮޅާލިއެވެ.. އެތައް ބައިވަރު ޕްރޮޖެކްޓުތަކެއްގެ މަސައްކަތް ކުރަން ފެށުމަށާއި އަހަރުގެ ވަކި ހިސާބެއްގައި އެފިލްމުތަކާއި ސީރީޒްތައް އަޅުވާ ނިންމުމަށް ވެސް ރާވަމުން ދިޔައެވެ.

ނަމަވެސް މުޅި ދާއިރާގައި މަސައްކަތް ކުރާ ހުރިހާ ފަންނާނުން ވެސް ނިންމި ނިންމުންތަކާއި ރޭވި ހުރިހާ ކަމެއްހެން ބަދަލު ކޮށްލަން މަޖުބޫރުވީ، މުޅި ދުނިޔޭގައި ފެތުރެމުންދިޔަ ކޮރޯނާ ވައިރަސްގެ ވަބާ ރާއްޖެއަށް ވެސް ކުރަން ފެށުމުންނެވެ.

ލޮލަށް ނުފެންނަ މިވައިރަސްގެ ސަބަބުން އެހެން ރައްޔިތުންނެކޭ އެއްފަދައިން، މުނިފޫހިފިލުވުމުގެ ދާއިރާގައި މަސައްކަތް ކުރަމުންދިޔަ، ފަންނާނުން ވެސް އެމީހުންގެ ގެތަކުގައި ބަންދުވާން މަޖުބޫރުވީއެވެ. ސިނަމާ ތަކުގައި ތަޅު އެޅުވި، ނިންމަން ފެށި ޕްރޮޖެކްޓުތައް ވެސް މާހައުލު ރައްކާތެރި ވަންދެން ނުނިންމާ މަޑުޖައްސާލަން ޖެހުނީއެވެ. މީގެ އިތުރުން ނިންމާފައި ހުރި މަސައްކަތްތައް ވެސް ސިނަމާތަކާއި ހަމައަށް ނުގެންގޮސް ރައްކާތެރިކަމާއެކު ބޮޑު ފޮއްޓަށްލާ ތަޅުލާފައި، އެކަމުގެ ރަނގަޅު ވަގުތު އައިސް ޖެހެން ދެން ބަހައްޓަން މަޖުބޫރު ވީއެވެ.

ވިހި ވިއްސަށް ނަޒަރު ހިންގާލާއިރު، އެއަހަރު ބެލުންތެރިންނާ ހަމައަށް ގެނެސް ދިން މަސައްކަތްތަކާއި، ބެލުންތެރިންނާ ހަމައަށް ދެންމެ ދެންމެ ގެންނަން މަސައްކަތްކުރި، އެހެން ނަމަވެސް މަޖުބޫރު ވެގެން ބަހައްޓަން ޖެހުނު ބައެއް ޕްރޮޖެކްޓުތަކުގެ ވާހަކަ ހިމަނާލާނަމެވެ.

މާމުއި އާއި ގޮށްރާޅުގެ ޝޯތަކެއް

އަަހަރު ފެށިގެން ދިޔައީ ފިލްމީ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން ބެލުންތެރިންނަށް ތަފާތު ފިލްމުތަކެއް ގެނެސްދެމުން ގެންދާ ޑާކްރެއިން އެންޓަޓެއިންމަންޓުން 2019 ވަނަ އަހަރު އުފެއްދި "ގޮށްރާޅު" އާއި "މާމުއި" ގެ ޝޯތަކެއް އޮލިމްޕަސް ސްކްރީނު ފަޅު ފިލުވާލަމުންނެވެ. މި ދެ ފިލްމަކީ ވެސް ބެލުންތެރިންގެ މެދުގައި ވަރަށް ހޫނު ތަރުހީބެއް ލިބުނު ފިލްމު ތަކަކަށް ވުމުން، ގިނަ ބަޔަކަށް ޚާއްސަ ވެގެންވީ އެއަހަރު "މާމުއި" ގެ ފޮނިކަމާއި "ގޮށްރާޅު" ގެ ބާރުގަދަކަން އަނެއްކާވެސް ފެނިގެން ދިޔުން، ވެގެން ދިޔައީ ދިވެހި ފިލްމުތަކަށް ލޯބިކުރާ ފަރާތްތަކަށް ލިބުނު ވަރަށް ބޮޑު އުފަލަކަށެވެ.

