ރިޕޯޓް

އޮޅުވާލައިގެން ފައިސާ ހޯދާ މީހުންގެ މަސައްކަތް އަނެއްކާވެސް އުހަށް، މިފަހަރު މުދާ ގަތުމުގެ ނަމުގައި ބޮޑެތި އޮޅުވާލުންތަކެއް!

އާއިޝަތު އަލީނާ ، ދެން އޮންލައިން

މުޙައްމަދު ޙަލީމް (އަސްލު ނަމެއް ނޫން) އަށް މީގެ ދެތިން ދުވަސްކުރީން ލިބުނީ ރައްޓެއްސެއްގެ ފޯން ކޯލެކެވެ. ރައްޓެހި މީހާ ބުނީ ތަނަކަށް މުދާ ސަޕްލައި ކުރުމަށް އޯޑަރުތަކެއް ހުރި ކަމަށެވެ. މުޙައްމަދަކީ އެ މަސައްކަތް ކޮށް އުޅޭ މީހަކަށްވާތީ އެ ފުރުސަތު ރައްޓެހި މީހާ ، މުޙައްމަދަށް ދިނީއެވެ.

އޭގެ ފަހުން މުދާ ބޭނުންވާ މީހުންނާއި މުޙައްމަދާ ދެމެދު އެކި މުޢާމަލާތް ކުރަމުން ދިޔައެވެ. އެ ފަރާތުގެ ބުނާ ކުންފުނީގެ ނަމުގައި އޮތް މެއިލް އެޑްރެހަކުން ޕާޗޭސް އޯޑަރު ލިބުނެވެ. ނަމަވެސް މުޙައްމަދު އެދުނީ މުދަލުގެ މުޢާމަލާތް ކުރުމުގެ ކުރީން ދެފަރާތް ބައްދަލުވެ ވާހަކަ ދައްކާލާ ، އެގްރީމެންޓެއް ހެދުމަށެވެ. އޭގެ ފަހުން ދެ ދުވަހެއްގައި ވާހަކަ ދައްކާލުމަށްފަހު އެމީހުންގެ ޚަބަރެއް ނުވެއެވެ.

މިއީ އޮޅުވާލައިގެން ފައިސާ ހޯދަން މަސައްކަތް ކުރަމުން އަންނަ ބޮޑު ގޭންގުން މިހާރު ކުރަމުންދާ މަސައްކަތުގެ ކުރު ޚުލާޞާއެކެވެ. މި މަޅީގައި މިފަހަރު ވެސް އެތައް ބަޔަކު ޖެހި ، އެމީހުންގެ ދިރިއުޅުން އެ ފުށް މިފުށަށް ދަނީ ޖެހެމުންނެވެ. އެމީހުންގެ މަޅީގައި މީހަކު ރަނގަޅަށް ޖެހިއްޖެކަމަށް ޔަގީން ވުމުން ދެން އެމީހުން އެދެނީ ރިލޯޑަށެވެ. ނުވަތަ ރާސްޓަސްއަށެވެ. މުދަލުގެ އަގު ނިންމާއިރު އޭގެ އަގު ވެސް އަދާ ކުރާނެ ކަމުގެ ޔަގީންކަން ދެމުންނެވެ. އަނެއްކޮޅުން ، މަޅީގައި ޖެހުނު މީހާގެ ކުރިމަތީގައި ބޮޑު ވިޔަފާރިއެއް އޮތުމުން އޭނާ ވެސް އެ އަވައިގައި އެމީހުންގެ ޝިކާރައަކަށް ވެދަނީއެވެ. މީގެ އިތުރުން ދެން އެމީހުން އެދެނީ އެމީހުންނަށް މުދާ ފޮނުވައިދޭ އެހެން މީހަކު އަތުހުރި މުދާކޮޅަކަށް ފައިސާ ދައްކާލަދީފައި އެ ނަގާލަ ދިނުމަށެވެ. މުދާ ފޮނުވައިދޭ އެ މީހަކީ ވެސް އެމީހުންގެ ގޭންގުގެ މީހެއްކަން ނާންގާ އޮޅުވާލާފައެވެ. އަދި އެކަމުގައި އެއްވެސް ވަރަކަށް ބައިވެރި ނުވާ މީހުންގެ އައިޑީކާޑު ފަދަ ލިޔުންތައް މި މުޢާމަލާތްތަކުގައި ހިމަނާ އެމީހުން ދަނީ އޮޅުވާލަމުންނެވެ.

