ޚަބަރު

ދެ ދަރިންނާއެކު ހައްވައްތަގެ ދެމަފިރިން ހަގީގަތުގައި ވެސް އުޅެނީ "ކޮތަރު ކޮއްޓެއްގައި"، ނަމަވެސް ފްލެޓު އަތުލައިފި!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އުމުރުން 50 އަހަރު ވާން ކައިރިވެފައިވާ ޙައްވާ ޢަލީ (ޙައްވައްތަ) އަކީ މާލޭ ރައްވެއްސެކެވެ. ނަމަވެސް "މާލޭ ރައްވެއްސަކަށް" ވުމަކުން ޙައްވައްތަ އަށްވީ މޮޅެއް ނެތޭ ބުނުން ދޮގަކަށް ނުވެއެވެ. ދެ ދަރިންނާއި ފިރިމީހާއާއެކު ޙައްވައްތަ ދިރިއުޅެނީ އެންމެ 70 އަކަފޫޓުގެ ތަންކޮޅެއްގައެވެ.

Ads by STELCO

އެމީހުން ނިދާ، ކައިބޮއި ހަދަނީ އެންމެ 50 އަކަފޫޓު ހަމަނުވާ ކޮޓަރިއެއްގައެވެ. އެތަންކޮޅު ތެރޭގައި ބަންކް ބެޑެއް ވެސް ބަހައްޓާފައި ހުރެއެވެ. ހައްވައްތަ ގެ ދެމަފިރިންނާއި ދެ ދަރިން ދިރިއުޅޭ އެ ކުޑަ ކޮޓަރީގެ ހަތަރު ފާރު ވީރާނާ ވެފައިވާއިރު، ބޯ މަތިން އަތް ޖެހޭ ސީލިންގ ބޮލަށް ނުވެއްޓި ހުރީ ހަމަ ކިރިޔާއެވެ.

މިފަދަ ދަތި ހާލުގައި މި ޢާއިލާ ދިރިއުޅެމުން ދިޔަ ނަމަވެސް، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޤަބްދުލްޤައްޔޫމް ގެ ވެރިކަމުގައި، "ހިޔާ" މަޝްރޫޢު ގެ ދަށުން ތަރައްޤީ ކުރި 7000 ފްލެޓުގެ ތެރެއިން ފްލެޓެއް އެއާއިލާއަށް ވެސް ލިބުނެވެ. އެކަންވީ މިޢާއިލާއަށް ލިބުނު ވަރަށް ބޮޑު ހިތްހަމަ ޖެހުމަކަށެވެ.

ނަމަވެސް، އެހިތްހަމަ ޖެހުން ވެގެން ދިޔައީ ދެ ދުވަހެއްގެ މެހެމާނަކަށް ތާއެވެ. ސަރުކާރު ބަދަލުވެ، "ޙައްޤުވެރީންނަށް" ފްލެޓު ދިނުމުގެ މަސައްކަތުގައި ހައްވައްތަ ގެ އާއިލާއަށް ލިބުނު ފްލެޓު ވަނީ އަތުލާފައެވެ.

ރައްޔިތުންގެ މިފަދަ ކަންބޮޑުވުންތައް (ޚާއްސަކޮށް ބޯހިޔާވަހިކަމާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް) ބަލައި، އެކަން އާންމުންނާއި ހަމައަށް ހާމަކުރަމުންދާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ "އާންމުންގެ އެކުވެރި ގުޅުމުގެ" ރައީސް މިދުއާމް ސައުދު (މިދު) މިއަދު ވަނީ ހައްވައްތަ ދިރިއުޅޭ "ކޮތަރު ކޮއްޓަށް" ޒިޔާރަތްކޮށް، އެތަނުގެ ހާލަތު މީސްމީޑިއާ ގައި އެޖަމިއްޔާގެ އެކައުންޓުގައި އާންމުކޮށްފައެވެ.