ކަޅަކި

އެކްޓިންގ ދާއިރާއަށް މިހާރު އަލްވަދާޢު ކިޔާފައިވާ ކުޅަދާނަ އެކްޓްރެސް ނިއުމާ މުޙައްމަދު އުފައްދާފައިވާ ބިރުވެރި ފިލްމު "ކަޅަކި" އަކީ ވެސް 2020 ވަނަ އަހަރު ރިލީޒް ކުރެވުނު ފިލްމެކެވެ. މާރިޗު މަހު މިފިލްމުގެ ޓްރެއިލާ ދައްކާލި ހިސާބުން ވެސް އެތައް ބެލުންތެރިންނެއްގެ ގައިން ދިޔައީ ހީބިހި ނަގައިގެންނެވެ. ލަންކާގައި ޝޫޓް ކޮށްފައިވާ މިފިލްމުގެ ޝޫޓިން ނިންމާލާފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރޫ މަހުގެ 3ވަނަ ދުވަހުއެވެ. ފިލްމުގައި ހަރަކާތްތެރި ވެފައިވަނީ ޔޫސުފް ޝަފީޢު (ޔޫއްޕެ)، ޢަލީ ސީޒަން، މުޙައްމަދު މަނިކް، ރިޝްފާ، ލަހޫގެ އިތުރުން ޝިޔާ އެވެ.

އަނދިރިކަން

މިއީ ވަރަށް ވެސް ބޮޑު އިއްތިފާގެކެވެ. ނަމަވެސް އެކްޓަރ/ޑައިރެކްޓަރ ޢަލީ ސީޒަން އުފެއްދި "އަނދިރިކަން" ވެފައިވަނީ އެފިލްމަށްފަހު ހަގީގަތުގައި ވެސް އޮލިމްޕަހަށް އަނދިރިކަން ގެނުވި ފިލްމަކަށެވެ. ފިލްމުގެ މައްސަލައެއް ނޫން ނަމަވެސް 2020 ވަނަ އަހަރުގެ މާރިޗު މަހުގެ 4 ވަނަ ދުވަހު ޕްރިމިއަރ ކުރި އެފިލްމަށްފަހު، މާލެ ސަރަޙައްދުގައި ކޮވިޑް-19 ފެތުރުމާ ގުޅިގެން އޮލިމްޕަހުގެ ދޮރުތައް ލައްޕާލުމުން މުޅި ދާއިރާއަށް އަނދިރިކަން ގެނުވިއެވެ.

 

ކޮސް ގިނަ މިސްޓޭކްސް

ވީމީޑިއާ އޮރިޖިނަލްސް ގެ ދެވަނަ ފީޗާ ފިލްމް "ކޮސް ގިނަ މިސްޓޭކްސް" އެންމެ ފުރަތަމަ ޕްރިމިއާ ކުރަން ހަމަޖެހުނު ތާރީޚަކީ 2019 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 28 ވަނަ ދުވަހެވެ. ނަމަވެސް ފިލްމުގެ ޕްރޮޑަކްޝަން މެނޭޖަރ އިސްމާއިލް ޝަފީޤު ބުނީ އަހަރުގެ ފަހުކޮޅު އެފިލްމު އެޅުވުން އެހާ ރަނގަޅު ކަމަކަށް ނުވާތީ ވިހިވިއްސަށް ފަސްކޮށްލީ ކަމަށެވެ. ބޮޑު ކާސްޓެއް ހިމަނައިގެން މަސައްކަތް ފެށި މިފިލްމު، އެއަހަރު އަޅުވަން ފަސް ކުރުމުން، އަދިވެސް ވަނީ ނޭޅުވިފައެވެ. ފިލްމުގެ ޝޫޓިންގެ ބައެއް މަންޒަރުތަކާއި ލަވަތަކުން ވެސް، މިއީ ހެއްވާ މަޖާ ފިލްމެއްކަން ހާމަވުމުން، ވަރަށް ގިނަ ބެލުންތެރިން ތިބީ މިފިލްމު އަޅުވާނެ ދުވަހެއްގެ އިންތިޒާރުގައި ކެތްމަދުވެފައެވެ.

