ރިޕޯޓް

2020: ކަލަންޑަރުގެ ހުރިހާ ގަނޑެއްގައި ވެސް އޮތީ ކޮވިޑް-19

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

2020 ވަނަ ދުނިޔެއަށް މަރުހަބާ ކީ ކުރިން އަޑުއަހާފައި ނުވާ މުޅިން އައު ވައްތަރެއްގެ ބައްޔަކާއެކުއެވެ. ޗައިނާގެ އަވަށަކުން ފެނުނު މި ބަލި މުޅި ދުނިޔެއަށް ފެތުރިގެން ދިޔައީ އިސާހިތަކުއެވެ. މުޅި ދުނިޔެ ހާސްކަމުގެ ތެރެއަށް ވައްޓާލި ވުހާން ވައިރަސްއަށް ސައިންސްވެރިން ދިން ނަމަކީ "ކޮވިޑް-19" އެވެ. ސާސް ރޯގާ އާ އެއް ދަރަޖައެއްގެ ވައިރަހެއް ކަމަށް ޗައިނާއިން ބުނި ކޮވިޑް-19 ދުނިޔޭގެ އެންމެ އާބާދީ ބޮޑެތި ގައުމުތަކުގައި ފެތުރި އެތައް ސަތޭކަ މީހެއް މަރުވުމުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއަށް މަޖުބޫރުވީ ދުނިޔޭގައި ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާނު ކުރާށެވެ.

Ads by Hajj Corporation

މާރިޗު - ބިރުވެރިކަން ވަޒަންކުރެވި "ޞިއްޙީ ބަލިމަޑުކަމުގެ މުސީބާތް"އިއުލާންކުރި

ޗައިނާއިން ފެނުނު ނޮވެލް ކޮރޯނާ ވައިރަސް އެންމެ ފުރަތަމަ ކޮންޓްރޯލް ކުރި ގައުމަކީ ވެސް ޗައިނާއެވެ. ނަމަވެސް ވައިރަސް ފެތުރުން ޗައިނާއަށް ކޮންޓްރޯލްވިއިރު، އެބަލީގެ ނުރައްކާ ވަނީ މުޅި ދުނިޔޭގެ ބޮޑު ބަޔަކަށް ފެތުރިފައެވެ. ޔޫރަޕުގެ ގިނަ ގައުމުތަކުގައި ބަލި ހަލުވިކަމާއެކު ފެތުރެމުން ދިޔައިރު، މާޗު މަހުގެ 11 ވަނަ ދުވަހު ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ވަނީ ކޮވިޑް-19 އަކީ މުޅި ދުނިޔެއަށް ފެތުރޭ ބޮޑު ބަލި މަޑުކަމެއްގެ ގޮތުގައި ކަނޑައަޅާފައެވެ.

ކޮވިޑް-19 އަކީ "ޕެންޑެމިކް" އެއް ކަމަށް ސިއްހަތު ޖަމިއްޔާއިން އިއުލާނު ކުރިއިރު 114 ގައުމަކުން ކޮވިޑް-19ގެ 118،000 އަށް ވުރެ ގިނަ ކޭސް ވަނީ ރިޕޯޓު ކުރެވިފައެވެ.

ބަލިމަޑުކަން އިއުލާނު ކުރުމަށް ޖެނީވާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑަބްލިޔުއެޗްއޯގެ ޗީފް ޓެޑްރޯސް އަދަނޮމް ވަނީ ކޮވިޑް-19 ފެތުރޭ މިންވަރު އަދި ބަލީގައި މީހުން މަރުވާ އަދަދު ވެސް ހުރީ ކަންބޮޑުވާން ޖެހޭ ފަދަ ހާލަތެއްގައި ކަމުގައި ވިދާޅުވެފައެވެ. އަދި ބަލިމަޑުކަމެއް އިއުލާނު ކުރި ނަމަވެސް، އެ ޖަމިއްޔާއިން ބައްޔާ ދެކޮޅަށް ކުރަމުން އައި މަސައްކަތްތަކަށް ބަދަލެއް ނާންނާނެ ކަމުގެ ޔަގީންކަން ވެސް ޑަބްލިޔުއެޗްއޯއިން ދިނެވެ.

