ފްލެޓުތަކުގެ ދާއިމީ ލިސްޓު ނެރުން ހުއްޓުވަން އޭސީސީ އަށް
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ފެއްޓެވި ހިޔާ މަޝްރޫއުގެ ދަށުން، ފްލެޓަށް އެދުނު މީހުންގެ ތެރެއިން ފްލެޓް ލިބުނު މީހުންގެ ލިސްޓު އާންމުކޮށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވިއިރު ވެސް ދިރިއުޅުމުގެ ހާލަތަށް ޕޮއިންޓު ދިން މިންގަނޑު ފްލެޓް ކޮމިޓީން އާންމުކޮށްފައި ނުވާތީ ހިޔާ ފްލެޓްގެ ދާއިމީ ލިސްޓު ނެރުން ހުއްޓުވައި ދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފި އެވެ.
އަމިއްލަ ޖަމާޢަތެއް ކަމަށްވާ "ޢާއްމުންގެ އެކުވެރި ގުޅުމުން" މިމައްސަލަ ހުށަހަޅާ އޭސީސީގެ ރައީސް މަރިޔަމް ޝިއާނަށް ފޮނުވި ސިޓީއެއް ވަނީ މީޑިއާތަކާއި ހިއްސާ ކުރައްވާފައެވެ. އެގޮތުން އެސިޓީގައި ބުނެފައިވަނީ، ފްލެޓު ގެއްލިފައި ވަނީ މައިގަނޑު ގޮތެއްގައި ދިރިއުޅުމުގެ ހާލަތަށް ރިއާޔަތްކޮށް ލިބުނު ޕޮއިންޓް މަދުވުމުގެ ސަބަބުން ކަމަށާއި އެކަމާއި މެދު ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވިއިރުވެސް ދިރިއުޅުމުގެ ހާލަތަށް ޕޮއިންޓު ދިން މިންގަނޑު ފްލެޓް ކޮމިޓީން އާއްމު ނުކުރާ ކަމަށެވެ.
އެސިޓީގައި ބުނެފައި ވަނީ، ޕޮއިންޓު ދިން މިންގަނޑު އިއުލާން ކުރިއިރު، ޝަކުވާ ހުށަހަޅަން ދިން މުއްދަތު ހަމަވެފައިވާ ކަމަށެވެ. އަދި ދިރިއުޅުމުގެ ހާލަތަށް ރިއާޔަތްކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ގެއްލިފައިވާ ކަމަށާއި ފްލެޓު ކޮމިޓީން ވަނީ، މިހިނގާ ޑިސެމްބަރު މަސްތެރޭގައި ފައިނަލް ލިސްޓު ނެރޭނެކަމަށް ވެސް ބުނެފައި ކަމަށެވެ.
މީގެއިތުރުން އެސިޓީގައި ބުނެފައި ވަނީ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ނުދީ ފައިނަލް ލިސްޓު ނެރެފިނަމަ، އިޔާދަ ނުކުރެވޭނެ ގެއްލުމެއް ލިބޭނެ ކަމަށާއި އަދި ދިރިއުޅުމުގެ ހާލަތަށް ޕޮއިންޓު ދިން މިންގަނޑު އާންމު ނުކުރީ ވަކި ބަޔަކަށް ނާޖާއިޒު މަންފާވާނެ ގޮތަކަށް އަމަލުކުރަން ކަމަށް ގަބޫލު ކުރެވޭތީ އެ މައްސަލަ ތަހުގީގުކޮށް ދިނުމަށް އެދޭ ކަމަށެވެ.
"އަދި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ގާނޫނުގެ ދަށުން ތިޔަ ކޮމިޝަނަށް ލިބިދޭ ބާރުގެ ދަށުން މި މައްސަލަ ތަހުގީގުކޮށް ވަކިގޮތެއް ނިންމެންދެން ދާއިމީ ލިސްޓު އާންމުކުރުން ހުއްޓުވައި ދިނުމަށް އެދެމެވެ،" ޢާއްމުންގެ އެކުވެރި ގުޅުމުން އޭސީސީއަށް ފޮނުވި ސިޓީގައި ބުނެފައިވެއެވެ.
ޕީ.ޕީ އެމް ގެ ޕޮރޮޕަކަންޑާ އެއް ތިހިންފަނީ
ޕޮއިންޓު ދީފަ ހުރީ ވަރަށް އިންސާފު ވެރިކޮށް ތީ ޕީޕީއެމް ކުދިންނަށް ނަހައްގުން ފުލެޓް ނުލިބުނީމަ ޖަހާ ސަކަރާތެތް