ނޮވެމްބަރ

ދިވެހި ފިލްމު ތަކަށް ލޯބިކުރާ ފަރާތްތަކުން، އެންމެ އިންތިޒާރު ކުރި އެއް ފިލްމަކަށް ހަމަ ޔަގީނުން ވެސް ޑާކްރެއިން އެންޓަޓެއިންމަންޓުން އުފެއްދި "ނޮވެމްބަރ" ވެގެންދާނެއެވެ. ބޮޑު ހޭދައެއް ކޮށްގެން، ސިންގަޕޫރުގެ ރީތި މަލަމަތި ވެސް ދައްކުވައިދޭ އެފިލްމު، ޝޫޓިންގ ވެސް ނިމި 2020 ވަނަ އަހަރުގެ ޖުލައި މަހުގެ 6 ވަނަ ދުވަހު އޮލިމްޕަސް ސްކްރީނުގައި އަޅުވަން ތައްޔާރު ވުމަށްފަހު، ކޮވިޑްގެ ސަބަބުން ޖެހުނީ މިއަހަރަށް ފަސް ކޮށްލާށެވެ. މިއީ މިފިލްމު އުފެއްދި ފަރާތްތަކަށް އެކަނި ލިބުނު ދެރައެއް ނޫނެވެ. މަޖޫ އާއި ޖުމައްޔިލު އެކުގައި ފެނިގެންދާ މިތަފާތު ފިލްމު ބަލާލުމުގެ އިންތިޒާރުގައި ތިބި އެތައް ބައެއް ވަނީ "ނޮވެމްބަރ" އެޅުވުން މަޑުޖައްސާލުމުން ހިތް ހަލާކު ވެފައެވެ.

ބަޅިނދު

އަނެއްކާވެސް ޑާކް ރެއިން އެންޓަޓެއިންމަންޓުގެ އުފެއްދުމެކެވެ. މިފިލްމުގެ މަސައްކަތް ފަށާފައިވާކަން އެޕްރޮޑަކްޝަން ހައުސްއިން އެންމެ ފުރަތަމަ އިއުލާނު ކުރީ 2019 ވަނަ އަހަރު ފަހު ކޮޅުގައެވެ. ޝޫޓިންގ ފަށައިގެން ބާރު ސްޕީޑުގައި ކުރިއަށް ގެންދަމުން، 2020 ވަނަ އަހަރުގެ މާރޗް މަހު އެފިލްމުގެ ފުރަތަމަ ޓީޒަރ ދައްކާލިއެވެ. މިއީ ބިރުވެރި ފިލްމަކަށްވެފައި ޓީޒަރ އިން ފެންނަނީ މިފިލްމުގައި ސިހުރު ހާހޫރައިގެ ކަންތައްތަކެއް ދައްކުވައިދޭނެ ކަމެވެ. އެހެންކަމުން މިފިލްމު ވެސް ވެގެން ދިޔައީ އެތައް ބަޔަކު ވަރަށް ބަލާ ހިތުން އިންތިޒާރު ކުރި ފިލްމަކަށެވެ. ނަމަވެސް ފިލްމުގެ ޝޫޓިންގެ ބޮޑު ބައެއް ނިމިފައި ވަނިކޮށް، އަހަރުގެ ވަކި ހިސާބަކުން އިވުނީ، ފިލްމު އެންމެ ފުރަތަމަ ތަޢާރަފް ކުރިއިރު ހަރަކާތްތެރިވި ބައެއް ތަރިން ބަދަލު ކުރި ކަމެވެ. އެގޮތުން ކުރިން އެފިލްމުގައި ހަރަކާތްތެރިވި ޖުމައްޔިލު ނިމާލުގެ ބަދަލުގައި އަލީ އާޒިމް (ދޮން އައްޔަ) ނަގާފައިވާއިރު، މުޙައްމަދު ޔުނާން އާއި ފާތިމަތު ޝަރާ އާދަމް ވެސް ފަހުން ވަނީ "ބަޅިނދު"ން ވަކި ކޮށްފައެވެ. އޭގެ ބަދަލުގައި ނުޒުހަތު ޝުއައިބް އާއި ޝަރަފް ޢަބްދުﷲ ވަނީ އެފިލްމުގައި ހަރަކާތްތެރިވާން ފަށާފައެވެ. އެތަރިން ވަކިކުރީ އެއްވެސް މައްސަލައެއް ޖެހިގެން ނޫން ކަމަށް ޑާކްރެއިނުން ވެސް ވަނީ މީގެ ކުރިން ބުނެފައެވެ. ނަމަވެސް ފިލްމު ޖެހުނީ ރީޝޫޓު ކުރާށެވެ. ކޮވިޑްގެ ހާލަތާ ގުޅިގެން ކުރިން ދިޔަ ސްޕީޑުގައި ދެން މިފިލްމުގެ މަސައްކަތް ކުރިއަށް ނުގެންދެވުނު ނަމަވެސް، މިފިލްމު އެޅުވުން ވެސް މިހާރު މަޑު ޖައްސާލާފައި ވަނީ މިއަހަރަށެވެ.