ނޭޝަނަލް ޑިސާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އަދި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ގައުމީ ފެންވަރުގައި ކޮވިޑް-19 އާ ދެކޮޅަށް ގިނަ މަސައްކަތްތަކެއް ފަށައި، ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު އުފެއްދީ ވެސް މާޗު މަހުގެ ތެރޭގައެވެ. މި ސެންޓަރުން ބަލިން ރައްކާތެރި ވުމަށް ޓަކައި ރާއްޖޭގައި އަޅަމުންއައި ހުރިހާ ފިޔަވަޅުތައް ފުޅާކޮށް، ގައުމީ ފެންވަރުގައި ދައުލަތުގެ ހުރިހާ އިދާރާތަކެއް ގުޅިގެން، ބަލި ރާއްޖެ އަތުވެދާނެ ކަމަށް ދުރާލާ ތައްޔާރު ވުމުގެ ގޮތުން އެކި އެކި މަސައްކަތް ކުރެވެމުން ދިޔައެވެ. މި ގޮތުން، ކޮވިޑް-19 އިން ރައްކާތެރި ވުމުގެ ގޮތުން، ރާއްޖެއިން ބޭރަށް ދަތުރުކޮށްފައި އަންނަ ފަރާތްތަކަށް ހާއްސަކޮށް މާލޭގައި ޓްރެވަލް ކްލިނިކެއް ގާއިމްކޮށް ފްލޫ ކްލިނިކްތަކެއް ވެސް ގާއިމް ކުރިއެވެ.

ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން އަޅަމުން އައި ގިނަ ފިޔަވަޅުތަކާ އެކުގައި ވެސް، ކޮވިޑް-19 ގެ ހިޔަނި ރާއްޖެއަށް ވެސް މާޗު މަހު އެޅިގެން ދިޔައެވެ. ކުރެއްދޫ އައިލެންޑު ރިސޯޓުން ފުރަތަމަ ފައްސިވި ދެ މުވައްޒަފުންނާއެކު ސަރުކާރުން ގެންދިޔައީ ކޮވިޑް-19 ގެ ނުރައްކާތެރިކަމަށް ރައްޔިތުން ހޭލުންތެރި ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ކުރެއްދޫ ރިސޯޓަށް ފަހު ބަތަލާއިން ވެސް 2 ފަތުރުވެރިއަކު ފައްސިވިއިރު، މާޗު މަހުގެ ތެރޭގައި ރާއްޖެ އެތެރެވި 17 ފަތުރުވެރިއަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

ނުރައްކާތެރި ކޮވިޑް19ގެ ހާސްކަން ދިވެހި ފަސްގަނޑަށް ވެސް ފެތުރި، ރައްކާތެރިވުމުގެ ގޮތުން އަޅަން ޖެހުނު ފިޔަވަޅުތަކުން ހުރިހާ ރައްޔިތުން ވެސް ތިބީ ގޭގައެވެ. ސަރުކާރުގެ އޮފީސްތަކާއި ކިޔަވައިދޭ ތަންތަނުގެ އިތުރުން ކުޅިވަރު ކުޅޭ ތަންތަނާއި ޕާކްތަކާއި އެއްވެ އުޅޭ މައިޒާންތައް ވެސް ބަންދުކުރިއެވެ. ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އެޅި ފިޔަވަޅެއްގެ ގޮތުން މާޗު މަހުގެ 18 ވަނަ ދުވަހު މާލެއާއި ރިސޯޓުތަކުގައި ޖަމާއަތުގައި ނަމާދުކުރު ކުރުމާއި ހުކުރު ކުރުން މެދުކަނޑާލުމަށް ރާއްޖޭގެ ދީނީ އިލްމުވެރިންނާއި ފަތުވާ މަޖިލީހުގެ ވެސް ލަފާގެ މަތިން ނިންމިއެވެ. މި ނިންމުމާއެކު ރާއްޖެ އިސްލާމްވި ދުވަހުން ފެށިގެން ވީ 867 އަހަރުތެރޭގައި ފުރަމާލޭގައި ހުކުރު ނަމާދު ނުކުރާ ދުވަހަކާއި ބައްދަލު ކުރަންޖެހި އެ ދުވަސް ހިތާމަވެރި ކަޅު ދުވަހެއްގެ ގޮތުގައި ތާރީޚުގައި ލިޔެވިގެން ދިޔައެވެ.

