ރިޕޯޓް

އެމްބިއުލޭންސް އަަށް ތަން ދައްކަވާ، މާދަމާ އޭގައި ގެންދަން ޖެހޭނީ ތިބާގެ އާއިލާ މީހެއް ކަމުގައި ވެސް ވެދާނެ!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

މި ވާހަކަ ދައްކަން ހަގީގަތުގައި މިހާރު މާ ލަސް ވެސް ވެއްޖެއެވެ. އެހެނީ މިއީ މުޖުތަމައުގައި ފެންނަ ވަރަށް ނުރަނގަޅު އާދައެއް ކަމުގައި ވާތީއެވެ. މާލޭގެ މަގުތައްމަތީގައި ގިނަ ވަގުތު އުޅޭ ކޮންމެ މީހަކަށް ވެސް އަޅުގަނޑު މިދައްކަން އުޅެނީ ކޮން ވާހަކައެއްކަން އެނގޭނެއެވެ. އެންބިއުލޭންސް ސައިރިން އަޅާފައި އިމަރޖެންސީގައި ދާ ވަގުތު ވެސް ތަން ނުދައްކާ ވާހަކައެވެ. އެކަމަށް މާ ބޮޑު ފަރުވާލެއް ނުބަހައްޓާ ވާހަކައެވެ.

Ads by MWSC

އިންސާނާގެ ނަފްސު ރައްކާތެރިކުރުމަކީ އިސްލާމްދީނުގައިި ވަރަށް އިސްކަމެއް ދެއްވާފައި ވާ ކަމެކެވެ. އިންސާނާގެ ނަފްްސަށް ގެެއްލުން ލިބޭނެ ފަދަ ހުރިހާ ކަމެއް ދީނުގައި ވަނީ ނަހީ ކުރައްވާފައެވެ. އެގޮތުން ބަލިވުމުން ސަބަބުތަކުގައި ހިފައި ބޭސްފަރުވާ ކުރުމަށް ވެސް ދީނުގައި އަންގަވާފައިވެއެވެ. ކުޑަ ކަމެއް ވެގެން މީހަކު އެމްބިއުލޭންސްގައި ސައިރިން އަޅަމުން ނުގެންދާނެ ކަން ޔަގީނެވެ. އެގޮތަށް ގެންދާނީ ހާލު ބޮޑު ބަލި މީހުންނެވެ. ކޮންމެވެސް ކަހަލަ ހިތާމަވެރި ހާދިސާއެއް ހިނގައިގެން ޒަހަމް ވެގެން ގެންދާ މީހުންނެވެ.

އެމްބިއުލޭންސް ސައިރިންގައި ދާނަމަ އެމްބިއުލޭންސް އަށް ތަން ދެއްކުމަށް އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސެންސް ނަގާއިރު ވެސް ނަސޭހަތްތެރިވާނެއެވެ. އެހެން ނަމަވެސް ގާނޫނުގައި އެހެން އޮތް ކަމުގައި ވިޔަސް އެގޮތަށް އެންމެން އަމަލު ނުކުރާ ނަމަ ވާނެ ފައިދާއެއް ނޯންނާނެއެވެ. އެމްބިއުލޭންސްގައި މަސައްކަތް ކުރާ މުވައްޒަފުން ވެސް ފާހަގަ ކުރާ އެއްކަމަކީ މިއީއެވެ. އެމްބިއުލޭންސްގައި ހާލު ބޮޑު ބަލި މީހެއް ގޮވައިގެން ދާ ވަގުތު ވެސް ތަން ނުދައްކާ ވާހަކައެވެ.

