ޚަބަރު

ވީއައިއޭގެ ޚިދުމަތްތައް ފޯރުކޮށްދެމުންގެންދާ ފަރާތްތަކަށް ރައީސް ޝުކުރު އަދާކުރައްވައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ކޯވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ) އަދި އެއަރޕޯޓާ ގުޅިފައިވާ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވަމުންދާ ފަރާތްތަކުގެ ބުރަ އަދި އަގުހުރި މަސައްކަތްތައް ފާހަގަ ކުރައްވައި ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެ ފަރާތްތަކަށް ޝުކުރު އަދާކުރައްވައިފިއެވެ.

Ads by Sosun Fihaara

އެ މަނިކުފާނު މިއަދު ހަވީރު ވަނީ ވީ.އައި.އޭ.އަށް ޒިޔާރަތް ކުރައްވައި، އެ ތަނުގައި މަސައްކަތް ކުރައްވާ އެކި މުވައްސަސާތަކުގެ މުވައްޒަފުންނާ ބައްދަލު ކުރައްވާފައެވެ.

ކޯވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ވެސް މިދިޔަ އަހަރު އެއަރޕޯޓުން ފަސިންޖަރުންނަށް ޚިދުމަތްދިނުމުގެ ސްޕީޑް ވަނީ އޭގެ ކުރީ އަހަރަށްވުރެ ބޮޑު ތަނުން ހަލުވި ކޮށްފައެވެ. އަދި މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން މިއަހަރުގެ ފުރަތަމަ މަހުގެ ނިޔަލަށް ޕީކް ސީޒަންގައި ފްލައިޓްތަކުގެ ހަރަކާތްތައް ވެސް ވަނީ ރެކޯޑް އަދަދަކަށް އިތުރުވެފައެވެ.

ވީ.އައި.އޭ.އަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޒިޔާރަތުގައި އެ މަނިކުފާނު ވަނީ އެއަރޕޯޓުގެ އެރައިވަލް ޓަރމިނަލްއަށް ވަޑައިގަންނަވާ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް(އެމް.އޭ.ސީ.އެލް)އާއި، މޯލްޑިވްސް ކަސްޓަމްސް ސަރވިސް، އަދި މޯލްޑިވްސް އިމިގްރޭޝަންގެ އިސް ބޭފުޅުންނާ ބައްދަލު ކުރައްވާފައެވެ. އަދި، އެ ބޭފުޅުންނާ ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ، ކޯވިޑްގެ ހާލަތުގައި އެ މުވައްސަސާތަކުގެ މުވައްޒަފުންގެ ފަރާތުން ފެނިގެންދިޔަ ޚިދުމަތްތެރިކަން ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން، އެ މުވައްސަސާތަކަށް ކުރިމަތިވާ ދަތިތައް އޮޅުއްފިލުއްވައި، ކުރިއަށް އޮތް ތަނުގައި ޚިދުމަތުގެ ފެންވަރު އިތުރަށް މަތިކޮށް، ސްޕީޑް އަވަސްކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން ވެސް ރައީސުލްޖުމްހޫރިއްޔާ މަޝްވަރާ ކުރެއްވިއެވެ. އެއަރޕޯޓަށް ކުރެއްވި މި ޒިޔާރަތުގައި އެއަރޕޯޓުގެ ފިއުލް ފާމް، ކާގޯ ޓަރމިނަލް، ކާރގޯ ޖެޓީ، އޭޕްރަން، ވީ.އައި.ޕީ. ބިލްޑިންގ އަދި ސީޕްލޭން ޓަރމިނަލް ވެސް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވިއެވެ. އަދި އެ ޕްރޮޖެކްޓްތަކުގެ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ސާފު ކުރެއްވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!