އޭޕްރީލް - ކޮވިޑްގެ ރާޅު ރާއްޖެއަށް ބީއްސާލި

ކޮވިޑް19 ގެ ބިރުވެރި ކަމުގެ ރަނގަބީލުގެ އަޑު ރާއްޖެއަށް އިވުނީ ކުއްލިޔަކަށް ނޫނެވެ. ޗައިނާއިން ކޮވިޑްގެ އަސަރު ފާޅުވީއްސުރެ ދިވެހިންނަށް ވާނުވާ އެނގެމުން ދިޔައެވެ. މައުލޫމާތު ލިބުމުގައި ދިވެހިންނަށްވުރެ ވަކީން އަވަސް ބަޔަކު ދުނިޔޭގައި މަދެވެ. ކުރިމަތިވެދާނެ ނުރައްކަލަކުން ސަލާމަތްވުމަށް ނުވަތަ ލިބޭ ގެއްލުން ކުޑަކުރުމަށް އެކަށީގެންވާ ވަގުތު ލިބުނެވެ. އެހެންކަމުން ވަރަށް ރަނގަޅަށް ތައްޔާރު ވަމުން އަންނަކަން ސަރުކާރުން އައީ ކަށަވަރު ކޮށްދެމުންނެވެ. ގިނަ ކަންތައްތަކެއް ސުވާލެއް ނުއުފެދޭހާ ރަނގަޅަށް ކުރެވިފައިވާކަން ޝުކުރުވެރި ކަމާއެކު ފާހަގަ ކުރަން ޖެހެއެވެ. ހާލެއްގައި ނުޖެހި އުނދަގޫތަކުން އަރައިގަނެވޭނެ ކަމުގެ އުންމީދާއި ޔަގީންކަން ރައްޔިތުންނަށް މެދުނުކެނޑި ލިބެމުން ދިޔައެވެ.

ނަމަވެސް އޭޕްރީލް މަހުގެ 15 ވަނަ ދުވަހުގެ އިރު އެރުމާއެކު، ރައްޔިތުންނަށް ސިހުން ގެނުވި ހަބަރަކީ މާލޭގެ ފްލޫ ކްލިނިކަކަށް ދިޔަ އަންހެނަކު ކޮވިޑް-19 އަށް ފައްސިވި ހަބަރެވެ. ފައްސިވީ މީހާއަކީ ރާއްޖެއިން ބޭރަށް ދަތުރުކޮށްފައިވާ މީހެއް ނޫން ކަމަށް ވުމާއެކު މާލޭގައި އެވަގުތު އޮތީ ކޮމިއުނިޓީ ޓްރާންސްމިޝަން އެއް ކަން ޔަގީންވެގެން ދިޔައެވެ. މުޅި މާލެ ފުރަބަންދު ކޮށް، މާލޭގެ އެލާޓު ރަތަށް ބަދަލު ކުރެވިގެން ދިޔައެވެ. އެތެރޭގެ އުދުހުންތައް ހަމަ އެދުވަހު މެދުކަނޑާލިއެވެ. މާލެ ސަރަހައްދުގައި ރައްޔިތުން ބޭރަށް ނުނިކުތުމަށް އެންގިއެވެ. ރައްޔިތުން ހާސް ކަމާ ބިރުވެރިކަމެއްގެ ތެރެއަށް ދިޔައިރު، ސަރުކާރުން ދިޔައީ ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ބަރާބަރަށް ފޯރުކޮށްދެމުން ދާނޭ ކަމުގެ ޔަގީން ކަން ދެމުންނެވެ.

ކޮމިއުނިޓީ ޓްރާންސްމިޝަން އާއެކު އިތުރުވަމުން އައި ކޮވިޑް-19 ގެ ކޭސްތަކާއެކު މާލެ ސަހަރައްދުގައި ކާފިއު އިއުލާނު ކުރެވިގެން ދިޔައެވެ. ކާފިއު އާއެކު ދެން ކުރިމަތިވީ އެއަށް ވުރެ އުނދަގޫ ބޮޑު ކަމެކެވެ. ވިޔަފާރި ކުރުމުގައި ދިމާވި ދަތިތަކާއެކު މިނިސްޓަރު ލެވެލްގެ ބޭފުޅުން ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކުގައި މާލެ މަގުމައްޗަށް ޑެލިވެރީއަށް ނިކުތެވެ. ގައުމީ ދިފާއީ ބާރުތަކުން އެ ހައްސާސް ދަނޑިވަޅުގައި ވެސް ދިވެހިންނަށް ސާބިތު ކޮށްދިނީ ރައްޔިތުންގެ ހިދުމަތުގައި އެބޭފުޅުން އަބަދުވެސް ތިބި ކަމެވެ. ފުރާނަ އަތް މައްޗަށް ލައިގެން ރައްޔިތުންގެ ހިދުމަތުގައި ނިކުތް، އެތައް ދަރުމަވެރިންގެ އެހީގައި މާލޭގެ ރައްޔިތުން ބަނޑަށް ޖެހުމުން ސަލާމަތް ކޮށްދިނެވެ.

އޭޕްރިލް މަސް ނިމިގެން ދިޔައީ ކޮވިޑް-19 ޖެހިގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް މީހަކު ނިޔާވި ހަބަރާއެކުގައެވެ. އުމުރުން 83 އަހަރުގެ އަންހެން މީހާގެ މަރުގެ އަޑު ދިވެހިން އެހީ ފުން ހިތާމައާއެކުގައެވެ.