ހައްވައްތަ ގެ ހާލަތު ސިފަކޮށްދެމުން މިދު ވިދާޅުވީ އެމީހުން ދިރިއުޅޭ ކޮޓަރިއަށް ހައްވައްތައާއެކު އޭނާ ވަނުމުން، ދެން އިތުރު މީހަކަށް އެތަނުގައި ކޮޅަށް ހުންނާނެ ޖާގަވެސް ނެތް ކަމަށެވެ. "އެއް ފަޅީގައި ބަންކު އެނދު ހުރިއިރު އަނެއްފަޅީގައި އެެއްޗެހި ކިރިޔާ ބެހެއްޓެނީއެވެ. 18 އަހަރުން މަތީ ދެ ދަރިން މަތީ އެނދުގައި ނިދާއިރު ހައްވައްތަ ދެމަފިރިން ނިދަނީ ތިރީ އެނދުގައެވެ. ތަނަށް ވަންތާ މާގިނަ އިރެއް ނުވެ އަޅުގަނޑު ދާހިއްލަން ފަށައި، ހާސްވާން ފެށިއެވެ. ޖާގަ ކުޑަވެ، ހުރި މަދު އެެއްޗެހި އެއީ ވަރަށް ގިނަ އެއްޗެހިހެން ހީވާގޮތް ވީއިރު، ތަނުގައި ވައި ދައުރުވާނެ އެއްވެސް ގޮތެއް ނެތެވެ. ކުޑަ މޭޒުމަތީ ފަންކާއެއް އަރިމަތީ ފާރުގައި ހަރުކޮށްފައި ހުރިއިރު، އޭގެ ވަޔެއް ބަންކު އެނދު ތިރީގައި ނިދާ ހައްވައްތައަށް ނުޖެހޭނެކަން އިހުސާސްވިއިރު، އަޅުގަނޑު ހުރީ ދާހިއްލައި ފޯވެ ބޭރަށް ނިކުންނަން ބޭނުންވެފައިއެވެ." މިދު އާއްމުކޮށްފައިވާ ލިޔުމުގައި ވިދާޅުވެފައި ވެއެވެ.

ހައްވައްތަ އަކީ ނޭވާލުމުގެ މައްސަލައެއް ވެސް ހުންނަ މީހަކަށް ވާތީ އޭނާ ނޭވާ ލަނީ މެޝިނެއްގެ އެހީގައެވެ. ސިއްޙީ ގޮތުން ދިމާވެފައިވާ އެދަތިކަން ހައްވައްތަގެ ހުންނަތާ މިހާރު ފަސް އަހަރު ވެއްޖެއެވެ.

"ބަޔަކު މީހުން ލަގްޒަރީ އެޕާޓުމެންޓު ތަކުގައި ނޭވާލާ މެޝިނާއި، ނިދާ މެޝިން ބޭނުން ކުރަން ޖެހޭ" ވާހަކަ ދިވެހިން އަބަދު ދައްކާކަމަށާއި ސަރުކާރުގެ އެންމެ މަތީ ފަންތިން އެކަން ބަލާކަމަށް ވެސް މިދު ވިދާޅުވިއެވެ.

"އެކަމަކު ހައްވައްތަ އަކީ އެ ޝާހީ ގަބީލާއަށް ނިސްބަތްވާ މީހެއް ނޫނެވެ. ވީމާ ހައްވައްތަގެ ހާލެއް ނުބަލާނެ ތާއެވެ. އެވާހަކަ ނުދައްކާނެ ތާއެވެ. އެ ކޮޓަރީގައި 10 މިނެޓު ނުވަނީސް އަޅުގަނޑު ހާސްވާންފެށިއެވެ. ވީމާ އެތާ 50 އަހަރު އުޅުނު މީހަކު ނޭވާލުމުގެ މައްސަލަ ޖެހިފައިވުން އެއީ ހައިރާންވި ކަމަކަށް ނުވިއެވެ." މިދުއާމް ވިދާޅުވެފައިވެއެވެ.

މިދުއަމް ވަނީ ޙައްވައްތަ އަށް ލިބުނު ފްލެޓު، އޭނާ އަތުން ނިގުޅައިގަތް ގޮސް ވެސް ބަލާފައެވެ.

"ކުރީ ސަރުކާރުގައި ހައްވައްތައަށް ފްލެޓު ލިބުނެވެ. އެ ލިޔުންވެސް ލިބުނެވެެ. މިސަރުކާރުން ހެދި ފްލެޓު ކޮމެޓީން ހައްވައްތަ ގެޔަށް ގޮސް، ބަލައި ފާސްކޮށް، ނިންމީ ހައްވައްތަގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ކަމަށެވެ. އެހެން ކަނޑައަޅައި ފްލެޓުކޮމެޓީން ހައްވައްތަގެ ދިރިއުޅުމުގެ ހާލަތަށް ޕޮއިންޓު ކަނޑާލީއެވެ. ދިނީ 19 ޕޮއިންޓެވެ. ފްލެޓު ގެއްލުނީ އެހެންވެއެވެ. އެގެޔަށްގޮސް، އެތަން ލޮލުން ފެނި، އެ ހާލަތު އިހްސާސް ކުރެވުނު ބަޔަކު ހައްވައްތަގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކަމަށް ނިންމައި، ކުރިން ފްލެޓު ދިނީ ނުހައްގުން ކަމަށް ކަނޑައަޅައި، ހައްވައްތަގެ ފްލެޓު އަތުލައިގަތީ ކޮންގޮތަކުން ކަން އަޅުގަނޑުގެ ގަމާރު ސިކުނޑިއަކަށް ހަމަ ނުވިސްނުނެވެ." މިދުއާމް ވިދާޅުވިއެވެ.