ނީނާ

އެތައް ބައެއްގެ ފަރާތުން ހޫނު ތަރުޙީބެއް ލިބުނު ފިލްމު "ބަވަތި" އުފެއްދި އައިފިލްމްސް އިން އުފައްދާފައިވާ އެ ޕްރޮޑަކްޝަންގެ ދެވަނަ ފީޗާ ފިލްމު "ނީނާ" އަކީ ވެސް ދިވެހި ފިލްމުތަކަށް ލޯބިކުރާ ފަރާތްތަކުން ނުހަނު ފޮނި އުންމީދަކާއެކު އިންތިޒާރު ކުރަމުން ދިޔަ ފިލްމެކެވެ. ނުހަނު "ވަރުގަދަ ނަމެއް" ކިޔާ މިފިލްމުގައި ހަރަކާތްތެރިވެފައި ވަނީ ކުޅަދާނަ އެކްޓްރެސް ނުޒުޙަތު ޝުއައިބު (ނުޒޫ) އާއި ޝަރަފް ޢަބްދުﷲ އެވެ. މިފިލްމާއި ބެހޭގޮތުން ގިނަ ވާހަކަތަކަކީ އަދިވެސް ސަސްޕެންސެއްގެ ގޮތުގައި ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) ބާއްވާފައިވާ ވާހަކަތަކެއް ނަމަވެސް، ފިލްމުގެ ޝޫޓިންގަށް ވަރަށް ބޮޑަށް ކާސްޓުން ތައްޔާރުވިކަމަށް އެނގިފައިވެއެވެ. އެގޮތުން ނުޒޫ އަށް މާޝަލް އާޓްސް ދަސްކޮށްދީފައިވާކަން ވެސް ހާމަވުމުން ވެސް އެނގުނީ މިއީ ވަރަށް ތަފާތު ފިލްމަކަށް ވާނެކަމެވެ. އަދި މިފިލްމުން ހިތްވަރުގަދަ އަންހެން ކުއްޖަކު ފެންނާނެކަން ވެސް ހާމަވެގެން ދެއެވެ. ކޮންމެއަކަސް ޝޫޓިން ނިމިފައި ވިޔަސް ކޮވިޑާ ގުޅިގެން "ނީނާ" އަށް ވެސް ޖެހުނީ އޮލިމްޕަހަށް ނައިސް މަޑުކޮށްލާށެވެ.