މެއި - ތަފާތު ތަޖުރިބާތަކެއް ،ރޯދައާއި ޢީދު މުޅިން ތަފާތު

ދިވެހިންނާ ދެން ބައްދަލުކުރީ ކަޅު ދުވަސްތަކެކެވެ. ކޮވިޑް-19 ގެ ނަންބަރުތައް ދިޔައީ ދުވަހުން ދުވަހަކަށް ވުރެ މައްޗަށެވެ. ބަރަކާތްތެރި ރޯދަ މަހުގައި ގޭގައި ބަންދުވެ، އާއިލާ އާ ރައްޓެހިންނާ ބައްދަލުކުރުމުން އެތައް ބަޔަކު މަހުރޫމް ވިއެވެ. ކޮންމެ އަހަރަކު އޮންނަ އާއިލާ ރޯދަ ވީއްލުންތަކާއި މިސްކިތުގައި އޮންނަ ތަރާވީހެއް ނެތް ރޯދަ މަހެއް ދިވެހިން ހަޔާތުގައި ފުރަތަމަ ފަހަރަށް ބައްދަލުކުރިއެވެ. މުޅި ރޯދަ މަސް މިފަދަ ހާލެއްގައި ވޭތުވެގެން ދިޔައިރު، ދިވެހިން ދެއްކި ކެތްތެރިކަމާއި ނަމޫނާ ފާހަގަ ކޮށްލަން ޖެހެއެވެ.

މާލެ ސަރަހައްދު ލޮކްޑައުން ކުރުމާ ގުޅިގެން ފިހާރަތަކަށް ލިބުނު އޯޑަރުތައް ގިނަވެ، މުދާ ފޯރުކޮށްދިނުމުގައި ސިފައިން ހަރަކާތްތެރިވަނީ -- ފޮޓޯ/ އެމްއެންޑީއެފް

ކޮންމެ އަހަރަކުވެސް ކުލަގަދަކޮށް ފާހަގަކުރަމުން އައި ފިތުރު އީދު ވެސް ދިވެހިން މިއަހަރު ފާހަގަކުރީ ގޭގައި ތިބެއެވެ. އީދު ނަމާދުގެ ބޮޑު ޖަމާއަތެއް ނެތެވެ. އީދު ސަލާމް ކުރުމެއް، އާއިލާ އާ ރައްޓެހިންނާ ބައްދަލު ކުރުމެއް ނެތެވެ. ފެން ޖެހުމެއް، ކުލަ ޖެހުމެއް އަދި އެއްވެސް ކުޅިވަރެއް ނެތި ދިވެހިން ފިތުރު އީދު ނިންމާލީ ދުވަހަކު ވެސް ހިތަށް ސިފަ ވެސް ކޮށްފައިނުވާ ފަދަ ގޮތަކަށެވެ.

މެއި މަސް ފެށުނު އިރު ކޮވިޑް-19 ކޭސްތައް ހުރީ 477 ގައެވެ. މަސް ނިމުނުއިރު މި އަދަދު ވަނީ 1821 އަށް އަރާފައެވެ. މި މަސް ތެރޭގައި ކޮވިޑް-19 ޖެހިގެން އިތުރު 4 މީހަކު މި ދުނިޔެއާ އަލްވަދާއު ކިޔާފައިވެއެވެ.

ދެ މަހަށް ފަހު ފުރަތަމަ ފަހަރަށް ލޮކްޑައުންއަށް ކުޑަ ނަމަވެސް ލުޔެއް ދީފައި ވަނީ ވެސް މެއި މަހުގައެވެ. ފޭސްތަކަކަށް ބަހާލައިގެން، މޭ މަހުގެ 28 ވަނަ ދުވަހުން ފެށިގެން ލުއި ތަކަކީ ގިނަ ބަޔަކު އެދި އެދި ތިބި ލުއިތަކަކަށް ވެގެން ދިޔައެވެ. އެގޮތުން މި ދިން ލުއި ތަކާ އެކު މާލެ ސަރަހައްދުގައި އުޅޭ ރައްޔިތުންނަށް ވަނީ ކަމާ ބެހޭ ފަރާތްތަކުގެ ހުއްދައާއެކު ކޮންމެ ހަފުތާއަކު ދެ ދުވަހު ކޮންމެ ގޭބިސީއަކުން ވެސް ތިން މީހުންނަށް ދެ ގަޑިއިރަށް ނިކުމެވޭ ގޮތް ހަދައިދީ ބޭރަށް ނިކުމެ އުޅެވޭ ޒޯންތައް ވެސް އިތުރު ކޮށްދީފައެވެ.

