މި ފިރިހެން މީހާ ޕިއްޒާ ކަނީ ފެނަށް ލައި ދޮވެގެން، ކީއްވެގެންކަން އެނގިއްޖެނަމަ އަންތަރީސްވާނެ
ޕިއްޒާ އަކީ ގިނަ ބަޔަކަށް ވަރަށް ކަމުދާ ކެއުމެކެވެ. އެކި ބާވަތްތަކުގެ ޕިއްޒާ ހުންނައިރު އެކި މީހުންނަށް ކަމުދަނީ އެކި ބާވަތްތަކުގެ ޕިއްޒާއެވެ. ޕިއްޒާ ކާއިރު ބައެއް ފަހަރަށް ޕިއްޒާ ފުށްގަނޑުގައިވާ ހަރުތަންކޮޅު ނުކައި ހުންނަ ވާހަކަ އަކީ އައު ވާހަކައެއް ނޫނެވެ. އެހެން ނަމަވެސް މިއޮތީ ތަފާތު ވާހަކައެކެވެ. ފެނަށް ލައި ދޮވެގެން ޕިއްޒާ ކާ ފިރިހެެނެއްގެ ވާހަކައެވެ.
މިމީހާ ޕިއްޒާ ކާ ގޮތް ވީޑިއޯ ކުރުމަށްފަހު މީސްމީޑިއާގައި ހިއްސާ ކޮށްފައިވަނީ އޭނާގެ އަނބިމީހާއެވެ. އަދި އެ ވީޑިއޯ ހިއްސާ ކުރުމަށްފަހު އޭނާގެ ފިރިމީހާ ޕިއްޒާ ކާ ގޮތާމެދު ފިރިމީހާ ލަދު ނުގަންނަ ކަމަށް ވެސް ލިޔެފައިވެއެވެ. ސުވާލަކީ މި ފިރިހެން މީހާ ޕިއްޒާ ފެނަށް ލައި ދޮވެގެން ކަނީ ކީއްވެގެން ބާވައެވެ. މި ސުވާލުގެ ޖަވާބު ވެސް އޭނާގެ އަނބިމީހާ ވަނީ ދީފައެވެ.
މި މީހާ ޕިއްޒާ ފެނަށް ލައި ދޮވެގެން ކަނީ އަވަހަށް ހިހޫ ކުރުމުގެ ގޮތުންނެވެ. އެގޮތުން އޭނާގެ އަނބިމީހާ ބުނެފައިވަނީ މިދެމަފިރިން ކޮލެޖުގައި ވެސް އުޅުނީ އެކުގައި ކަމަށާއި އެދުވަސްވަރު ވެސް މިދެމަފިރިން ނިކަން ލޯބިން ޕިއްޒާ ތައްޔާރުކޮށް ކައިހެދި ކަމަށެވެ. އަދި އެދުވަސްވަރު ވެސް އޭނަގެ ފިރިމީހާ ޕިއްޒާ ކަނީ އަވަހަށް ހިހޫ ކުރުމުގެ ގޮތުން ފެން އިސްކުރުން ދޮވެގެން ކަމަށް ވެސް އެ އަންހެން މީހާ ބުނެފައި ވެއެވެ.
މި އަންހެން މީހާ މި ވީޑިއޯ މީސްމީޑިއާގައި ހިއްސާ ކުރެމާއެކު ގިނަ އާންމުންގެ ފަރާތުން ވަނީ ނޭދެވޭ ކޮމެންޓުތައް ވެސް ރައްދުވެފައެވެ. އެގޮތުން ކުއްތާ ނޫވީ އެފަދަ ގޮތަކަށް ކައި އުޅޭ ޖަނަވާރުންނަށް ނިސްބަތް ކޮށް ބުނާ ފަދަ އިހާނެތި ބަސްތަކުން އޭނާގެ ފިރިމީހާއަށް ބަސް ބުނެފައި ވެއެވެ. ހަމައެއާއެކު ބައެއް ފަރާތްތަކުން ވަނީ އެ ފިރިހެން މީހާ ގާތުން ވަރިވުމަށް ވެސް ބުނެފައެވެ.
ފިރިމީހާގެ ދިފާއުގައި އަންހެން މީހާ ބުނެފައި ވަނީ އެއީ "ކަޑަ" ކަމެއް ނޫންކަމަށެވެ. ޕިއްޒާ ނެގުމަށް ފަހު ހޫނުކަން ފިލުވުމަށް ފެންއެއްޗަކަށް ލުމަށްފަހު ވަގުތުން ނެގުމަކީ އެއީ "ހަޑި" ކަމެއް ނޫންކަމަށާއި، އެކަމުގެ ސަބަބުން އެ ޕިއްޒާގެ ތާޒާކަން ވެސް ފިލައިގެން ނުދާނޭ ކަމަށެވެ. އަދި އެފަދަ ގޮތަކަށް ބަޔަކު އޭނާގެ ފިރިމީހާއާ މެދު ހުތުރު ގޮތަކަށް ބަސްތައް ރައްދުކޮށް ވަރިވާން ބުނިކަމުގައި ވިނަމަވެސް އެއަށް ވުރެ ބޮޑަަށް އޭނަގެ ފިރިމީހާ ދެކެ އެއަންހެން މީހާ މާ ލޯބިވާ ކަމަށް ވެސް ބުނެފައިވެއެވެ.