ބީވީމާ

އައިޝަތު ފުވާދު ތައުފީޤް އާއި ޑާކްރެއިންގެ ބާނީ މުޙައްމަދު ޢަލީ (މޮގާ) ޕްރޮޑިއުސްކޮށް މިދިޔަ އަހަރު ތަޢާރަފްކުރި "ބީވީމާ" ފިލްމުގެ ތަރިން އާންމުކުރި ދުވަހަކީ އެތައް ބަޔަކަށް ވަރަށް ބޮޑު ހައިރާންކަމެއް ލިބުނު ދުވަހެކެވެ. ވާނީ ވެސް އެހެންތާއެވެ. މިފިލްމުގެ ލީޑް ރޯލުން މިދާއިރާއަށް ތަޢާރަފްވެފައި ވަނީ އެއަޑަކުން އެތައް ބައިވަރު ރީތި ލަވަތައް ކިޔައިދީފައިވާ ކުޅަދާނަ ލަވަކިޔުންތެރިޔާ މަރްޔަމް އަޝްފާ އެވެ. އޭނާއާއެކު ދެން މިފިލްމުގައި ހަރަކާތްތެރިވަނީ އެފަދަ ދެވަނައެއް ނުވާ އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) އެވެ. އަޝްފާ ފިލްމީ ދާއިރާއަށް ނިކުތުމުން މިފިލްމު ވެސް ވެފައިވަނީ ގިނަ މީހުން އިންތިޒާރު ކުރުވަނިވި ފިލްމަކަށެވެ.

ލޯބިވެވިއްޖެ

އެކްޓަރ ޢަލީ ސީޒަން އުފެއްދި "ލޯބިވެވިއްޖެ" ގެ ވާހަކަ އަކީ ވެސް ނުދައްކާ ދޫކޮށްލެވޭވަރު ވާހަކައެއް ނޫނެވެ. އަވައްޓެރި ޝްރީލަންކާ ގެ ރީތި މަންޒަރުތައް ވެސް ހިމެނޭ މިފިލްމުގައި ކުޅަދާނަ އެކްޓްރެސް މަރިޔަމް އައްޒަ އާއި ރިޝްފާ ވެސް ހަރަކާތްތެރިވެއެވެ. އަދި އަރަމުން އަންނަ ތަރިން ކަމުގައިވާ ނިޝާ އާއި އިރޫ ވެސް މުހިންމު ރޯލުތަކުން ފެނުމަށް ހަމަޖެހިފައިވެއެވެ. ފިލްމުގެ ޝޫޓިން ފަށާފައިވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު ގދ. ތިނަދޫގައެވެ. މިއީ ވެސް ވިހިވިހީގައި ޕްރިމިއަރ ކުރުމަށް ތައްޔާރުވި ބޮޑު ފިލްމެކެވެ. ނަމަވެސް ކުރިމަތިވި ބަލިމަޑުކަމުގެ ސަބަބުން ފިލްމުވަނީ ރިލީޒް ކުރެވޭ ގޮތް ނުވެފައެވެ.

ފިމްލުތަކުގެ ވާހަކައިން ދެން ސީރީޒްތަކުގެ ވާހަކައަށް ޖެހިލާނަމެވެ. ކޮވިޑް-19 އާ ގުޅިގެން ފިލްމުތައް ޕްރިމިއަރ ނުކުރެވުނު ކަމުގައިވިޔަސް، ބައެއް ފިލްމު ޕްރޮޑިއުސަރުން ވަނީ ކުރު ވީޑިއޯ ކްލިޕް ތަކާއި ސީރީޒްތައް ބެލުންތެރިންނާ ހަމައަށް ގެނެސްދީފައެވެ. އެގޮތުން މިދިޔަ އަހަރު ފެނުނު ބައެއް ސީރީޒްތައް ފާހަގަ ކޮށްލާނަމެވެ.