ޖޫން - ކޮވިޑާއެކު އުޅުން ދިވެހިންނަށް ފަރިތަވި

ޖޫން މަހަކީ ކޮވިޑް-19 އާއެކު ދިވެހިން އުޅެން ދަސްކުރި މަހެވެ. ކޮވިޑް-19 ކޭސްތައް އެއްވަރެއްގައި ހިފެހެއްޓި، ލޮކްޑައުން އަށް ދިން ލުއިތަކުގެ ފުރަތަމަ ފޭސްއިން ދިވެހިން ފާސްވެ، ލޮކްޑައުން އަށް އިތުރު ލުއިތަކެއް ލިބިގެން ދިޔައެވެ.

އެގޮތުން ދެވަނަ ފިޔަވަހީގެ ލުއިތަކާއެކު ފަތިހު ފަހަކުން ރޭގަނޑު ދިހައެއް ޖަހަންދެން ހުއްދައަކާއި ނުލާ ބޭރުގައި އުޅުމުގެ ފުރުސަތު ދިނެވެ. އަދި ގަޑިތަކަކަށް ބަހާލައި ކަސްރަތު ކުރާ މީހުންނަށް އޮތް ގަޑިތައް ވެސް އިތުރު ކުރިއެވެ، މީގެ އިތުރުން، ޕާކުތަކާއި މައިޒާންތައް ވެސް ހުޅުވައި، ކެފޭ އަދި ރެސްޓޯރަންޓުތަކުން ޓޭކްއަވޭ އަދި ޑެލިވެރީގެ ހިދުމަތް ދިނުމުގެ ހުއްދަދިނެވެ.

ޖުލައި - ލޮކްޑައުންތަކަށް ލުއިދީ އައު އާންމު ހާލަތަށް މިސްރާބު ޖެހި

ޖޫން މަސް ނިމިގެން ދިޔައީ ލޮކްޑައުން އަށް ދިން އިތުރު ލުއިތަކަކާއެކުގައެވެ. އެއާއެކު ޖުލައި މަސް ދިވެހިންނާ ބައްދަލުކުރީ ކޮވިޑް-19 އިން އަރައިގަނެވިދާނެ ކަމުގެ އުންމީދު އާކޮށްދެމުންނެވެ.އެގޮތުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފަތިހު 05:00 އިން ރޭގަނޑު 11:00 އަށް ބޭރަށް ނިކުމެ އުޅެވޭ ގޮތަށް ހަމަޖެއްސިއިރު، ކެފޭ ރެސްޓޯރަންޓް ތަކާއި ފިހާރަތައް ހެނދުނު 09:00 އިން ރޭގަނޑު 10:00 އަށް ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ ދިނެވެ. އަދި ޔޫތު މިނިސްޓްރީގެ އިރުޝާދުތަކާ އެއްގޮތަށް މާލެ ސަރަހައްދުގައި ކުޅިވަރުތައް ކުރިއަށް ގެންދިއުމުގެ ހުއްދަދީ ސެލޫންތަކާއި ބޯކޮށާ ތަންތަން ހުޅުވުމަށް ވެސް ހުއްދަ ދެވުނެވެ. މީގެ އިތުރުން ރަށްރަށުގައި ތިބި މާލެ އަންނަން ބޭނުންވެފައިވާ ފަރާތްތަކެއް އެ ފުރުސަތު ވެސް ލުއިތަކާއެކު ފަހި ކޮށްދިނެވެ.

ބަލިމަޑުކަމުގެ ސަބަބުން ވެއްޓިފައި އޮތް ރާއްޖޭގެ އިގްތިސޯދު ކޮޅަށް ނަގައި އަލުން ޖެހުމަށް ޓަކައި ރާއްޖޭގެ ބޯޑަރު ފަތުރުވެރިންނަށް އަލުން ހުޅުވާލެވުނީ ވެސް ޖުލައި މަހުގައެވެ.

ނަމަވެސް ހީކުރި ގޮތާ ޚިލާފަށް ލޮކްޑައުން އަށް ދިން ލުއިތަކުގެ، ދިވެހިން ނެގީ ނާޖާއިޒު ފައިދާއެވެ. މާލެ މަގުމަތިން ފެނުނީ ސިއްހީ މާހިރުން އުންމީދު ކުރިފަދަ މަންޒަރެއް ނޫނެވެ. އިޖުތިމާއީ ގައިދުރުކަމެއް ނެތި، މާލޭގެ މަގުތައް ތޮއްޖައްސާ ފުރާލިއިރު، ތަޖުރިބާކާރުން އައީ ކޮވިޑް-19 ގެ ދެވަނަ ރާޅަކާ ކުރިމަތިލާން ޖެހިދާނެ ކަމުގެ އިންޒާރު ދިވެހިންނަށް ދެމުންނެވެ. ނަމަވެސް ސިއްހީ މާހިރުންގެ އެތަކެއް އާދޭސްތަކަކަށް ދިވެހިން ދިނީ ބީރު ކަންފަތެކެވެ.