މިހުރިހާ ކަމެއް ހާމަ ކުރައްވަމުން މިދު ގެ ސުވާލެއް ސަރުކާރަށް އަމާޒު ކޮށްފައިވެއެވެ.

" 'ނަހަލާލު އުސޫލަކަށް' ބިނާކޮށް ހައްވައްތަ ފަދަ ނިކަމެތިންގެ ފްލެޓު ނަގައި ތިމަންނާމެން ފްލެޓު ނެގީ ހައްގު ނޫން މީހުން އަތުންނޭ، ތިމަންނާމެން ފްލެޓު ބެހީ ހައްގުންނޭ ބުނާ ބަޔަކު ލަދު ގަންނަން ނުޖެހޭތޯ؟މިސުވާލުތަކެއް އަމިއްލަ ނަފްސާ ކުރަމުން ގެއިން ބޭރަށް ނިކުމެ ހައްވައްތަ އާއި ވާހަކަ ދެއްކީމެވެ. ގިސްލަގިސްލައި ހުރި ހާލު، ނޭވާލުމުގެ ހުރި އުދަގުލާއެކު ވެސް، ހައްވައްތަ ވާހަކަތައް އަޅުގަނޑަށް ކިޔައި ދިނެވެ. ޝަކުވާއާއި އުދާސްތައް ބަންޑުން ކުރަމުން ދިޔައެވެ. ހައްވައްތައަށް ވުރެ ބޮޑަށް ކަންބޮޑުވަނީ ދަރިންގެ މުސްތަގުބަލާ މެދުކަން ކިޔައި ދިނެވެ. އެ ކެކުޅުންތައް ހިއްސާ ކުރިއެވެ. ހައްވައްތަ އަށްވެސް ވިސްނައި ވިސްނައި ނޭނގުނު ކަމަކީ ފްލެޓު ކޮމެޓީން ހައްވައްތަގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކަމަށް ނިންމައި ކުރިން ލިބުނު ފްލެޓު އަތުލައިގަތް ގޮތެވެ." މިދުއާމް ވިދާޅުވިއެވެ.

އޮންލައިން ނޫސް "ވަގުތު" އަށް މައުލޫމާތު ދެއްވަމުން މިދު ވިދާޅުވީ ފްލެޓް ކޮމެޓީން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމުން ޝަކުވާ ހުށަހަޅަން ނޭނގޭތީ އާއި އަދި ޝަކުވާ ހުށަހަޅަން އާއްމުންގެ ޖަމިއްޔާއިން އެހީތެރިކަން ފޯރުކޮށްދިން ނަމަވެސް ހައްވައްތަ އަކީ ސިއްހީ ހާލަތު ހުރިގޮތުން ހިނގައިބިނގައިވެ އުޅެވޭ މީހަކަށް ނުވާތީ ޖަމިއްޔާގެ ހެލްޕް ޑެސްކަށް ގޮސް ޝަކުވާ ހުށަހަޅަން ވެސް ފުރުސަތު ނުލިބުނު ކަމަށެވެ.

މިދު ގެ އެދުމަކީ ހައްވައްތަ އަތުން އަތުލާފައިވާ ފްލެޓް ހޯދަން އާއްމުން ރައްޔިތުން މީސް މީޑިއާގައި އަޑުއުފުލައިދިނުމެވެ. ހައްވައްތަގެ ފްލެޓް ނަމްބަރަކީ H8/02304 އެވެ.

Ads by HDC
  1. ކުރުކުރު

    ރައީސްގެ ދޫ ފުޅުން ވިދާޅުވި ލިޔުންލިބުނު އެއްމެންނަށް ފުލެޓު ދޭ ނަމޭ.
    މިހާރު އިބޫ އަކީވެސް ދައްކާ ވާހަކައިގަ އެއްވެސް ތެދުވެރި ކަމެއް ހުންނަ މީހެއްނޫން.
    މުޅި އުމުރުގަވެސް އިބޫ އައް މާފު ނުކުރާނަން.
    އިބޫ އައް އިގެނީ މީހުންގެ ފުލެޓު އަތުލާފަ ރޯން..