މާލޭގެ މަގުތަކަކީ މާ ބޮޑެތި މަގުތަކެއް ނޫން ކަން އަޅުގަނޑަށް ވެސް އެނގެއެވެ. ބައެއް ފަހަރަށް އެއްކައިރިއަށް އެރޭނެ ގޮތެއް ވެސް ނޯވެއެވެ. ނަމަވެސް އެހެން ގިނަ ފަހަރަށް ދިމާވަނީ އެމްބިއުލޭންސް އައިސް ތިބާގެ ގައިގައި ޖެހެން ވުމުން ދެން އެއްކައިރިއަށް އަރަން އުޅޭތީއެވެ. ހަމަ ޔަގީނުން ވެސް އޭގެ މާ ކުރިން އެމްބިއުލޭންސްގެ ސައިރިންގެ އަޑު އިވޭނެކަން ޔަގީނެވެ. އެ އަޑު އިވޭއިރަށް އަވަހަށް އެއްކައިރިއަށް އަރަން ވާނެއެވެ. ތިބާ ގަޑިއަކަށް ތަނަކަށް ދާން އުޅުނު ކަމުގައި ވިޔަސް މެއެވެ. ސަބަބަކީ ތިބާ ގަޑި ޖެހުމަށް ވުރެ މީހެއްގެ ފުރާނަ ސަލާމަތް ނުކުރެވުމުން ލިބޭ ގެއްލުން މާ ބޮޑު ވާނެތީއެވެ. އެމީހެއްގެ އާއިލާއަށް ހިތާމައަކާ ކުރިމަތިލާން ޖެހޭނެތީއެވެ.

ނިކަން ވިސްނާލަބަލާށެވެ. މާދަމާ އެމްބިއުލޭންސްް އަށް އަރުވައިގެން އެމަރޖެންސީގައި ތިބާގެ އާއިލާގެ މީހަކު ނުވަތަ ރަހުމަތްތެރިއަކު ވެސް ގެންދަން ޖެހިދާނެއެވެ. އެ ދުވަހަކު ކޮންމެވެސް މީހަކު އެމްބިއުލޭންސްއަށް ތަން ނުދައްކާ ހުރެއްޖެ ނަމަ ތިބާގެ ގާތަށް ވެސް ރުޅި އަންނާނެކަން ޔަގީނެވެ. އަދި އެކަމާ ކުދި ކިޔައި އެއްޗެހި ކިޔާނެކަން ޔަގީނެވެ. އެހެން ނަމަވެސް އިއްޔެ އެހެން މީހެއްގެ އާއިލާ މީހަކު ހާލު ބޮޑުވެގެން ގެންދިޔައިރު ތިބާ ވެސް ކަންތައް ކުރި ގޮތަކީ އެއީއެވެ.

މިއީ ވަރަށް ކުޑަ ކަމެއްގެ ގޮތުގައި އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަށް ހީވެފައި އޮވެެދާނެއެވެ. އެހެން ނަމަވެސް މިއީ ވަރަށް ބޮޑު މައްސަލައެކެވެ. އެހެނީ އިންސާނާގެ ނަފްސަކީ ވަރަށް ބޮޑަށް ރައްކާތެރި ކުރެވި، ހުރުމަތްތެރި ކުރެވިގެންވާ އެއްޗެކެވެ. ހަމަ ގައިމު ވެސް ތިބާ އެމްބިއުލޭންސަަށް ތަން ނުދައްކައިގެން މީހެއްގެ ފުރާނަ ގެއްލިގެންދާކަށް ތިބާ ވެސް ބޭނުން ނުވާނެކަން ޔަގީނެވެ.

މިއަދު އަޅުގަނޑުމެން މިކަމާ ވިސްނާ ފިކުރު ކުރަން އެބަޖެހެއެވެ. ނޫން ނަމަ ނުރައްކާތެރި ހާދިސާއެއް ހިނގައިގެން މީހަކު ގެންދާ ވަގުތު އެންމެ މީހަކު ތަން ނުދެއްކުމުގެ ސަބަބުން ވެސް އެތައް ބައެއްގެ ފުރާނަ ގެއްލި، އެތައް ބަޔަކު ހިތާމަ ކުރަން ޖެހިދާނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!