އޯގަސްޓް އިން ސެޕްޓެމްބަރު އަށް - ދެވަނަ ރާޅެއްގެ ބިރުވެރިކަން

ލުއިތަކަށް ދިން ނައްސި އިޖާބުގެ ނަތީޖާއަކަށް ވެގެން ދިޔައީ އޮގަސްޓު މަހު ކޮވިޑް-19 ގެ ދެވަނަ ރާޅެއް ރާއްޖެއަށް އެރުމެވެ. އޮގަސްޓު މަހު ކޭސްތައް އިތުރުވާނެ ކަމަށް ކުރިން ލަފާކޮށްފައި އޮތް ނަމަވެސް، ލަފާ ކުރި މިންވަރަށް ވުރެ އިތުރަށް މީހުން ފައްސިވެފައި ވެއެވެ. ޖުލައި މަހުގެ 30 ވަނަ ދުވަހު ޕަބްލިކް ހެލްތު އެކްސްޕާޓް ޑރ.ޝީނާ މޫސާ ޢާންމު ކުރެއްވި ޕްރޮޖެކްޝަން ނުވަތަ އަންދާޒާތަކުގައި ވަނީ އޯގަސްޓްމަހު ކޮވިޑް-19 އަށް ފައްސި ވާނީ 2373 މީހުން ކަމަށެވެ. ނަމަވެސް އޮގަސްޓު މަހު މުޅި ރާއްޖެއިން ހަތަރު 3900 އަށް ވުރެ ގިނަ މީހުން ފައްސިވެފައި ވެއެވެ.

ޖެހިގެން އައި ސެޕްޓެމްބަރ މަހުގެ ފުރަތަމަ ހަފްތާއަށް ފަހު ކޮވިޑް-19 އެކްޓިވް ކޭސްތަކުގެ އަދަދު އައީ ދުވަހުން ދުވަހަށް މަދުވަމުންނެވެ. ނަމަވެސް ސެޕްޓެމްބަރު މަހު ވެސް ޖުމްލަ 2492 މީހުން ފައްސިވެފައިވެއެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުން އިތުރުވެ، އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހޭ މީހުން ގިނަވަމުން ދާނަމަ ރާއްޖޭގައި ކޮވިޑް-19 މެނޭޖް ނުކުރެވިދާނެ ކަމުގެ އިންޒާރު އެޗްއޯސީއަށް ލަފާ އަރުވާ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ (ޓެގް) އިން ދީފައި ވަނީ ވެސް އޮގަސްޓު މަހުގެ ތެރޭގައެވެ.

ލަފާކުރުންތަކަށް ވުރެ ރާއްޖޭގެ ހާލަތު ގޯސްވެގެންދިޔައިރު،  މާސްކް އެޅުން މަޖުބޫރު ކުރުމާއި ރޭގަނޑު 22:00 އާއި 05:00 އާއި ދެމެދު ބޭރުގައި އުޅުން މަނާ ކުރުމުގެ އިތުރުން ސަރުކާރުން ބަލި ކޮންޓްރޯލް ކުރުމަށް އިތުރު ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

އޮކްޓޯބަރު - ބިރުވެރިކަން ކުޑަވެ، އައު ދިރިއުޅުމަށް ދިވެހިން ހޭނެން ފެށި

ރާއްޖޭގެ ހާލަތު ރަނގަޅުވެ، ކޮވިޑް-19ގެ ކޭސްތައް އެއް ހަމައެއްގައި އޮކްޓޯބަރުމަހު ހިފެހެއްޓިގެން ދިޔައެވެ. މާސްކް އެޅުން މަޖުބޫރުކޮށް ފިހާރަތަކާއި ރެސްޓޯރެންޓްތަކާއި އާއްމު ޚިދުމަތްދޭ ތަންތަނުގައި އަމަލު ކުރަން ޖެހޭ ގައިޑްލައިންތައް އެކުލަވާލައިގެން ދެވަނަ ރާޅު ވެސް ދިވެހިން ކޮންޓްރޯލް ކުރިއެވެ. އަދި \ބަލިން ރަނގަޅުވާ މީހުންގެ އަދަދު އިތުރުވެ ދެވަނަ ރާޅުގެ މައްޗަށް ވެސް ދިވެހިން ކުރި ހޯދިއެވެ.