ކޮވިޑާ ގުޅިގެން އެތައް ބަޔަކު ދަތިވެ ބިކަވި މި ޙާލަތުގައި ވެސް މި ގްރޫޕްގެ މަސައްކަތް ދަނީ އިތުރަށް ކުރިއަށް ޖައްސަމުންނެވެ. އެންމެ ފަހުން އެމީހުން މަސައްކަތް ކުރީ ދަންނަ ރަޙުމަތްތެރިއެއްގެ ނަމުގައި ގުޅައި އެހީއަކަށް އެދި ފައިސާ ހޯދުމަށެވެ. ރަހުމަތްތެރިއަކަށް ދަތިވާ ޙާލުގައި ވީވަރަކުން އެހީވެ ދިނުމަކީ ކޮންމެ މީހަކު ވެސް ކުރަން ބޭނުންވާނެ ކަމެކެވެ. އަދި ކޮންމެ ކޮންމެ މީހަކީ އެފަދަ މީހުންނާމެދު އެހާ ހޭލުންތެރިވާނޭ މީހެއް ވެސް ނޫނެވެ. އެހެންކަމުން އެ ފަހަރު ވެސް އެތައް ބަޔަކު އެމީހުންގެ މަޅީގައި ޖެހިފައިވެއެވެ.

އޮޅުވާލުމާއި މަކަރުވެރިކަމުގައި މީހުންނަށް ގެއްލުމާއި ތުރާދޭ މި މީހުން ބޭނުން ކުރަމުން ދަނީ އުރީދޫއާއި ދިރާގުގެ ޚިދުމަތެވެ. ބޭންކް އޮފް މޯލްޑިވްސްގެ ބޭންކް އެކައުންޓްތަކެވެ. ނަމަވެސް ، އެއީ ކޮންބައެއް ކަމެއް ދެނެއެއް ނުގަނެވެއެވެ. އެމީހުންނާމެދު އެޅޭ ފިޔަވަޅެއް ނޯވެއެވެ.

ދަންނާށެވެ! މީސްތަކުންގެ މުދާ ބާޠިލްގޮތުގައި ކެއުމަކީ ބޮޑެތި ފާފަތަކުގެ ތެރެއިން ފާފައެކެވެ. އަދި އެފާފައެއް ކުރުމުން ނަރަކަޔަށް ދާންޖެހޭނެ ކަން ބަޔާން ކުރެވިފައިވާ ފާފައެކެވެ.

ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

(يَا أَيُّهَا الَّذِينَ آمَنُوا لَا تَأْكُلُوا أَمْوَالَكُم بَيْنَكُم بِالْبَاطِلِ إِلَّا أَن تَكُونَ تِجَارَةً عَن تَرَاضٍ مِّنكُمْ ۚ وَلَا تَقْتُلُوا أَنفُسَكُمْ ۚ إِنَّ اللَّـهَ كَانَ بِكُمْ رَحِيمًا ﴿٢٩﴾ وَمَن يَفْعَلْ ذَٰلِكَ عُدْوَانًا وَظُلْمًا فَسَوْفَ نُصْلِيهِ نَارًا ۚ وَكَانَ ذَٰلِكَ عَلَى اللَّـهِ يَسِيرًا ﴿٣٠﴾) [سورة النساء]

މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ބާޠިލްގޮތުގައި ތިޔަބައިމީހުންގެ މުދާތައް ތިޔަބައިމީހުންގެ މެދުގައި ނުކާށެވެ! އެހެނެއްކަމަކު، ތިޔަބައިމީހުންގެ ތެރެއިން ދެފަރާތުގެ ރުހުމުގެ މައްޗަށް އޮންނަ ވިޔަފާރިޔަކަށްވުން މެނުވީއެވެ. އަދި، ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތައް ތިޔަބައިމީހުން ޤަތުލު ނުކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ މައްޗަށް رحيم ވަންތަ ރަސްކަލާނގެ ކަމުގައި  ﷲ ވޮޑިގެންވެއެވެ.[29] ދެކޮޅުވެރިކަމާއި، އަނިޔާވެރިކަމުގެ ގޮތުން އެކަންތައް ކުރާމީހާ (ދަންނާށެވެ!) ފަހެ، ތިމަންރަސްކަލާނގެ އެމީހަކު ނަރަކަޔަށް ވައްދަވާހުށީމެވެ. އަދި، އެކަންތައް އެއީ، ﷲ އަށް ދާދި ފަސޭހަކަމެއް ކަމުގައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!