ރޫމީ އާ ޖަންނަތު

ޑާކްރެއިން އެންޓަޓެރިންމަންޓުގެ އުފެއްދުމެކެވެ. މިތަފާތު ސީރީޒް ބަލާލެވޭނީ މީޑީއާނެޓް-މަލްޓިސްކްރީން މެދުވެރިކޮށެވެ. ވިހިވިހި ވަނަ އަހަރު މަސައްކަތް ފެށި އެސީރީޒްގައި މިހާރު ހަރަކާތްތެރި ވަނީ ނުޒުހަތު ޝުއެއިބް އާއި ޢަބްދުﷲ ޝާފިއު (ޗިއްޕެ) އެވެ. މީގެ އިތުރުން ޝީލާ ނަޖީބު އާއި މުޙައްމަދު ފައިސަލް، ހަސަން މަނިކު، އާދަމް ރިޒްވީ (ރެކްސް)، އަހުމަދު ސައީދު އަދި ތެރީސާ މޭ ވެސް ހިމެނެއެވެ. މިދިޔަ އަހަރު ޝޫޓިންގ ފެށި، އަދި މިހާރުވެސް ޝޫޓިންގ ކުރިއަށްދާ މިސީރީޒް ބެލުންތެރިންނާ ހަމައަށް ގެނެސްދޭން ފަށާފައިވަނީ މިއަހަރު ފެށުނު ދުވަހުއެވެ.

އެހެނަސް

ކުޅަދާނަ ވާހަކަ ލިޔުންތެރިޔާ އަހުމަދު އިޤްބާލް (އައިކިޔު) ޕްރޮޑިއުސްކޮށް، މަޝްހޫރު އެކްޓަރ ރަވީ ފާރޫޤްގެ މޮޅު ޑައިރެކްޝަން ފެނިގެންދިޔަ ވެބް ސީރީޒް "އެހެނަސް" ގެ ދެވަނަ ސީޒަން ދައްކަން ފަށާފައި، އެސީރީޒް ނިމުމަކާ ހަމައަށް އައިސްފައި ވަނީ ވެސް މިދިޔަ އަހަރުގައެވެ. ބައިސްކޯފް އެޕްލިކޭޝަން މެދުވެރިކޮށް ބަލާލެވޭ، 18 އަހަރުން މަތީގެ މީހުންނަށް ޚާއްޞަ މި ވެބްސީރީޒަކީ ހަނގާ ކުރުމާ ދެކޮޅު އަދި ޖިންސީ ގޯނާއާ ވެސް ދެކޮޅަށް އަޑު އުފުލުމަށް ހިތްވަރު ލިއްބައިދޭ ސީރީޒެކެވެ. އެތައް ބަޔަކަށް ކަމުދިޔަ މިސީރީޒް ގައި މުހިންމު ރޯލުން ފެނިފައިވަނީ އަލަށް ފިލްމީ ދާއިރާއާ ގުޅުނު ފާތިމަތު ޝަރާ އާދަމް އާއި މުޙައްމަދު ވިޝާލް (ރޯމަން) އެވެ. އޭގެ އިތުރުން ވެސް ވަރަށް ގިނަ ކާސްޓުން ފެނިިފައިވާއިރު ކުޅަދާނަ އެކްޓްރެސް އައިޝަތު ރިޝްމީ، ވަރަށް ވެސް ތަފާތު ރޯލަކުން މިސީރީޒުގެ ދެވަނަ ސީޒަންގައި ފެނިގެން ގޮސްފައިވެއެވެ.

ގަމިނި

މިއީ ވިހިވިހީގެ އަހަރުގައި ބައިސްކޯފުން ފެނުނު އެންމެ ތަފާތުކޮށް ފެނުނު އެއް މަސައްކަތޭ ބުނުން ދޮގަކަށް ނުވާނެއެވެ. މޫމިން ފުއާދު ގެ ޑައިރެކްޓުކޮށް، ވަރުގަދަ ކާސްޓަކާއެކު ގެނެސްދިން މިސީރީޒަކީ ކްރައިމް ތުރިލާއެކެވެ. ދާއިރާގެ ސީނިއާ ތަރިން ކަމުގައިވާ ޔޫސުފް ރަފީއު (ޔޫސޭ) އާއި ކޮޕީ އިއްސެ މިސީރީޒުގައި ހިމެނޭ ކަމީ ވެސް ސީރީޒަށް އިތުރު ފުރިހަމަކަމެއް ގެނުވި ކަމެކެވެ. އަށްޑިހައިގެ އަހަރުތައް ދައްކުވައިދޭ ބައެއް މަންޒަރުތައް ވެސް މިސީރީޒްގައި ހިމެނެއެވެ.