ކޮވިޑަށް ބައެއް ލުއިތައް ދިން އިރު، ބައެއް ލުއިތަކުގެ ސަބަބުން ނިކުތް ހިތި ނަތީޖާގެ ރަހަ ވެސް ދިވެހިން ބެލިއެވެ. އެގޮތުން އެޗްޕީއޭގެ ހާއްސަ ހުއްދައިގެ ދަށުން، ކަރަންޓީނު ނުވެ ތިލަދުންމައްޗަށް ދަތުރުކުރި ބައެއްގެ ސަބަބުން ތިލަދުންމަތީގެ ގިނަ ރަށްރަށަކަށް ކޮވިޑުގެ ބިރު ފެތުރިގެންދިޔައެވެ. މި މި ކްލަސްޓާއާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގ ހެދުމަށް، ކުޅުދުއްފުއްޓާއި ހއ ދިއްދޫ، ށ ފުނަދޫ، ހއ ހޯރަފުއްޓާއި ބާރަށް އަދި ހދ ކުރިނބީ ،އެޗްޕީއޭއިން މޮނިޓަރިން އަށް ލީއިރު، 17 އަށް ވުރެ ގިނަ މީހުން އެ ކްލަސްޓަރއިން ފައްސި ވިއެވެ.

ނޮވެންބަރު - ވެކްސިން ހަބަރާއެކު ހިތްހަމަޖެހުން

ނޮވެންބަރު މަސް ފެށިގެން އައިއިރު، ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު 100 އަށް ވުރެ ދަށުގައި ހުންނަތާ ދުވަސްތަކެއް ވެފައި ވީނަމަވެސް އޭގެ ފަހުން ދުވަހުން ދުވަހަށް ފައްސިވާ މީހުންގެ އަދަދު އެ އަދަދަށް ވުރެ މަދުވެ، އެއްވަރެއްގައި ހުރީ ހިފެހެއްޓިފައެވެ. އެއާއެކު މާލެ ސަރަހައްދުގައި އިއުލާނު ކޮށްފައި އޮތް ކާފިއުއަށް ވެސް ލުއިތަކެއް ދިނެވެ. އެގޮތުން ކޮވިޑް-19ގެ ހާލަތު ރަނގަޅުވަމުން އަންނަ މިންވަރަށް ބަލައި ލުއި ދެމުން ގޮސް މާލޭގައި ބޭރުގައި އުޅުން މަނާ ވަގުތަކީ ރޭގަނޑު 12:00 އާއި 4:00 އާ ދެމެދު ކަމުގައި ހަމަޖެއްސިއެވެ.

ފަރުވާއެއް ނެތް ކޮވިޑް-19 އަށް ވެކްސިންއެއް އުފައްދައި ބޭނުން ކުރުމުގެ ހުއްދަ ލިބިގެން ދިއުމަކީ ގިނަ ބަޔަކަށް އެކަމުގެ ހިތްހަމަޖެހުން ގެނުވި ކަމެކެވެ. 2021 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ރާއްޖެއަށް ވެސް ކޮވިޑް ވެކްސިން ޖަހަން ފަށާނެ ކަން އެޗްއީއޯސީން ހާމަކޮށްފައި ވަނީ ވަނީ ނޮވެންބަރު މަހުގެ ތެރޭގައެވެ. ވެކްސިން ލިބޭނީ އެކި ބެޗް ބެޗަށް އެކި މިންވަރަށް ކަމަށާއި، ވެކްސިން ލިބެމުންދާ މިންވަރަކުން ވެކްސިން ޖަހާނެ ފަރާތްތައް ގިންތި ކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރަމުންދާ ކަން ހާމަކޮށް، ވެކްސިން ޖެހުމަށް ވާން ޖެހޭ ތައްޔާރީތައް ވުމަށް ރާއްޖެއިން ވަނީ ސްޓިއަރިން ކޮމިޓީއެއް ވެސް އެކުލަވާލާފައެވެ.

ޑިސެންބަރު - އައު އާންމު ހާލަތުން އިން އާންމު ހާލަތަށް މިސްރާބު ޖެހި

ކޮވިޑް-19 ކޮންޓްރޯލްކޮށް ބަލީގެ މައްޗަށް ކާމިޔާބު ހޯދި ގައުމުތައް ކަމަށްވާ ޗައިނާ، ނިއުޒިލެންޑް، ތައިލެންޑް، ޓައިވާން ފަދަ ގައުމުތަކުގައި ދުވަހުން ދުވަހަށް ބަލި ޖެހޭ މީހުންގެ އަދަދު މަދުކޮށް، މުޖުތަމައުގެ ތެރެއިން ބަލި ނައްތާލި ގޮތަށް ބަލި ނައްތާލެވޭ ހާލަތަށް ރާއްޖެ ދެވިފައި ނުވި ނަމަވެސް، އަހަރު ނިމެން ގާތްވިއިރު ރާއްޖެއިން ވެސް ވަނީ ކޮވިޑުގެ މައްޗަށް ބޮޑު ކާމިޔާބީއެއް ހޯދާފައެވެ. އެގޮތުން ރާއްޖޭގައި ބަލި ޖެހޭ މީހުންގެ މިންވަރު އެވްރެޖުކޮށް ދުވާލަކު 50 މީހުނަށް ވުރެ ދަށުގައި ހިފެހެއްޓިގެން ދިޔައެވެ.

ތޮއްޖެހިފައި އޮތް މާލޭގައި މިފަހަރު ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި ދިވެހިން ހޯދި ކާމިޔާބީ ޖުލައި މަހު ހޯދި ކާމިޔާބަށްވުރެ ތަފާތެވެ. ސަބަބަކީ ޖުލައި މަހާ ހިލާފަށް މިހާރު ދިވެހިން ބަލި ފެތުރުން ކޮންޓްރޯލް ކޮށްފައި މިވަނީ "އައު އާއްމު ހާލަތުގައެވެ." ފިހާރަތަކާއި، އޮފީސްތަކާއި ރެސްޓޯރެންޓްތައް ވެސް ހުޅުވައިގެން ތިބެ ބަލި ކޮންޓްރޯލް ކުރުން އެއީ ފަސޭހަ ކަމެއް ނޫނެވެ.

ރާއްޖޭގެ ހާލަތަށް ބަލައި، ކޮވިޑުން ރައްކާތެރިވުމަށް އެޅި ގިނަ ފިޔަވަޅުތަކަކަށް ޑިސެންބަރު މަހު ލުއި ދީފައި ވެއެވެ. ގިނަ ބަޔަކު އެންމެ އެދެމުން ދިޔަ އެއް ކަމަކީ މާލެއިން ރަށްރަށަށް ދަތުރު ކުރުމުގައި ވާންޖެހޭ ކަރަންޓީނު އުވާލުމެވެ. ނަމަވެސް ސަރުކާރުން ވަނީ ކަރަންޓީނު އެއްކޮށް އުވާލެވެން ނެތް ކަން ފާހަގަކޮށް، ކަރަންޓީނުގެ މުއްދަތަށް ލުއިތަކެއް ދީފައެވެ. އެގޮތުން ކަަރަންޓީނު ވާން ޖެހޭ މުއްދަތު 14 ދުވަހުން 10 ދުވަހަށް ބަދަލު ކުރެވިގެން ދިޔައެވެ.

ކޮވިޑް-19ގެ ހާލަތު ރަނގަޅުވަމުން އަންނަ މިންވަރަށް ބަލައި، މާލެ ސަރަހައްދުގައި އިއުލާނު ކޮށްފައިވާ ކާފިއު އުވާލާފައި ވަނީ ވެސް ޑިސެންބަރު މަހުގެ ތެރޭގައެވެ.

މީގެ އިތުރުން ރާއްޖެއިން ބޭރުން އަންނަ ދިވެހިންނާއި ރާއްޖެއަށް ވޯކް ވިސާގައި އަންނަ ބިދޭސީން، 96 ގަޑިއިރު ނުވާ ޕީސީއާރު ނައްސި ޓެސްޓެއް އޮތް ނަމަ ކަރަންޓީނު ވާން ނުޖެހޭ ގޮތަށް ވެސް ވަނީ ނިންމާފައެވެ. މިގޮތަށް ކަނޑައެޅި ނަމަވެސް ރާއްޖެ އައިސް ރަށް ރަށަށް ދަތުރު ކުރާ ފަރާތްތަކާއި މާލެ ސަރަހައްދަށް އަންނަ ސިއްހީ ދާއިރާއާއި ތައުލީމީ ދާއިރާގެ އިތުރުން ދައުލަތުގެ މީހުން ބަލަހައްޓާ މަރުކަޒުތަކުގައި މަސައްކަތް ކުރާ މުވައްޒަފުން 10 ދުވަހަށް ކަރަންޓީނުވާން ޖެހޭނެއެވެ.

ހަމައެހެންމެ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކުރު ޗުއްޓީތަކަށް ރިސޯޓަށް ދިއުމުގެ ފުރުސަތު ފަހިކޮށްދީފައި ވެސް ވަނީ ހުސްވި ޑިސެންބަރު މަހުގެ ތެރޭގައެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!