ތަދު

މިދިޔަ އަހަރު މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19 ގެ ހާލަތު ވަރަށް ރަނގަޅަށް ދައްކުވައިދިން މިސީރީޒަކީ، ހަގީގަތުގައި ވެސް "ތަދު" އިހުސާސް ކޮށްދިން ފުރިހަމަ ސީރީޒެކެވެ. ފުރަތަމަ އެޕިސޯޑުގައި ފެނިގެން ދަނީ ރާއްޖޭގެ އެންމެ ކުޅަދާނަ އެކްޓިންގެއް ދައްކުވައިދޭ ދެމަފިރިން ކަމުގައިވާ އައިޝަތު ރިޝްމީ އާއި ރަވީ ފާރޫޤެވެ. ޔޫޓިއުބުން ބަލާލެވޭ މިސީރީޒުގައި، ރާއްޖެއަށް ވެސް ކުރިމަތިވެފައިވާ މިބަލިމަޑުކަމުގެ ހާލަތު ވަރަށް ރަނގަޅަށް ދައްކުވައިދެއެވެ.

މިއީ 2020 ވަނަ އަހަރު ދިވެހި ފިލްމީ ދާއިރާ ކުރިއަށްދިޔަ ގޮތުގެ ކުރު ޚުލާސާއެކެވެ. މުނިފޫހިފިލުވުމުގެ ދާއިރާގައި މަސައްކަތްކުރާ ބައެއް ފަންނާނުން މިދިޔަ އަހަރު ކަންތައް ދިމާވި ގޮތާމެދު އެންމެ ބޮޑު އެއް ކަންބޮޑުވުމަކަށް ފާހަގަ ކޮށްފައި ވަނީ ދާއިރާގެ ބެލެނިވެރި ފަރާތް ކަމަށް ބެލެވޭ ނޭޗަނަލް ސެންޓަރ ފޮ އާޓްސް (އެންސީއޭ) އިން މިފަންނާނުންނާމެދު އަޅާނުލުމެވެ. އެއްވެސް ސަރުކާރަކުން ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާއާއިމެދު މާބޮޑު އަޅާލުމެއް ބާއްވާފައި ނުވާކަން ފާހަގަ ކުރަމުން ބައެއް ފަންނާނުން ބުނީ ދާއިރާގައި މަސައްކަތް ކުރާ ބައެއް ފަންނާނުންނަކީ ހަމައެކަނި މިމަސައްކަތަށް އެކަނި ބަރޯސާ ވެގެން އުޅޭ ފަރާތްތައް ކަމަށްވާތީ، ކޮވިޑާ ގުޅިގެން މިފަދައިން މަސައްކަތްތައް ހުއްޓުމުން އެންސީއޭ އިން އެފަންނާނުންނަށް ކޮންމެވެސް ވަރަކަށް ނަމަވެސް އަޅާލަން ޖެހޭނެ ކަމަށެވެ.

ކޮންމެއަކަސް 2020 ވަނަ އަހަރު މުނިފޫހިފިލުވުމުގެ ދާއިރާ ކަޅުކޮށްލި ނަމަވެސް، މިފެށުނު އާއަހަރާއެކު ފަންނާނުންނާއި ޕްރޮޑިއުސަރުން ކުރާ އުންމީދުތައް ވެސް ބޮޑެވެ. މިއަހަރު މިދާއިރާއަށް އިރާދަކުރެއްވިއްޔާ ދެރަ ގޮތެއް ނުވާނެ ކަމަށް އެތައް ބަޔަކު އުންމީދުކުރެއެވެ.

Ads by HDC
  1. މުހައްމަދު

    ކުރިޔަށް އޮތްތަނުގައިވެސް ތި ދާއިރާ ކަޅުކަންމަތީ ލަހައްޓަވާށި! އާމީން.